ގަތަރު ވޯލްޑް ކަޕް 2022 ގައި މިއަދު އޮސްޓްރޭލިއާއިން ޓިއުނީޝިއާ ބަލިކުރިއިރު ޕޮލެންޑް އަތުން ސައުދީ އަރަބިއްޔާ ބަލިވެއްޖެ އެވެ.
މިއަދު ހަވީރު އޮސްޓްރޭލިއާއާއި ޓިއުނީޝިއާ ބައްދަލުކުރި މެޗު 1 - 0 ން ކާމިޔާބުކުރީ ޓިއުނީޝިއާއިންނެވެ. އަދި މިއީ އޮސްޓްރޭލިއާއިން ވޯލްޑް ކަޕުގައި 12 އަހަރުގެ ތެރޭ މޮޅުވި ފުރަތަމަ މެޗުކަން ފާހަގަކޮށްލެވެ އެވެ.
އެންމެފަހުން ވޯލްޑް ކަޕުގައި އޮސްޓްރޭލިއާއަށް މޮޅެއް ލިބުނީ 2010 ވަނަ އަހަރުގެ ވޯލްޑްކަޕުގައި ސާބިއާ އަތުންނެވެ. މިފަހަރުގެ ވޯލްޑް ކަޕުގެ ފުރަތަމަ މެޗުން އޮސްޓްރޭލިއާ ވަނީ 4 - 1 ން ފްރާންސް އަތުން ބަލިވެފަ އެވެ.
އަލް ޖަނޫބް ސްޓޭޑިއަމްގައި ކުޅެވުނު މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ އެޓޭކްތައް ވެސް އުފެއްދީ ޓިއުނީޝިއާއިންނެވެ. ނަމަވެސް މެޗުގެ ކުރީކޮޅު ޖެހި ހަމައެކަނި ލަނޑުން އޮސްޓްރޭލިއާ މޮޅުވީ އެވެ. މިލަނޑު 16 ވަނަ މިނެޓުގައި ޖެހީ މިޓްޗެލް ޑިއުކް އެވެ.
ދެން ކުޅެވުނު މެޗުގައި ސައުދީ އަރަބިއްޔާއާއި ޕޮލެންޑް ވާދަކުރިއިރު މިމެޗު 2 - 0 ކާމިޔާބުކުރީ ޕޮލެންޑުންނެވެ. ސައުދީ އަކީ ފުރަތަމަ މެޗުގައި ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު އެއްބާރުކަމަށްވާ އާޖެންޓީނާ ބަލިކޮށް އެޓީމު ހަމަބިމަށް ތިރިކޮށްފަ އެވެ. ނަމަވެސް މިރޭ ސައުދީން ވަނީ ޕޮލެންޑް އަތުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޕޮލެންޑުން ވަނީ ލީޑު ނަގާފަ އެވެ. 39 ވަނަ މިނެޓުގައި މިލަނޑު ކާމިޔާބުކުރީ ޕޮލެންޑުގެ ޒިއެލިންސްކީ އެވެ. އަދި ފުރަތަމަ ހާފު ނިމުނުއިރު ކުރީގައި އޮތީ ޕޮލެންޑެވެ. ދެވަނަ ހާފުގައި ދެޓީމުން ވެސް ކުޅުން ރަނގަޅު ކުރިއިރު 82 ވަނަ މިނެޓުގައި ރޮބާޓް ލެވަންޑޮސްކީ ވަނީ ޕޮލެންޑްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ.
މިލަނޑަކީ ލެވަންޑޮސްކީ ވޯލްޑް ކަޕުގައި ޕޮލެންޑަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. އަދި މިއީ ލެވަންޑޮސްކީ ވޯލްޑްކަޕުގައި ފެނިގެންދާ 5 ވަނަ ފަހަރުކަން ވެސް ފާހަގަކޮށްލެވެ އެވެ. ފުރަތަމަ ލަނޑު މިއަދުގެ މެޗުގައި ލެވަންޑޮސްކީގެ އެސިސްޓަކުން ކާމިޔާބުކުރިއިރު ލެވަންޑޯސްކީ ވެފައިވަނީ 1982 ވަނަ އަހަރަށްފަހު ވޯލްޑް ކަޕް މެޗެއްގައި އެސިސްޓެއްކޮށް ލަނޑެއް ޖެހި ފުރަތަމަ ޕޮލިޝް ކުޅުންތެރިޔާ އަށެވެ.
މިރޭ ދެން ކުޅެވޭ މެޗުގައި ރާއްޖެ ގަޑިން 9 ޖަހާއިރު އެންމެ ފަހުގެ ޗެމްޕިއަން ފްރާންސުން ނުކުންނާނީ ޑެންމާކާ ދެކޮޅަށެވެ. އަދި މިރޭ ދަންވަރު 12 ޖަހާއިރު ދެކުނު އެމެރިކާގެ ދެޓީމުކަމަށްވާ މެކްސިކޯއާ އާޖެންޓީނާ ވާދަކުރާނެ އެވެ.