ފީފާ ވޯލްޑް ކަޕުގައި އިންގްލެންޑާއި ފްރާންސް ބައްދަލުކުރަން ޖެހޭއިރު ފްރާންސްގެ ތަރި އެމްބާޕޭއަށް ލަނޑުޖަހަން ރަތް ދޫލައެއް އަޅައި ނުދޭނަން ކަމަށް އިންގްލެންޑުގެ ތަޖުރިބާކާރު ޑިފެންޑަރު ކައިލް ވޯކާ ބުނެފި އެވެ.
ވޯލްޑްކަޕުން މޮޅުވާން އޮތް ފުރުސަތުގެ ކުރިމަތީގައި އޮތް ހުރަހަކަށް އެމްބާޕޭ ވިޔަނުދޭނެ ކަމަށް ވޯކާ ވަނީ ބުނެފަ އެވެ. 4 މެޗުން 5 ލަނޑު ޖަހާ ވޯލްޑްކަޕުގެ ގޯލްޑަން ބޫޓަށް ވާދަކުރާ އެމްބާޕޭ ވަނީ ސްކޮޑުން ދުރުގައި ރިކަވަރީ ސެޝަނެއް ހޭދަކުރުމަށްފަހު އިއްޔެ އެނބުރި ޓީމުގެ ފަރިކުރުންތަކާ ގުޅިފަ އެވެ.
ކުއާޓާ ފައިނަލުގައި އިންގްލެންޑާއި ފްރާންސް ބައްދަލުކުރަން ހަމަޖެހިފައިވާއިރު ފްރާންސްގެ ނުރައްކާތެރި ފޯވާޑް އެމްބާޕޭ ހުއްޓުވަން ހުރިކަމަށް ގިނަ ބަޔަކު ދެކޭ 32 އަހަރުގެ ކައިލް ވޯކާ ވަނީ އެމްބާޕޭއަށް ރަތްދޫލަ އަޅައިނުދޭނެކަމަށް ބުނެފަ އެވެ.
"އަހަރެންނަށް ހީވަނީ މިމެޗަކީ އިންގްލެންޑުން އެމްބާޕޭއާ ދެކޮޅަށް ނުކުންނަ މެޗެއް ނޫން ހެން. މިއީ އިންގްލެންޑާއި ފްރާންސް ބައްދަލުކުރާ މެޗެއް." މިއަދު އޮތް ޕްރެސް ކޮންފަރެންސްގައި ވޯކާ ބުންޏެވެ. ވޯކާ އިތުރަށް ބުނީ އެމްބާޕޭއަކީ ވަރުގަދަ ފޯމެއްގައި ހުރި މޮޅު ކުޅުންތެރިއެއް ކަމަށާއި އެކަމަށް އިހްތިރާމުކުރާ ކަމަށެވެ. ނަމަވެސް އޭނާއަށް ރަތް ދޫލައެއް އަޅައިދީފައި ގޮސް ލަނޑު ޖަހާށޭ ނުބުނާނެ ކަމަށާއި އެފުރުސަތު ނުދޭނެ ކަމަށް ވޯކާ ވަނީ ބުނެފަ އެވެ.
ވޯކާ ބުނީ ރެޕްރެޒެންޓް ކުރަނީ އަމިއްލަ ގައުމުކަމަށާއި މިއީ މަރުގެ މެޗެއް ކަމަށެވެ. ބަލިވެއްޖެއްޔާ ދާން ޖެހޭނީ ގެއަށް ކަމަށާއި އިންގްލެންޑުން (ކައިލް ވޯކާ) ވޯލްޑްކަޕް ކާމިޔާބުކުރުމަށް އޮތް ފުރުސަތުގެ ކުރިމައްޗަށް އަރާ ހުރަހަކަށް އެމްބާޕޭ ނުވާނެކަމަށާއި އެކަން އެގޮތަށް ވިޔަނުދޭނެ ކަމަށެވެ.
ވޯކާ ވަނީ އޭނާގެ ކެރިއަރުގައި މިހާތަނަށް 4 ފަހަރެއްގެ މަތިން އެމްބާޕޭއާއި ދެކޮޅަށް ކުޅެފަ އެވެ. މެންޗެސްޓަރ ސިޓީން ވަނީ ޕީއެސްޖީއާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ނުކުމެފަ އެވެ. އެ 4 މެޗުގެ ތެރެއިން 3 މެޗުން ވޯކާގެ ސިޓީ މޮޅުވިއިރު އެމްބާޕޭއަށް 4 މެޗުން ޖެހުނީ އެންމެ ގޯލެކެވެ.
ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއާ ދެކޮޅަށް 4 ފަހަރު ނުކުތްއިރު ވިސްނަނީ އެމްބާޕޭއާ ދެކޮޅަށް އެކަނީ ނޫންކަމަށާއި ހޮނިހިރު ދުވަހު ފްރާންސް މެޗުގައިވެސް ވާނީ އެހެންކަމަށް ވޯކާ ބުނެފައިވެ އެވެ.
ވޯކާ ބުނީ އޭނާ ގަބޫލުކުރާ ގޮތުގައި އެމްބާޕޭއަކީ ފްރާންސްގެ ފޯވާޑް ލައިންގައި ހުރި ނުރައްކާތެރި ކުޅުންތެރިއެއް ކަމަށާއި އެހެން ނަމަވެސް އެޓީމުގައި މޮޅެތި އެހެން ކުޅުންތެރިން އެބަތިބި ކަމަށެވެ. ބޮޑެތި ތަށިތަކާއި ވޯލްޑް ކަޕް ކާމިޔާބުކޮށްފައި ތިބި އެހެން ތަރިން ތިބިއިރު އެމީހުން ދޫނުކޮށްލެވޭނެ ކަމަށް ވޯކާ ބުންޏެވެ. އެމްބާޕޭއާ މެދު އެހާ ގިނަ ސުވާލު އަންނަނީ އޭނާ މޮޅު ކުޅުންތެރިޔަކަށް ވުމުން ކަމަށް ވޯކާ ބުންޏެވެ.
އެހެންނަމަވެސް އޮލިވިއާ ޖިރޫޑް ކަހަލަ ފްރާންސަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއާއި އޮސްމާނޭ ޑެމްބެލޭ ކަހަލަ ކުޅުންތެރިންގެ މަތިން ހަނދާން ނައްތާނުލެވޭނެ ކަމަށެވެ. ކަނާތް ފަޅިން ކުޅޭ ޑެމްބެލޭ އަކީ ވެސް ވަރަށް ހުނަރުވެރި ކުޅުންތެރިއެއް ކަމަށާއި ފްރާންސްގެ ހުނަރުވެރި އެންޓުއާން ގްރީޒްމަން އަކީ ވެސް ބަލައިނުލާ ދޫކޮށްލެވޭނެ ކަހަލަ ކުޅުންތެރިން ނޫންކަމަށް ކައިލް ވޯކާ ބުނެފައިވެ އެވެ.
އެމްބާޕޭގެ މޮޅު ކުޅުމަށް އޭނާއާއި އިންގްލެންޑް ވެސް ތައުރީފުކުރާ ކަމަށާއި އެހާ މޮޅު ކުޅުންތެރިޔަކާ ވާދަކުރަން ޖެހޭތީ އެކަމާ ޝުކުރުވެސް ކުރާ ކަމަށް ވޯކާ ބުނާއިރު އެހެން ކުޅުންތެރިން ވެސް ތިބިކަން އެނގެން ޖެހޭ ކަމަށް ވޯކާ ބުންޏެވެ. އަދި އިންޑިވިޖުއަލް ބެޓެލްއަށް އޮތް ފޯރިގަދަވާއިރު އެކަން އޭނާއަށް އެނގޭ ކަމަށާއި އޭނާ ވެސް ކުޅެނީ ފުޓްބޯޅަ ކަމަށް ވޯކާ ބުންނެވެ.
އޭނާއަށް އޭނާ ކަންކުރަންވީ ގޮތް އެނގޭ ކަމަށާއި އެއީ އެމްބާޕޭ ހުއްޓުވުން ކަމާއި އެކަން ކުރުމަކީ ބުނުމަށް ވުރެ ކުރަން އުދަނގޫ ކަމެއް ކަމަށެވެ. ނަމަވެސް އަމިއްލަ ނަފްސަށް އޮތް ކޮންފިޑެންސް މާ މަތި ނުކުރާ ކަމަށާއި އެމްބާޕޭއާއި އަދިވެސް މޮޅެތި ކުޅުންތެރިޔާ ދެކޮޅަށް ކުޅެފައި ހުންނާނެ ކަމަށް ވޯކާ ބުންނެވެ.
ފްރާންސް މެޗަކީ އުދަނގޫ މެޗަކަށް ވެގެންދާނެ ކަމަށާއި އެހެންނަމަވެސް އެންމެ ކުޅުންތެރިއަކުން ޓީމެއް ނުހެދޭނެ ކަމަށް ވޯކާ ބުންނެވެ. ފްރާންސާއި އިންގްލެންޑް ބައްދަލުކުރާ މެޗު ކުޅެވޭނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 12 ޖަހާއިރު އެވެ.