މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގދ ފަރެސްމާތޮޑާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 10ވަނަ ދުވަހެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއުވާން ވިދާޅުވީ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ފަރެސްމާތޮޑާއަށް ވަޑައިގެންނަވާނީ އަންނަ އާދިއްތަ ދުވަހު ކަމަށެވެ.
މިއުވާން ވިދާޅުވީ ޖަލްސާގެ އިތުރުން މަސްވެރިންގެ ދުވަހާ ގުޅިގެން އެ ރަށުގައި ވަރަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ދާނެކަމަށާއި އެއީ ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން ހިނގާ ހަރަކާތްތަކެއް ކަމަށެވެ. އަދި ދުވަހާ ގުޅިގެން އެ ރަށުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ހަރަކާތްތަކުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވަނީ މިހާރު ކުރިއަށްދާ ވޯލްޑްކަޕްގެ ސެމީ ފައިނަލްގެ މެޗެއް ބައްލަވައިލެއްވުމަށް ރައީސް ގަތަރަށް ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. ރައީސް ގަތަރަށް ވަޑައިގަންނަވަނީ އެ ގައުމުގެ އަމީރުގެ ދައުވަތަކަށެވެ.
އޭނާ ވިދާޅުވިގޮތުގައި ހޯމަ ދުވަހު ރައީސް ފަރެސްމާތޮޑާގެ ދަތުރު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެން ހަމަ އެދުވަހު ގަތަރަށް ފުރާވަޑައިގަންނަވާނެ ކަމަށެވެ.
ގަތަރާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ވަރަށް ރަނގަޅު ކަމަށާއި މި މެޗު ބައްލަވައިލެއްވުމަށް ރައީސް ގަތަރަށް ވަޑައިގަތުމަށްފަހު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.