ރެކޯޑް އަގަކަށް ޗެލްސީން ބެންފިކާއަށް ކުޅޭ އާޖެންޓީނާގެ މިޑްފީލްޑަރު އެންޒޯ ފަނާންޑޭޒް އެޓީމަށް ގެނެސްފި އެވެ. މި ޓްރާންސްފާއާއެކު 100 މިލިއަން ޕައުންޑަށް އެންމެ އަގުބޮޑު ކުޅުންތެރިޔެއްގެ ގޮތުގައި ޖެކް ގްރީލިޝް ގެނެސްގެން ސިޓީން ހެދި ރެކޯޑް ޗެލްސީން މިވަނީ މުގުރާލާފަ އެވެ. ޗެލްސީން އެންޒޯގެ ސޮއި ހޯދީ 107 މިލިއަން ޕައުންޑް (121 މިލިއަން ޔޫރޯ) އަށެވެ.
މިއީ އިނގިރޭސި ފުޓްބޯޅައިގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ އެވެ. ދެވަނައިގައި ޖެކް ގްރީލިޝް އޮތްއިރު ތިންވަނައިގައި އޮތީ ރޮމޭލޫ ލުކާކޫ އެވެ. އޮގަސްޓްމަހު 10 މިލިއަން ޕައުންޑަށް ބެންފިކާއާ ގުޅުނު މިޑްފީލްޑަރު ވަނީ ދާދިފަހުން ނިމިދިޔަ ވޯލްޑްކަޕް އާޖެންޓީނާއާއެކު ހިއްލާލާ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފަ އެވެ.
ޗެލްސީން އެންޒޯގެ ކޮންޓްރެކްޓް ހެދީ 8 އަހަރާއި ބަޔަށެވެ. މި ޓްރާންސްފާއާއެކު ޗެލްސީން ވަނީ މިފަހަރުގެ ޓްރާންސްފާ މާކެޓްގައި 270 މިލިއަން ޕައުންޑް ހޭދަކޮށް އިނގިރޭސި ކުލަބެއް އެންމެ ބޮޑު ހޭދައެއް ކުރި ކުލަބުގެ ޝަރަފުވެސް ހޯދާފަ އެވެ. މި ޓްރާންސްފާއަކީ ފުޓްބޯޅައިގައި 6 ވަނައަށް ކުރެވުނު އެންމެ އަގު ބޮޑު އެއް ޓްރާންސްފާ އެވެ. އަދި 2019 ވަނަ އަހަރު ބާސެލޯނާއިން ފްރާންސްގެ ތަރި ގްރީޒްމަންއަށް ދެއްކި 120 މިލިއަން ޔޫރޯއާއި ހަމަކޮށްފަ އެވެ.
ރިވާޕްލޭޓުން ބެންފިކާއަށް ބަދަލުވި ފެނާންޑޭޒް ވަނީ އެޓީމަށް ކުޅެދިން 29 މެޗުގައި 4 ގޯލު ޖަހާފަ އެވެ. މިދިޔަ އަންގާރަ ދުވަހު ބެންފިކާއިން ހާމަކުރި ގޮތުގައި މި ޓްރާންސްފާއިން 25 ޕަސެންޓް ރިވާ ޕްލޭޓަށް ލިބޭނެ އެވެ. އެއީ ގާތްގަނޑަކަށް 30 މިލިއަން ޔޫރޯ އެވެ.
ނިމިދިޔަ ވޯލްޑްކަޕްގައި އާޖެންޓީނާއަށް މޮޅު ކުޅުމެއް ދައްކައިދީ އެޓީމުގެ ކާމިޔާބީގައި މުހިންމު ރޯލެއް އަދާކުރި ފަނާންޑޭޒް ވަނީ މިޑްފީލްޑަރެއްގެ ގޮތުގައި ކުޅެ ވޯލްޑްކަޕުގައި ލަނޑު ވެސް ޖަހާފަ އެވެ. އާޖެންޓީނާއިން 2 - 0 ން މެކްސިކޯ ބަލިކުރި މެޗުގެ ފަނާންޑޭޒްގެ ލަނޑެއް ފެނިގެންދިޔަ އެވެ.
ޗެލްސީގެ އެހެން ޓްރާންސްފާތަކަށް ބަލާލާއިރު އެޓީމުން ވަނީ ޖެނުއަރީގައި ދާއިމީ ޑީލްތަކުގެ ދަށުން ނޮނީ މަޑުއޭކޭއާއި މިކައިލޯ މުޑްރީކް، ޑޭވިޑް ޑަޓްރޯ ފޮފާނާ، އާންޑްރޭ ސަންތޯސް، ބެނޮއިޓް ބަޑިއާޝިލޭ އަދި މަލޯ ގަސްޓޯގެ ސޮއި ހޯދާފަ އެވެ. އަދި އެތްލެޓިކޯ މެޑްރިޑުން ލޯން އެއްބަސްވުމެއްގެ ދަށުން ޗެލްސީން ވަނީ ޖޯއޯ ފެލިކްސް ވެސް ގެނެސްފަ އެވެ.
ޗެލްސީ މިވަގުތު އޮތީ ޕްރިމިއާ ލީގުގެ 10 ވަނައިގަ އެވެ. މިދިޔަ އަހަރުގެ މޭމަހު ޗެލްސީގެ އޯނަރު ރޯމަން އަބްރަމޮވިޗް ވަކިކޮށް ޓޮޑް ބޮއެލީ ވަނީ 4.25 ބިލިއަން ޕައުންޑަށް އެކުލަބް ގަނެފަ އެވެ.