twitterviber whatsapp telegramfacebookyoutube instagram
29th March 2024

36 އަހަރަށްފަހު މޮރޮކޯ ދެވަނަ ބުރަށް، ބެލްޖިއަމް މުބާރާތުން ކަޓައިފި

މުޙައްމަދު އަހުމަދު
Dec 1, 2022

ފީފާ ވޯލްޑް ކަޕުގެ ގްރޫޕް އެފްގެ ފަހު މެޗުތައް މިރޭ ނިމުނުއިރު މޮރޮކޯއިން 36 އަހަރަށްފަހު ދެވަނަ ބުރަށް ދަތުރުކުރިއިރު ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮތް ބެލްޖިއަމް ދެވަނަ ބުރުގެ ޖާގައެއް ނުލިބި ކަޓައިފި އެވެ.

މޮރޮކޯއިން މިރޭ 2 - 1 ން ކެނެޑާ ބަލިކޮށް 36 އަހަރަށްފަހު މިވަނީ ވޯލްޑްކަޕުގެ ދެވަނަ ބުރަށް ދަތުރުކޮށްފަ އެވެ. އެޓީމު ދެވަނަ ބުރުގެ ޖާގަ ހޯދީ ގްރޫފް އެފްގެ އެއްވަނަ ޓީމުގެ ގޮތުގައި 7 ޕޮއިންޓާއެކުގަ އެވެ.

ދެވަނަ ޓީމުގެ ގޮތުގައި 5 ޕޮއިންޓާއެކު ދެވަނަ ބުރުގެ ޖާގައެއް ހޯދީ އެންމެފަހުގެ ރަނަރަޕް ކްރޮއޭޝިއާ އެވެ. 3 ވަނައިގައި 4 ޕޮއިންޓާއެކު ބެލްޖިއަމް އޮތްއިރު ފުލުގައި ކެނެޑާ މުބާރާތުން ކެޓީ ޕޮއިންޓެއް ނުލިބި އެވެ.

މިފަހަރުގެ މުބާރާތުގެ ދެވަނަ ބުރަށް މޮރޮކޯ ދަތުރުކުރިއިރު އެޓީމު އެންމެފަހުން ވޯލްޑްކަޕެއްގެ ދެވަނަ ބުރުގައި ކުޅުނީ 1986 ގެ ވޯލްޑް ކަޕުގަ އެވެ. މިރޭ ކުޅެވުނު މެޗުގައި މޮރޮކޯއިން ވަނީ ކެނެޑާ ބަލިކޮށްފަ އެވެ.

މިމެޗުގައި ފުރަތަމަ ލީޑު ނެގީ ވެސް މޮރޮކޯއިންނެވެ. މެޗުގެ ވަރަށް ކުރީކޮޅު ހަކީމް ޒިޔެޗް ވަނީ އެޓީމަށް ގޯލެއް ޖަހައިދީފަ އެވެ. ގޯލާ ސީދާކޮށް ކެނެޑާއަށް މިމެޗުގައި އެއްވެސް ހަމަލާއެއް ފޮނުވާނުލެވުނުއިރު މޮރޮކޯއިން ދެހަމަލާއެއް ފޮނުވާލި އެވެ. 23 ވަނަ މިނެޓުގައި މޮރޮކޯގެ ދެވަނަ ލަނޑު ޖަހައިދިނީ ޔޫސެފް އެން ނެސީރީ އެވެ.

މެޗުގައި ކެނެޑާއިން ޖެހި ލަނޑަކީ މޮރޮކޯގެ ނަޔޭފް އަގުއާޑް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިރޭގެ އަނެއް މެޗު ނިމުނީ 0 - 0 ން ބެލްޖިއަމާއި ކްރޮއޭޝިއާ އެއްވަރުވެގެންނެވެ. މިމެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ބެލްޖިއަމަށް މެޗުގައި ލަނޑެއް ޖެހޭ ގޮތް ވަނީ ނުވެފަ އެވެ.

މިރޭ ގްރޫޕް އީގެ ފަހު މެޗުތަކުގައި ދަންވަރު 12 ޖަހާއިރު ޖަޕާނާއި ސްޕެއިން ބައްދަލުކުރާއިރު 4 ފަހަރުގެ ޗެމްޕިއަން ޖަރުމަނުން ނުކުންނާނީ ކޮސްޓަ ރިކާއާ ދެކޮޅަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355