ފީފާ ވޯލްޑްކަޕުގައި ރޭ ގަރެތް ބޭލްގެ ވޭލްސްއާއި އަޝްރަފް ހަކީމީގެ އިރާން ކަޓުވާލާ އިންގްލެންޑާއި އެމެރިކާ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ޔަގީންކޮށްފި އެވެ.
ރޭގެ މެޗުތަކަށްފަހު އިންގްލެންޑް އަދި އެމެރިކާ ދެވަނަ ބުރަށް ދަތުރުކުރިއިރު އިންގްލެންޑް ދެވަނަ ބުރަށް ދަތުރުކުރީ 7 ޕޮއިންޓާއެކު ގްރޫޕް ބީގެ އެއްްވަނަ ޓީމުގެ ގޮތުގަ އެވެ. އަދި އެމެރިކާ ދަތުރުކުރީ 5 ޕޮއިންޓާއެކު ދެވަނަ ޓީމުގެ ގޮތުގަ އެވެ.
ރޭ އިންގްލެންޑާ ވޭލްސް ބައްދަލުކުރި މެޗު 3 - 0 ފަސޭހަކަމާއެކު އިންގްލެންޑުން ކާމިޔާބުކުރިއިރު އިންގްލެންޑުގެ ތަރިންނަށްވީ މާކަސް ރަޝްފޯޑާއި ފިލް ފޯޑެން އެވެ.
2006 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ފުރަތަމަ އިންގްލެންޑުން ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރިއިރު ރޭގެ މެޗުގައި އެޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.
ފުރަތަމަ ހާފު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ދެވަނަ ހާފު ފަށައިގެން 50 ވަނަ މިނެޓުގައި އިންގްލެންޑަށް ލީޑު ނަގައިދިނީ އެޓީމުގެ ޒުވާން ތަރި މާކަސް ރަޝްފޯޑެވެ. އަދި އޭގެ މިނެޓެއްފަހުން ފިލް ފޯޑެން ވަނީ ލީޑު ފުޅާކޮށްފަ އެވެ.
މެޗު އެއްކޮށްހެން އިންގްލެންޑުން ކޮންޓްރޯލްކޮށްގެން ކުޅުނުއިރު ވޭލްސްގެ ގޯލާ ސީދާކޮށް ޖުމްލަ 7 ހަމަލާއެއް އިންގްލެންޑުގެ އެޓޭކުން ވަނީ ފޮނުވާލާފަ އެވެ. ނަމަވެސް ވޭލްސްއަށް ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާ އެކެވެ.
މެޗުގައި އިންގްލެންޑުގެ 3 ވަނަ ލަނޑު 68 ވަނަ މިނެޓުގައި ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ރަޝްފޯޑެވެ. ރަޝްފޯޑުގެ ފަރާތުން ރޭގެ މެޗުގައި ތަފާތު މޮޅު ކުޅުމެއް ވަނީ ފެނިގެންގޮސްފަ އެވެ.
ރޭގެ އަނެއް މެޗުގައި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއިން އިރާން ބަލިކުރީ 1 - 0 ގެ ހަނި ތަފާތަކުންނެވެ. ރޭގެ މެޗު އެއްވަަރުކޮށްލައިގެން ވެސް އިރާނަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮތެވެ. ނަމަވެސް އެމެރިކާ އަތުން ބަލިވެ އެޓީމު ވަނީ މުބާރާތަށް އަލްވަދާއު ކިޔާފަ އެވެ.
ރޭގެ މެޗުގައި އެމެރިކާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 38 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ކްރިސްޓިއަން ޕުލިސިޗެވެ.
މިރޭ ގްރޫޕް ސީއާއި ޑީގެ ފަހު މެޗުތައް ކުޅެވޭނެ އެވެ. ރޭގަނޑު 8 ޖަހާއިރު އެންމެފަހުގެ ޗެމްޕިއަން ފްރާންސުން ޓިއުނީޝިއާއާ ދެކޮޅަށް ނުކުންނައިރު އޮސްޓްރޭލިއާއިން ނުކުންނާނީ ޑެންމާކާ ދެކޮޅަށެވެ. އަދި ދަންވަރު 12 ޖަހާއިރު ޕޮލެންޑުން އާޖެންޓީނާއާއި ބައްދަލުކުރާއިރު ސައުދީ އަރަބިއްޔާއިން މެކްސިކޯއާ ދެކޮޅަށް ނުކުންނާނެ އެވެ.