twitterviber whatsapp telegramfacebookyoutube instagram
5th May 2024

ކާމިޔާބު ފެށުމަކާއެކު އިރާން އަތުން އިނގިރޭސިންނަށް ފަސޭހަ މޮޅެއް

މުޙައްމަދު އަހުމަދު
Nov 21, 2022

މިހާރު ކުރިއަށްދާ ޝަރަފުވެރި ގަތަރު ވޯލްޑްކަޕް 2022 ގެ ދެވަނަ ދުވަހުގެ ފުރަތަމަ މެޗުގައި އިނގިރޭސި ވިލާތުން އިރާނުގެ މައްޗަށް ފަސޭހަކަމާއެކު ކުރިހޯދާ މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

ގަތަރުގެ އަލް ރައްޔާންގެ ހަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅެވުނު މި ފޯރިގަދަ މެޗުގައި އިރާނުގެ މައްޗަށް އިނގިރޭސިން ކުރިހޯދީ 6 - 2 ގެ ބޮޑު ތަފާތަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވެސް އިންގްލެންޑުން ވަނީ 3 ގޯލުގެ ލީޑެއް ނަގާފަ އެވެ. މެޗުގެ 35 ވަނަ މިނެޓުގައި އިންގްލެންޑަށް ލީޑު ނަގައިދިނީ އެޓީމުގެ ޒުވާން ކުޅުންތެރިޔާ ޖޫޑް ބެލިންހަމް އެވެ. މިއީ އޭނާގެ ކެރިއަރުގައި ބައިނަލްއަގްވާމީ ފުރަތަމަ ލަނޑުކަން ފާހަގަކޮށްފަ އެވެ.

43 ވަނަ މިނެޓުގައި ބުކާޔޯ ސަކާގެ ގޯލުން އިންގްލެންޑުން ލީޑު ފުޅާކުރިއިރު މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ރަހީމް ސްޓާލިން ވަނީ އިންގްލެންޑްގެ 3 ވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

އިންގްލެންޑުން ދެވަނަ ހާފު ވެސް ފެށީ ވަރުގަދަކޮށްނެވެ. ދެވަނަ ހާފު ފެށިގެން 17 މިިނެޓުތެރޭ ބުކާޔޯ ސަކާ ވަނީ އޭނާގެ ދެވަނަ ލަނޑާއެކު އިންގްލެންޑަށް ލީޑު އިތުރަށް ފުޅާކޮށްދީފަ އެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން 65 ވަނަ މިނެޓުގައި މެހްދީ ޓަރޭމީ އިރާނުގެ ފުރަތަމަ ގޯލު ޖަހައިދިނެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރާ މާކަސް ރަޝްފޯޑު އިންގްލެންޑްގެ 5 ވަނަ ލަނޑު ކާމިޔާބުކޮށްދިނެވެ. މެޗުގެ އެންމެ ފަހުވަގުތު ޖެކްރ ގްރީލިޝް އެޓީމުގެ ފަހު ލަނޑު ކާމިޔާބުކޮށްދިނެވެ. މެޗު ނިމެން ކުޑަތަންވެފައި ވަނިކޮށް ޖޯޑަން ޕިކްފޯޑް ޓަރޭމީއަށް ކުރި ފައުލަކާ ގުޅިގެން އިރާނަށް ޕެނަލްޓީއެއް ލިބުނެވެ. ޓަރޭމީ ވަނީ ޕެނަލްޓީ ކާމިޔާބުކޮށް އިރާނުގެ ދެވަނަ ގޯލު ޖަހާފަ އެވެ.

މިއީ އިންޓަނޭޝަނަލް މައިދާނުގައި އިންގްލެންޑުން އިރާނާ ދެކޮޅަށް ނުކުތް ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ.

މިރޭ ސެނެގާލާއި ނެދަލެންޑްސް ބައްދަލުކުރާ މެޗު ފަށައިގެން ކުރިއަށްދާއިރު މިރޭ އަދި އިތުރު މެޗެއް ކުޅެވޭނެ އެވެ. ދަންވަރު 12 ޖަހާއިރު ކުޅެވޭ މެޗުގައި ވޭލްސްއިން ނުކުންނާނީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއާ ދެކޮޅަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355