twitterviber whatsapp telegramfacebookyoutube instagram
28th April 2024

އެމްބާޕޭ ލަނޑުތަކާއެކު ޑެންމާކް ބަލިކޮށް ފްރާންސް ދެވަނަ ބުރަށް

މުޙައްމަދު އަހުމަދު
Nov 26, 2022

މިރޭ ވޯލްޑްކަޕުގެ ގްރޫޕް ޑީގައި އެންމެފަހުގެ ޗެމްޕިއަން ފްރާންސުން ޑެންމާކް ބަލިކޮށް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ.

ސްޓޭޑިއަމް 974 ގައި މިރޭ ފްރާންސުން ޑެންމާކުގެ މައްޗަށް ކުރިހޯދީ 2 - 1 ންނެވެ. އެމްބާޕޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުން ފްރާންސް މޮޅުވުމާއެކު ފްރާންސް ވެގެންގޮސްފައިވަނީ މިފަހަރުގެ މުބާރާތުގެ ދެވަނަ ބުރަށް ދަަތުރުކުރި ފުރަތަމަ ޓީމަށެވެ.

ފްރާންސުން ވޯލްޑްކަޕުގެ ފުރަތަމަ ބުރުގައި ގްރޫޕް ސްޓޭޖުގައި އެންމެފަހުން ކުޅުނު 8 މެޗުން ވެސް ބަލިވެފައެއް ނުވެ އެވެ. 6 މެޗުން މޮޅުވިއިރު 2 މެޗުން އެއްވަރުވި އެވެ.

ފްރާންސް ވެގެން ގޮސްފައިވަނީ ޗެމްޕިއަންކަން ހޯދި ގައުމުގެ ތަކުގެ ތެރެއިން ފުރަތަމަ ދެމެޗުން މޮޅުވި 5 ވަނަ ގައުމަށެވެ. 1938 ގައި އިޓަލީ މޮޅުވިއިރު 1954 ގައި އުރުގުއޭ އަދި 1998، 2006 ގައި ބުރެޒިލް އެވެ.

މިރޭގެ މެޗު ފަށައިގެން ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޑެންމާކުންނެވެ. ނަމަވެސް ކުޑައިރުކޮޅެއް ފަހުން ފްރާންސުން ވަނީ މެޗުގެ ތެރެއަށް ވަދެ ކުޅުން ރަނގަޅުކޮށްފަ އެވެ. އަދި ފްރާންސްގެ ޓީމަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ފުރަތަމަ ހާފުގައި ލިބުނެވެ.

އެމްބާޕޭގެ ހުރަހަކުން ރެބިއޮޓްއަށް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތެއް މެޗުގެ 8 ވަނަ މިނެޓުގައި ލިބިފަ އެވެ. ނަމަވެސް އެންޑްރިއަސް ކްރިސްޓެންސަން ވަނީ ރެބިއޮޓަށް ލިބުމުގެ ކުރިން ބޮލުން ޖަހާ ބޯޅަ ކްލިއާ ކޮށްލާފަ އެވެ.

ޓުއަމެނީގެ ޕާހަކުން ލިބުނު ބޯޅައަކުން 41 ވަނަ މިނެޓުގައި ބާސާއަށް ކުޅޭ އޮސްމާނޭ ޑެމްބެލޭ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ މަތިން ބޭރަށެވެ.

ފްރާންސުން މެޗުގެ ލީޑު ނެގީ ދެވަނަ ހާފުގައި އެވެ. 61 ވަނަ މިނެޓުގައި ހަނާންޑޭޒް ނަގައިދިން ހުރަހަކުން އެމްބާޕޭ ވަނީ ލަނޑު ޖަހާފަ އެވެ. ނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން ޑެންމާކަށް ލިބުނު ކޯނަރަކުން އެންޑްރެއަސް ކްރިސްޓަންސެން ވަނީ ޑެންމާކަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

68 ވަނަ މިނެޓުގައި އެރިކްސަން ނަގައިދިން ކޯނަރު އެންޑަސަން ބޮލުން ޖަހާ ކްރިސްޓަންސަންއަށް ދިނުމުން އޭނާ ވަނީ ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ. ލަނޑު ހުއްޓުވަން ފްރާންސް ކެޕްޓަން އަދި ކީޕަރު ހޫގޯ ލޮރިސްއަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ފްރާންސް ދެވަނަ ބުރަށް ގެންގޮސްދިން ލަނޑު 86 ވަނަ މިނެޓުގައި އެންޓުއާން ގްރީޒްމަންގެ ރީތި ހުރަހަކުން ކީލިއަން އެމްބާޕޭ ވަނީ ޑެންމާކުގެ ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ. ޑެންމާކުގެ ކީޕަރު ސްމައިކަލްއަށް މިހަމަލާ ދިފާއު ނުކުރެވުނެވެ.

އެމްބާޕޭ ވަނީ މިމެޗުގައި ޖެހި ދެލަނޑާއެކު ފްރާންސް ގައުމީ ޓީމަށް ހުރިހާ މުބާރާތެއްގައި އެންމެފަހުން ކުޅެދިން 12 މެޗުން 14 ގޯލު ޖަހައިދީފަ އެވެ. އަދި 1998 ގެ ވޯލްޑްކަޕުގައި ފްރާންސްގެ ކުރީގެ ކުޅުންތެރިޔާ ޒިނެދިން ޒިދާން 9 ޗާންސް އުފެއްދިއިރު ދެމެޗުން 9 ޗާންސް އުފައްދައިދީ ފްރާންސްގެ ހުނަރުވެރި ކުޅުންތެރިޔާ ގްރީޒްމަން މިވަނީ ޒިދާންގެ ރެކޯޑާ އެއްވަރުކޮށްފަ އެވެ.

މިރޭގެ މެޗަކީ ފްރާންސާއި ޑެންމާކް ވޯލްޑްކަޕުގައި ބައްދަލުކުރި 4 ވަނަ މެޗަށް ވާއިރު އެހުރިހާ މެޗެއް ވެސް ކުޅެވުނީ ގްރޫޕް ސްޓޭޖް ރައުންޑުގެ ތެރެއިންނެވެ. އަދި އެންމެފަހުން ފްރާންސުން މިއަހަރުގެ ނޭޝަންސް ލީގުގައި ޑެންމާކާ ދެކޮޅަށް ދެފަހަރު ނުކުމެފައިވާއިރު އެ ދެމެޗު ކާމިޔާބުކުރީ ޑެންމާކުންނެވެ.

މިރޭގެ ފަހު މެޗުގައި 12 ޖަހާއިރު ލިއޮނަލް މެސީގެ އާޖެންޓީނާއިން މެކްސިކޯއާ ދެކޮޅަށް ނުކުންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355