twitterviber whatsapp telegramfacebookyoutube instagram
5th May 2024

64 އަހަރަށްފަހު ވޯލްޑްކަޕަށް އެނބުރިއައުން، ބޭލް ވޭލްސް ސަލާމަތްކޮށްދީފި

މުޙައްމަދު އަހުމަދު
Nov 22, 2022

64 އަހަރަށްފަހު ވޯލްޑްކަޕަށް ކޮލިފައިވި ޔޫރަޕުގެ ވޭލްސްއިން މިފަހަރުގެ ވޯލްޑްކަޕުގައި ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއާ އެއްވަރުވެއްޖެ އެވެ.

ރޭ ދަންވަރު އަހްމަދު ބިން އަލީ ސްޓޭޑިއަމްގައި ކުޅެވުނު މެޗުން ވޭލްސްއާއި އެމެރިކާ އެއްވަރުވީ 1 - 1 ންނެވެ. ވޭލްސް ވޯލްޑްކަޕުގައި މިފަހަރު ވާދަކުރަނީ 64 އަހަރުގެ މެދުކެނޑުމަކަށްފަހު އެވެ. އެޓީމު އެންމެފަހުން ކުޅުނު ވޯލްޑްކަޕަކީ 1958 ވަނަ އަހަރުގެ ވޯލްޑްކަޕެވެ.

މީގެކުރިން މިދެޓީމު 2 ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވެ އެވެ. 2020 ވަނަ އަހަރު ކުޅެވުނު މެޗުން ދެޓީމު 0 - 0 ން އެއްވަރުވިއިރު 2003 ވަނަ އަހަރުގެ މެއިމަހު ކުޅެވުނު މެޗު 2 - 0 ން ކާމިޔާބުކޮށްފައިވަނީ އެމެރިކާއިންނެވެ.

ރޭ ކުޅެވުނު މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެމެރިކާއިންނެވެ. މެޗުގެ 36 ވަނަ މިނެޓުގައި ކްރިސްޓިއަން ޕުލިސިޗްގެ އެސިސްޓަކުން އެމެރިކާއަށް ލީޑު ނަގައިދިނީ ޓިމޮތީ ވެއާ އެވެ.

މެޗުގައި ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ގިނަ ބަޔަކަށް ހީކުރެވުނީ 64 އަހަރަށްފަހު އެނބުރި އައި ވޭލްސް އެޓީމުގެ ފުރަތަމަ ކުރިމަތިލުމުން ބަލިވާނެކަމަށެވެ. ނަމަވެސް 84 ވަނަ މިނެޓުގައި ވޯކާރ ޒިމާމަން ވޭލްސް ކެޕްޓަން ގަރެތް ބޭލްއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ގޯލަށް ވައްދާލައިގެން ބޭލް ވަނީ ފަހުވަގުތު ވޭލްސްއަށް ޕޮއިންޓެއް ހޯދައިދީފަ އެވެ.

އެނބުރި އައި މެޗުން ކެޕްޓަން ބޭލް ވިދާލިއިރު މިއީ 64 އަހަރުގެ ތެރޭ ވޭލްސްގެ ފުރަތަމަ ވޯލްޑް ކަޕް ގޯލެވެ. އަދި ބޭލް ގައުމީ ޓީމަށް ޖަހައިދިން 41 ވަނަ ގޯލެވެ. މިއީ ވޯލްޑް ކަޕުގައި ވޭލްސްއާއި އެމެރިކާ ބައްދަލުކުރި ފުރަތަމަ މެޗުކަން ވެސް ފާހަގަކޮށްލެވެ އެވެ.

މިއަދު ވެސް ވޯލްޑް ކަޕުގެ 3 މެޗެއް ކުޅެވޭނެ އެވެ. ހަވީރު 3 ޖަހާއިރު އާޖެންޓީނާއިން ސައުދީއާ ދެކޮޅަށް ނުކުންނައިރު އިރުއޮއްސި 6 ޖަހާއިރު ޑެންމާކާއި ޓިއުނީޝިއާ ވާދަކުރާނެ އެވެ. އަދި މިރޭ 9 ޖަހާއިރު މެކްސިކޯއާ ޕޮލެންޑް ބައްދަލުކުރާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355