twitterviber whatsapp telegramfacebookyoutube instagram
28th April 2024

އިތުރުވަގުތުގައި ދެލަނޑު ޖަހާ ވޭލްސް ބަލިކޮށް އިރާނަށް ވޯލްޑްކަޕުގެ ފުރަތަމަ މޮޅު!

މުޙައްމަދު އަހުމަދު
Nov 25, 2022

އިތުރުވަގުތުގައި ޖެހި ދެލަނޑާއެކު އިރާނުން ވޭލްސް ބަލިކޮށް ގަތަރު ވޯލްޑްކަޕް 2022 ގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

އަހްމަދު ބިން އަލީ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅެވުނު މިމެޗު އިރާނުން ކާމިޔާބުކުރީ 2 - 0 ގެ ނަތީޖާއަކުންނެވެ. 10 މީހުންނާއެކު ކުޅުނު ވޭލްސް ކޮޅަށް އިރާނުން ޖެހި ދެގޯލު ވެސް ކާމިޔާބުކޮށްފައިވަނީ އިތުރުވަގުތުގެ ތެރޭގަ އެވެ.

ގިނައިރު ބޯޅަ ހިފަހައްޓައިގެން ވޭލްސްއިން ކުޅުނު ނަމަވެސް އިރާނުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާ ވޭލްސްގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ.

މެޗުގެ 86 ވަނަ މިނެޓުގައި ވޭލްސްގެ ކީޕަރު ހެނެސީއަށް ވަނީ އިރާނުން ކުރި އެޓޭކްއެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ކުޅުންތެރިޔާ މޫނުގައި ފައިން ޖެހުމުން ރީނދޫ ކާޑެއް ދައްކާފަ އެވެ. ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ އޭނާ ރަތް ކާޑެއް ދެއްކީ އެވެ.

އިތުރުވަގުތުގެ 8 ވަނަ މިނެޓުގައި އިރާނުގެ ރޫޒްބޭ ޗެޝްމީ ޖެހި ބޯޅަ ގޯލުގެ ކަނަށް އަމާޒުވިއިރު އޭގެ ތިން ވަރަކަށް މިނެޓުފަހުން ތަރޭމީ ވަނީ އިރާނުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ.

މިމެޗުގެ ކުރިން އިރާނާއި ވޭލްސް ބައްދަލުކުރީ އެންމެ ފަހަރަކު އެވެ. 1978 ވަނަ ކުޅެވުނު މެޗު 1 - 0 ން ކާމިޔާބުކުރީ ވޭލްސްއިންނެވެ. އަދި ވޭލްސްއިން އެޓީމުގެ ތާރީހުގައި އޭޝިއާ ޓީމަކާ 7 ފަހަރު ބައްދަލުކޮށްފައިވާއިރު އެޓީމު މީގެކުރިއަކުން އޭޝިއާގެ ޓީމެއް އަތުން ބަލިވެފައެއް ނުވެ އެވެ. 5 މެޗުން މޮޅުވިއިރު 2 މެޗުން ވަނީ އެއްވަރުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355