ވޯލްޑް ކަޕް ފެށެން ބާކީ އެއްދުވަހަށް ވެފައިވާއިރު ގަތަރުން އަމާން ވޯލްޑް ކަޕެއް ގެންދިއުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޮޑު އަހަމިއްޔަތުކަމެއް ދެ އެވެ. ކުރިން ސުރެ ވޯލްޑް ކަޕް ސެކިއުރިޓީގެ ކަންކަން ގަތަރުން އަންނަނީ ރާވާ ތައްޔާރުވަމުންނެވެ.
އެގޮތުން ގުޅިގެން ސެކިއުރިޓީ ބެލެހެއްޓުމުގެ ޑީލްތަކުގައި ގަތަރުން ވަނީ ގިނަ ގައުމުތަކަކާ އެއްބަސްވެ ސޮއިކޮށްފަ އެވެ. 1.2 މިިލިއަނަށް ވުރެ ގިނަ ފޭނުން ވޯލްޑްކަޕަށް ގަތަރަށް އަންނާނެ ކަމަށް ލަފާކުރެވޭއިރު މިމުބާރާތް މާދަމާއިން ފެށިގެން އަންނަމަހުގެ 18 ގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
އެގައުމުގެ ލޯކަލް ޑެއިލީ ނޫސް ޕެނިންސުލާއިން ރިޕޯޓް ކުރި ގޮތުގައި 13 ޕާޓްނާރ ގައުމަކާއެކު ގަތަރުގެ ސެކިއުރިޓީ ބާރުތަކުން މީގެކުރިން ވަނީ 5 ދުވަހުގެ ސެކިއުރިޓީ ހަރަކާތެއް މުޅި ގައުމުގައި ކުރިއަށް ގެންގޮސްފަ އެވެ. މި ޑްރިލްތަކުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ތައްޔާރުވެފައިވާ މިންވަރަށާއި އިމަޖެންސީ ސާވިސްތަކުގެ ރެސްޕޮންސިވްނެސް އަށެވެ.
މުބާރާތުގެ ސެކިއުރިޓީ ކޮމިޓީން ހާމަކުރި ގޮތުގައި މި ހަރަކާތްތަކުގައި 32000 ސަރުކާރު ސެކިއިރިޓީ ހައިސިއްޔަތު އަދި 17000 ޕްރައިވެޓް ސެކިއުރިޓީ ސެކްޓާގެ ހައިސިއްޔަތުން ހިމެނެ އެވެ.
ސެކިއުރިޓީ ބެލެހެއްޓުމުގައި އެހީވަމުން އަންނަ ގައުމުތައް:
ތުރުކީން މީގެ ތަންކޮޅެއް ކުރިން ވަނީ އެގައުމުން 3000 ރަޔަޓް ޕޮލިސް އޮފިސަރުން ހޮޓެލް އަދި ސްޓޭޑިއަމްތަކުގައި އެހީވުމަށް ފޮނުވާނެކަމަށް އިއުލާނު ކޮށްފަ އެވެ. އަދި އޭގެ އިތުރުން ތުރުކީން 100 ސްޕެޝަލް އޮޕަރޭޝަންސް ޕޮލިސް އޮފިސަރުންނާއި 50 ބޮން ސްޕެޝަލިސްޓުން އަދި 80 ސްނިފަރ ކުއްތާ ފޮނުވާނެ ކަމަށް ވަނީ ބުނެފަ އެވެ.
ތުރުކީގެ އިންޓީރިއާ މިނިސްޓަރު ސުލޭމާން ސޯލޫ ޖެނުއަރީމަހު ބުނެފައިވަނީ ތުރުކީން ވަނީ 677 ގަތަރީ ސެކިއުރިޓީ ހައިސިއްޔަތުން 38 ޕްރެފެޝަނަލް ދާއިރާތަކަކުން ތަމްރީނުކޮށްފައި ކަމަށެވެ. ނަމަވެސް މާބޮޑަށް ޑީޓެއިލް މިނިސްޓަރު ހިއްސާ ކުރައްވާފައެއް ނުވެ އެވެ.
އޮގަސްޓްމަހު ޕާކިސްތާނުން ވެސް ގަތަރުގެ ސެކިއުރިޓީ ބަލަހައްޓަން އެހީވުމަށް އޮފިސަރުން ފޮނުވާނެކަމަށް ބުނިއިރު ރޭޑިއޯ ޕާކިސްތާނުން ރިޕޯޓުކުރި ގޮތުގައި އެއޮފިސަރުން ވަނީ މިމަހު ކުރީކޮޅު ދޯހާއަށް އައިސްފަ އެވެ.
ފްރާންސް ސަރުކާރުން ވެސް ވަނީ މުބާރާތަށް ގަލްފް ސްޓޭޓަށް 220 ސެކިއުރިޓީ ހައިސިއްޔަރު ފޮނުވަން ނިންމާފަ އެވެ. އަދި ފްރާންސް އިންޓީރިއާ މިނިސްޓަރު ބުނީ މި 220 އޮފިސަރުން ފޭނުންގެ ރައްކާތެރިކަމާ ފްރާންސް ރައްޔިތުންގެ ރައްކާތެރިކަން ޔަގީން ކުރާނެ ކަމަށެވެ.
ގަތަރުގެ ނިއުސް އޭޖެންސީން ރިޕޯޓުކުރި ގޮތުގައި ސެކިއިރިޓީ އެއްބަސްވުމެއްގައި މޮރޮކާއެކު ވެސް ގަތަރުން ސޮއިކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ މޭމަހު އިނގިރޭސި ވިލާތުގެ މިނިސްޓްރީ އޮފް ޑިފެންސުން ވެސް ވަނީ ރައްކާތެރި އަމާން ވޯލްޑް ކަޕެއް ބޭއްވުމަށް ދޯހާއަށް ސަޕޯޓުކުރާނެކަމަށް ބުނެފަ އެވެ.
އަދި މިނިސްޓްރީން ބުނީ ޓެރަރިޒަމްއާއި ފުޓްބޯޅަ މެޗުތަކަށް ހުރި ނުރައްކާތަކުން ދިފާއުވުމަށް މިލިޓަރީ ބާރުން ގަތަރަށް އެހީވާނެ ކަމަށެވެ. އަދި މިކަމުގައި ރޯޔަލް ނޭވީގެ މެރިޓައިމް ސެކިއުރިޓީ ސަޕޯޓް ވެސް ލިބިގެންދާނެ ކަމަށެވެ. އެގޮތުން އެޑްވާންސްޑް ވެނިއު ސާޗިން، އޮޕަރޭޝަނަލް ޕްލޭނިން، ކޮމާންޑް އެންޑް ކޮންޓްރޯލް ސަޕޯޓް ހިމެނެ އެވެ.
ގަތަރުން ވަނީ މުބާރާތުގެ ޓެކްނިކަލް އެރޭންޖްމަންޓްތަކުގައި އެހީވުމަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސާއެކު ވެސް އެއްބަސްވުމެއްގައި ސޮއިކޮށް ހަދާފަ އެވެ. ގަތަރުގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާއާއެކު ހެދުނު ޓެކްނިކަލް އެރޭންޖްމަންޓްސް އެއްބަސްވުމުގައި އަމާޒުކުރަނީ ދެފަރާތުގެ ކޯ-އޮޕަރޭޝަންއާ ބެހޭ ޒިންމާތައް އޭގެ އެންމެ އެދެވޭ ތަނަށް ފިޓްކުރުމާއި އެކަން ކަން ދެނެގަތުން ކަމަށެވެ.
ޔޫއެސް އާމްޑް ފޯސްއިން އަންނަނީ ފީފާ ވޯލްޑް ކަޕް އިވެންޓަށް ސަޕޯޓް ކުރުމަށް ކޮންޓްރިބިއުޓްކުރަމުން ކަމަށް އެބަޔާނުގައިވެ އެވެ. ޔޫއޭއީގެ ދަ ނެޝަނަލްއިން މިއަހަރު ކުރީކޮޅު ރިޕޯޓުކުރި ގޮތުގައި ކުރީގެ ޖޯޑޭނިއަން ފަހުލަވާނުންނަށް ވެސް އަންނަނީ ވޯލްޑް ކަޕުގައި އެކި ރޯލްތައް ދެމުންނެވެ.
ވޯލްޑް ކަޕް ފެށެން ކުޑަތަންވަމުން އަންނައިރު ސެކިއުރިޓީއާ ގުޅޭ ހަރަކާތްތައް ގަތަރުގެ މަގުތައް މަތިން އަންނަނީ ފެންނަމުންނެވެ. 8 ވޯލްޑް ކަޕް ސްޓޭޑިއަމްގައި ސެކިއުރިޓީ ކެމެރާ ފުޓޭޖް މޮނިޓަރ ކުރުމަށް ސެންޓްރަލް ކޮމާންޑް ސެންޓަރެއް ވެސް ވަނީ ގާއިމުކުރެވިފަ އެވެ.