ފީފާ ވޯލްޑްކަޕުގައި ރޭ ގޮންކާލޯ ރާމޮސްގެ ހެޓްރިކުން ސްވިޒަލޭންޑް ބަލިކޮށް ޔޫރަޕުގެ ގަދަބާރު ޕޯޗުގަލް ކުއާޓާއަށް ދަތުރުކޮށްފި އެވެ.
ރޭ ލުސައިލް ސްޓޭޑިއަމްގައި ކުޅެވުނު ފޯރިގަދަ މެޗު ޕޯޗުގަލުން ކާމިޔާބުކުރީ 6 - 1 ގެ ފަރަގު ބޮޑު ނަތީޖާއަކުންނެވެ. 2006 ވަނަ އަހަރަށް ފަހު ކުއާޓާ ފައިނަލުގެ ޖާގައެއް ޕޯޗުގަލުން ފުރަތަމަ ފަހަރަށް ހޯދިއިރު ރޭގެ މެޗުގައި އެޓީމުން މޮޅު ކުޅުމެއް ދެއްކި އެވެ.
ހާއްސަކޮށް ކްރިސްޓިއާނޯ ރޮނާލްޑޯގެ ބަދަލުގައި ފުރަތަމަ 11 ގައި ހިމެނިގެން ކުޅެން ނުކުތް ގޮންކާލޯ ރާމޮސް ފާހަގަކޮށްލެވެ އެވެ. ރޭގެ މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ޕޯޗުގަލުންނެވެ.
ޖޯއޯ ފީލިކްސް ދިން ބޯޅައަކުން ގޯލުގެ މަތީ ކަނަށް ބާރު ހަމަލާއެއް ފޮނުވާލައިގެން މެޗުގެ ފުރަތަމަ ލަނޑު ޖެހީ ރާމޮސް އެވެ. މިހަމަލާ ހުއްޓުވަން ސްވިޒަލޭންޑްގެ ކީޕަރު ޔަން ސޮމާއަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން 37 އަހަރުގެ ޕެޕޭ ވަނީ ޕޯޗުގަލްއަށް ލީޑު ފުޅާކޮށްދީފަ އެވެ. ބްރޫނޯ ފެނާންޑޭސްގެ ކޯނަރަކުން ޕެޕޭ މިގޯލު ޖެހިއިރު މިލަނޑާއެކު އޭނާ ވެގެން ގޮސްފައިވަނީ ނޮކްއައުޓް ބުރުގައި ގޯލެއް ޖެހި އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާ އަށެވެ.
ދެވަނަ ހާފު ފަށައިގެން ވަރަށް ކުރީކޮޅު ރާމޮސްގެ ލަނޑުން ޕޯޗުގަލުން ލީޑު ފުޅާކުރިއިރު އޭގެ 4 ވަރަކަށް މިނެޓު ފަހުން ރަފައެލް ގަރޭރޯ ޕޯޗުގަލްގެ 4 ވަނަ ލަނޑު ޖަހައިދިނެވެ.
58 ވަނަ މިނެޓުގައި ސްވިޒަލޭންޑުން ލަނޑެއް ޖަހާ ފަރަގު ކުޑަކުރި އެވެ. އަކަންޖީ މިލަނޑު ޖެހީ ކޯނަރަކުން އައި ބޯޅައަކުންނެވެ. މިލަނޑަށް ފަހު ޕޯޗުގަލުން ސްވިޒަލޭންޑުގެ ޑިފެންސަށް ބާރުބޮޑުކުރިއިރު ރާމޮސް ވަނީ އޭނާގެ 3 ވަނަ ލަނޑު ޖަހާ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.
ޕޯޗުގަލުގެ ފަހު ލަނޑު މެޗުގެ އިތުރުވަގުތުގެ ތެރޭގައި ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރަފައެލް ލިއާއޯ އެވެ. މިމެޗާއެކު ދެވަނަ ބުރުގެ މެޗުތައް ރޭ ނިމުނުއިރު ޕޯޗުގަލުން ކުއާޓާގައި ނުކުންނާނީ ސްޕެއިން ކަޓުވާލާ ކުއާޓާއަށް ދަތުރުކުރި މޮރޮކޯއާ ދެކޮޅަށެވެ.
ކުއާޓާގެ މެޗުތަކަށް ބަލާއިރު އިންގްލެންޑުން ފްރާންސާ ބައްދަލުކުރާއިރު އާޖެންޓީނާއިން ނުކުންނާނީ ނެދަލޭންޑްސްއާ ދެކޮޅަށެވެ. ބްރެޒިލުން ކްރޮއޭޝިއާއާ ދެކޮޅަށް ނުކުންނައިރު ޕޯޗުގަލް ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ.