twitterviber whatsapp telegramfacebookyoutube instagram
5th May 2024

ވޯލްޑްކަޕުގެ ފުރަތަމަ މެޗު: ހޯސްޓް ގަތަރުން އެކުއެޑޯއާ ދެކޮޅަށް، ވާދަވެރިކަމަށް ނަޒަރެއް!

މުޙައްމަދު އަހުމަދު
Nov 20, 2022

ވޯލްޑް ކަޕް ފެށުމަށް ގާތްގަނޑަކަށް 4 ގަޑިއިރަށްވެފައިވާއިރު މިރޭ ފެށޭ ދުނިޔޭގެ ތައްޓަށް ކުޅެވޭ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ވޯލްޑް ކަޕް 2022 ގެ ހުޅުވާ މެޗުގައި ހޯސްޓް ގަތަރުން ނުކުންނާނީ އެކުއެޑޯއާ ދެކޮޅަށެވެ.

އަލް ބައިތް ސްޓޭޑިއަމްގައި މުބާރާތުގެ ފުރަތަމަ މެޗާއި ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވޭއިރު މިރޭ 7.30 ގައި މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ފެށިގެންދާނެ އެވެ.

މިރޭ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ގަތަރާއި އެކުއެޑޯގެ ވާދަވެރިކަމަށް ނަޒަރެއް ހިންގާލާއިރު މިދެޓީމުގެ މިއީ 4 ވަނަ ބައްދަލުކުރުމެވެ. މީގެކުރިން 3 ފަހަރެއްގެ މަތިން މިދެޓީމު ބައްދަލުކޮށްފައިވާއިރު އެ 3 މެޗު ވެސް ކުޅެވުނީ ގަތަރުގަ އެވެ.

ދެޓީމުގެ ހެޑް ޓު ހެޑް ރެކޯޑަށް ބަލާލާއިރު ދެގައުމު ވެސް ވަނީ އެއްވަރުކޮށެވެ. ކޮންމެ ގައުމަކުން ވެސް 1 މެޗު ކާމިޔާބުކުރިއިރު އަނެއް މެޗުން ވީ އެއްވަރެވެ. އަދި ދެޓީމުން އެ 3 މެޗުގައި ޖަހާފައިވަނީ ވެސް ޖުމްލަ 6 ގޯލުކަން ފާހަގަކުރެވެ އެވެ.

މިތަނުން ގިނަ ލަނޑުތައް ފެނުނީ އެންމެ ފަހުން މިދެޓީމު ބައްދަލުކުރި މެޗުގަ އެވެ. 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި ދޯހާގައި ހުންނަ ޖާސިމް ބިން ހަމަދް ސްޓޭޑިއަމްގައި މިދެޓީމު ބައްދަލުކުރި މެޗު ނިމުނީ 4 - 3 ން ގަތަރު މޮޅުވެގެންނެވެ.

އަލްމޮއޭޒް އަލީއާއި އެނާރ ވެލެންސިއާ މިދެކުޅުންތެރިން އެމެޗުގައި ކޮންމެ ކުޅުންތެރިޔަކު ދެގޯލު ކާމިޔާބުކޮށްފައިވާއިރު އެދެކުޅުންތެރިން މިރޭ ވެސް ފެންނާނެ ކަމަށް ބެލެވޭއިރު އެކުޅުންތެރިންނާއެކު 2018ގެ ލަނޑުތައް ޖެހި އަކްރަމް އަފީފް ވެސް މިރޭ ގަތަރު ޓީމުން ފެންނާނެކަމަށް ބެލެވެ އެވެ. އެނާރ ވެލެންސިއާ އަކީ އެކުއެޑޯ ކުޅުންތެރިޔެކެވެ.

އެންމެފަހުން 2018 ގައި މިދެޓީމު ބައްދަލުކުރިއިރު އޭގެކުރިން މިދެޓީމު ބައްދަލުކޮށްފައިވަނީ 1996 ވަނަ އަހަރު އެވެ. ފުރަތަމަ މެޗުން ދެޓީމު އެއްވަރުވީ 1 - 1 ންނެވެ. އެކުއެޑޯއިން އެފަހަރު އެޑުއާޑޯ ހުޓާޑޯގެ ގޯލުން ލީޑު ނަގާފައިވަނިކޮށް އަބްދުލް އަޒީޒް ހަސަންގެ ލަނޑުން އެފަހަރު ގަތަރު ސަލާމަތްވީ އެވެ.

އޭގެ ހަފްތާއެއް ފަހުން އަލް އަސަދުގައި ކުޅެވުނު ދެވަނަ މެޗުން އެކުއެޑޯ 2 - 1 ން މޮޅުވިއިރު އެމެޗުގައި ވެސް އެޑުއާޑޯ ހުޓާޑޯ ވަނީ ލަނޑު ޖަހާފަ އެވެ.

ގަތަރު - އެކުއެޑޯ (ހެޑް ޓު ހެޑް):

ގަތަރު - 1 މޮޅު

އެކުއެޑޯ - 1 މޮޅު

1 މެޗު އެއްވަރު

ގަތަރު - 6 ލަނޑު

އެކުއެޑޯ - 6 ލަނޑު

މެޗުތައް:

އޮކްޓޫބަރު 12 2018: ގަތަރު 4 - 3 އެކުއެޑޯ

ފެބްރުއަރީ 25 1996: ގަތަރު 1 - 2 އެކުއެޑޯ

ފެބްރުއަރީ 18 1996: ގަތަރު 1 - 1 އެކުއެޑޯ

ތިން މެޗަކީ ވެސް އެކުވެރިކަމުގެ މެޗުތަކެކެވެ.

މިރޭ ގަތަރާއި އެކުއެޑޯ ބައްދަލުކުރާ ގަތަރު ވޯލްޑް ކަޕް 2022 ގެ ފުރަތަމަ މެޗު އަލް ބައިތް ސްޓޭޑިއަމްގައި މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރު ފަށާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355