twitterviber whatsapp telegramfacebookyoutube instagram
20th April 2024

ފަހު މެޗުގައި ޓިއުނީޝިއާއިން ފްރާންސް ބަލިކޮށްފި، އޮސްޓްރޭލިއާއިން ދެވަނަ ބުރަށް

މުޙައްމަދު އަހުމަދު
Nov 30, 2022

ފީފާ ވޯލްޑް ކަޕުގައި މިރޭ ޑެންމާކް ބަލިކޮށް 16 އަހަރަށް ފަހު ދެވަނަ ބުރަށް އޮސްޓްރޭލިއާ ދަތުރުކުރިއިރު ޓިއުނީޝިއާ ދުނިޔޭގެ ޗެމްޕިއަން އަދި ފުޓްބޯޅައިގެ ގަދަބާރު ފްރާންސް ބަލިކޮށްފި އެވެ.

މިރޭ ޓިއުނީޝިއާއިން 1 - 0 ގެ ހަނި ތަފާތަކުން ޗެމްޕިއަން ފްރާންސް ބަލިކުރި ނަމަވެސް އެޓީމަށް ދެވަނަ ބުރުގެ ޖާގައެއް ނުލިބުނެވެ. ފްރާންސް ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި 6 ޕޮއިންޓާއެކު ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗު ކާމިޔާބުކޮށް ދެވަނަ ބުރަށް ދަތުރުކުރިއިރު ގްރޫޕް ޑީއިން ދެވަނަ ބުރުގެ ފަހު ޖާގަ ޔަގީން ކުރީ އޮސްޓްރޭލިއާ އެވެ.

އޮސްޓްރޭލިއަށް ވެސް 6 ޕޮއިންޓް ލިބުނުއިރު ފްރާންސުން އެއްވަނަ ހޯދީ ފައިދާ ގޯލުންނެވެ. އަދި ތިންވަނައިގައި އޮތް ޓިއުނީޝިއާއަށް 4 ޕޮއިންޓް ލިބިފައިވާއިރު ފުލުގައި އޮތް ޑެންމާކަށް ލިބުނީ 1 ޕޮއިންޓެވެ.

މިރޭގެ މެޗުގައި ފްރާންސާއި ޓިއުނީޝިއާ ބައްދަލުކުރި މެޗުގެ 58 ވަނަ މިނެޓޫގައި ކަޒްރީގެ ހަމައެކަނި ލަނޑާއެކު ޓިއުނީޝިއާއިން މެޗު ކާމިޔާބުކުރިއިރު ފްރާންސުން ވެސް ވަނީ މިމެޗުގައި ލަނޑެއް ޖަހާފަ އެވެ. ނަމަވެސް އެންމެ ފަހު މިނެޓުގައި އެންޓުއާން ގްރީޒްމަން ޖެހި ލަނޑު ވީއޭއާރު ބެލުމަށް ފަހު ރެފްރީ ނިންމީ ލަނޑެއް ނޫން ކަމަށެވެ.

މި ގްރޫޕްގެ ފަހު މެޗުގައި އޮސްޓްރޭލިއާއިން ވަނީ 1 - 0 ން ޑެންމާކް ބަލިކޮށް 16 އަހަރަށްފަހު މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފަ އެވެ. މެޗުގެ ހަމައެކަނި ލަނޑު 60 ވަނަ މިނެޓުގައި މެތިއު ލެކީ ޖެހިއިރު ޑެންމާކުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ނަމަވެސް އޮސްޓްރޭލިއާގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވި އެވެ.

މިރޭ ވެސް ފޯރިގަދަ މެޗުތަކެއް ކުރިއަށް ހުރިއިރު ދަންވަރު 12 ޖަހާއިރު މެކްސިކޯއިން ނުކުންނާނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ. އަދި ލިއޮނަލް މެސީގެ އާޖެންޓީނާއިން ނުކުންނާނީ ލެވަންޑޮސްކީގެ ޕޮލެންޑާއި ދެކޮޅަށެވެ. މި ހުރިހާ ޓީމުތަކަކަށް ވެސް އަދި ދެވަނަ ބުރުގެ ފުރުސަތު އެބައޮތެވެ. ދެވަނަ ބުރަށް ދަތުރުކުރާ ޓީމުތައް އެނގިގެންދާނީ މިރޭގެ މެޗަށް ފަހުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355