twitterviber whatsapp telegramfacebookyoutube instagram
27th April 2024

މެސީއާއި މޮޑްރިޗްގެ ކުރިމަތިލުމެއް، ކްރޮއޭޝިއާއި އާޖެންޓީނާގެ ތާރީހީ ދަތުރު

މުޙައްމަދު އަހުމަދު
Dec 11, 2022

މިފަހަރުގެ ވޯލްޑް ކަޕަކީ މިހާތަނަށް ފެނުނު އެންމެ ޑްރެމެޓިކް އަދި ހައިރާން ކުރުވަނިވި އެއް ވޯލްޑްކަޕެވެ. ގިނަ ސަބަބުތަކަކާއެކު އެވެ.

ހާއްސަކޮށް އޭޝިއާ އަދި އެފްރިކާގެ ގައުމުތަކުން ހޯދި ކާމިޔާބީތައް ފާހަގަކޮށްލެވެ އެވެ. ޖަޕާނުން ޖަރުމަނު ކަޓުވާލި އެވެ. އެގައުމުން ގަދަފަދަ ސްޕެއިން ވެސް ބަލިކުރި އެވެ. ސައުދީ އަރަބިއްޔާއިން އާޖެންޓީނާ ބަލިކުރި އެވެ.

މޮރޮކޯއިން ބެލްޖިއަމް ބަލިކުރި އެވެ. އެގައުމުން ދެވަނަ ބުރުގައި ސްޕެއިން ކަޓުވާލާ ސެމީގައި ޕޯޗުގަލް ކަޓުވާލާ ސެމީއަށް ދަތުރުކުރި ފުރަތަމަ އެފްރިކާގެ ގައުމުގެ ޝަރަފު ވެސް ހޯދި އެވެ.

މިފަހަރުގެ ސެމީ ފައިނަލުގެ ޖާގަތައް ރޭގެ މެޗުތަކަށްފަހު ޔަގީންވެފައިވާއިރު ފުރަތަމަ ސެމީގައި ދެކުނު އެމެރިކާގެ ގަދަބާރު އާޖެންޓީނާއިން ނުކުންނާނީ އެންމެފަހުގެ ރަނަރަޕް ކްރޮއޭޝިއާއާ ދެކޮޅަށެވެ.

މި ކުރިމަތިލުން އެތައް ގޮތަކުން ފާހަގަކޮށްލެވެ އެވެ. ދެގައުމުގެ ތާރީހަށް ވެސް ނަޒަރެއް ހިންގާލާނާމެވެ. މިމެޗަކީ ދުނިޔޭގެ އެންމެ މޮޅެތި ކެޕްޓަނުން ނުވަތަ ޓީމް ލީޑަރުންގެ ވެސް ބޮޑު ކުރިމަތިލުމެކެވެ. އެއްކޮޅުން ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ ނުކުންނާނީ އާޖެންޓީނާ ގޮވައިގެން އޭނާގެ ކެރިއަރުގައި ވޯލްޑް ކަޕް ފުރަތަމަ ފަހަރަށް ހާސިލްކުރުމުގެ އަޒުމުގަ އެވެ.

އަނެއްކޮޅުން ދުނިޔެ ދުށް އެންމެ މޮޅު އެއް މިޑްފީލްޑަރު ލޫކަ މޮޑްރިޗް އޭނާގެ ކްރޮއޭޝިއާ ގޮވައިގެން އެގައުމުގެ ތާރީހުގެ ފުރަތަމަ ވޯލްޑްކަޕު ހިއްލާލުމުގެ މަގްސަދުގައި ނުކުންނައިރު މިދެ ކުޅުންތެރިންނަށް ވެސް މިމުބާރާތް ހާއްސަވެ އެވެ.

މިދެކުޅުންތެރިންގެ ފަހު ވޯލްޑްކަޕަށް މިމުބާރާތްވުން ގާތްއިރު މިހާތަނަށް އެއްވެސް ކުޅުންތެރިޔަކަށް ވޯލްޑްކަޕް ހާސިލްކުރެވިފައެއް ނުވެ އެވެ. އެހެންކަމުން މިމެޗަކީ ފޯރިގަދަ މެޗަކަށް ވެގެންދާނެ އެވެ.

އާޖެންޓީނާ:

އާޖެންޓީނާއިން ވަނީ ދެފަހަރެއްގެ މަތިން ވޯލްޑްކަޕުގެ ތަށި ހިއްލާލާފަ އެވެ. އެއީ 1978 އަދި 1986 ވަނަ އަހަރު އެވެ.

އާޖެންޓީނާ އެންމެފަހުން ވޯލްޑް ކަޕެއްގެ ފައިނަލުގައި ކުޅެފައިވަނީ 2014 ވަނަ އަހަރު އެވެ. އެފަހަރު ހިތްދަތި ގޮތަކަށް 1 - 0 ން ގަދަފަދަ ޖަރުމަނު އަތުން ބަލިވީ އެވެ. އެގައުމުން މިހާތަނަށް 3 ފައިނަލަކުން ބަލިވެފައިވެ އެވެ. އެއީ 1930، 1990 އަދި 2014 ވަނަ އަހަރުގެ ފައިނަލުންނެވެ.

18 ވޯލްޑްކަޕުގައި އެގައުމުން ވާދަކޮށްފައިވާއިރު ކުޅުނު 84 މެޗުގެ ތެރެއިން 48 މެޗުން އެގައުމު މޮޅުވެފައިވެ އެވެ. ކޮޕާ އެމެރިކާގެ ތަށި ވެސް 15 ހިއްލާލާފައިވާ ދެކުނު އެމެރިކާގެ ގަދަބާރު އާޖެންޓީނާއިން ވަނީ ބައިނަލްއަގްވާމީ ލެވެލްގެ އެންމެ މުބާރާތެއް ފިޔަވާ ކާމިޔާބުކޮށްފަ އެވެ.

17 އަހަރުން ދަށުގެ ވޯލްޑްކަޕް އެގައުމަށް އަދި ހިއްލާލެވިފައި ނުވާއިރު އެގައުމުން ވަނީ 20 އަހަރުން ދަށުގެ ވޯލްޑް ކަޕް 6 ފަހަރެއްގެ މަތިން ކާމިޔާބުކޮށްފަ އެވެ. އަދި 2004 ވަނަ އަހަރާއި 2008 ވަނަ އަހަރުގެ އޮލިމްޕިކް ފުޓްބޯޅަ މުބާރާތުގެ ރަން މެޑަލް ވެސް ހާސިލްކޮށް ކޮންފެޑެރޭޝަން ކަޕް ވެސް އެގައުމުން ހާސިލްކުރި އެވެ.

1930 ވަނަ އަހަރުގެ ފައިނަލުގައި އެގައުމު 4 - 2 ން އުރުގުއޭ އަތުން ބަލިވިއިރު 1978 ގެ ތަށި އެގައުމުން ހިއްލާލީ 3 - 1 ން ނެދަލޭންޑް ބަލިކޮށްގެންނެވެ. 1986 ގެ ވޯލްޑްކަޕުގެ ތަށި ވެސް އާޖެންޓީނާއިން ހިއްލާލާފައިވާއިރު އެގައުމުން އެފަހަރުގެ ފައިނަލުގައި 3 - 2 ން ހުޅަނގު ޖަރުމަނު ބަލިކުރި އެވެ.

ނަމަވެސް ޖެހިގެން އައި 1990 ވަނަ އަހަރުގެ ފައިނަލުގައި އެގައުމު ވަނީ 1 - 0 ން ހުޅަނގު ޖަރުމަނު އަތުން ބަލިވެފަ އެވެ. 2014 ގެ ފައިނަލުގައި ވެސް އެގައުމު ބަލިވީ ޖަރުމަނު އަތުން 1 - 0 ންނެވެ. މިފަހަރުގެ ވޯލްޑްކަޕުގައި އާޖެންޓީނާގެ ކޯޗުކަމުގެ މަގާމާއި ހަވާލުވެ ހުރީ ލިއޮނަލް ސްކަލޯނީ އެވެ.

އާޖެންޓީނާގެ ގައުމީ ޓީމަށް އެންމެ ގިނަ ވޯލްޑް ކަޕު ކުޅެދީފައިވަނީ މިހާރުގެ އެގައުމުގެ ކެޕްޓަން ލިއޮނަލް މެސީ އެވެ. އޭނާ 24 މެޗު ކުޅެދީފައިވާއިރު މެސީއަކީ އެގައުމަށް އެންމެ ގިނަ ވޯލްޑް ކަޕް ވެސް ކުޅެދިން ކުޅުންތެރިޔާ އެވެ. މެސީ ވަނީ 2006، 2010، 2014، 2018 އަދި 2022 ގެ ވޯލްޑްކަޕުގައި ވާދަކޮށްފަ އެވެ. އަދި އެގައުމުގެ ވޯލްޑްކަޕް ޓޮޕް ސްކޯރާ ލިސްޓުގެ އެއްވަނައިގައި 10 ގޯލާއެކު އޮތީ މެސީއާއި ބަޓިސްޓޫޓާ އެވެ.

ކްރޮއޭޝިއާ:

ކްރޮއޭޝިއާއަށް މިހާތަނަށް ވޯލްޑްކަޕެއް ކާމިޔާބުކުރެވިފައެއް ނުވެ އެވެ. ނަމަވެސް އެގައުމުން ވަނީ 2018 ވަނަ އަހަރުގެ ފައިނަލުގައި ކުޅެފަ އެވެ.

އެގައުމުން އެންމެފަހުން ބޭއްވި ވޯލްޑްކަޕު 2018 ގެ ފައިނަލުގައި ވާދަކުރި ނަމަވެސް 4 - 2 ން ފްރާންސް އަތުން ބަލިވީ އެވެ. އެފަހަރުގެ ފައިނަލަށް އެގައުމު ދަތުރުކުރީ ގްރޫޕް ޑީގައި ވާދަކޮށް ހުރިހާ މެޗެއް ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ދެވަނަ ބުރުގައި ޕެނަލްޓީ ޖަހައިގެން ޑެންމާކް އަތުން މޮޅުވިއިރު ކުއާޓާ ފައިނަލުގައި ޕެނަލްޓީން ރަޝިއާ ބަލިކުރި އެވެ. އަދި ސެމީގައި ގަދަފަދަ އިނގިރޭސިން ކަޓުވާލި އެވެ.

އެގައުމުން 6 ވޯލްޑްކަޕެއްގައި ވާދަކޮށްފައިވެ އެވެ. އެއީ 1998، 2002، 2006، 2014 އަދި 2018 އާއި 2022 އެވެ.

ހެޑް ޓު ހެޑް ރެކޯޑް:

މިދެގައުމުން އެގައުމުގެ ތާރީހުގައި ވެސް ބައްދަލުކޮށްފައިވަނީ 5 ފަހަރެއްގެ މަތިންނެވެ. ކޮންމެ ޓީމަކުން ދެފަހަރު މޮޅުވިއިރު އެއް މެޗުން ދެޓީމު އެއްވަރުވެފައިވެ އެވެ.

ދެގައުމު އެއްވަރުވީ އެގައުމުން ވާދަކުރި ފުރަތަމަ މެޗުގައި 1994 ވަނަ އަހަރު އެވެ. ވޯލްޑްކަޕުގައި 1998 ވަނަ އަހަރު ދެގައުމު ބައްދަލުކުރިއިރު އެފަހަރުގެ ގްރޫޕް ސްޓޭޖް މެޗު ކާމިޔާބުކުރީ 1 - 0 ން އާޖެންޓީނާއިންނެވެ.

ނަމަވެސް 2018 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގައި ދެގައުމު ބައްދަލުކުރިއިރު ކްރޮއޭޝިއާއިން ވަނީ 3 - 0 ން އާޖެންޓީނާ ބަލިކޮށްފަ އެވެ.

މިފަހަރުގެ ވޯލްޑްކަޕުގެ ސެމީއާ ހަމައަށް އާޖެންޓީނާ ކުރި ދަތުރު:

ދެވަނަ ބުރުގެ ޖާގައެއް ލިބެނީ ގްރޫޕްގެ އެއްވަނަ އަދި ދެވަނަ ހޯދާ ޓީމަކަށެވެ. ޕޮލެންޑާއި ސައުދީ އަރަބިއްޔާ އަދި މެކްސިކޯއާއި އެއް ގްރޫޕެއްގައި އާޖެންޓީނާ ހިމެނުނެވެ.

ފުރަތަމަ މެޗުން ހައިރާން ކުރުވަނިވި ގޮތަކަށް 2 - 1 ން އެގައުމު ސައުދީ އަރަބިއްޔާ އަތުން ބަލިވި އެވެ. ނަމަވެސް އެގައުމުން ވަނީ މެކްސިކޯއާއި ޕޮލެންޑުގެ މައްޗަށް ކުރިހޯދާ ދެވަނަ ބުރުގެ ޖާގައެއް ހޯދާފަ އެވެ.

ދެވަނަ ބުރުގައި އެގައުމުން ބައްދަލުކުރަން ޖެހުނީ އޮސްޓްރޭލިއާއާ އެވެ. ޖޫލިއަން އަލްވަރޭޒްއާއި ލިއޮނަލް މެސީގެ ލަނޑުން އާޖެންޓީނާއިން 2 - 1 ން އޮސްޓްރޭލިއާ ބަލިކުރި އެވެ. އަދި ކުއާޓާ ފައިނަލުގައި އެގައުމާ ދެކޮޅަށް ނުކުތީ ނެދަލޭންޑްސް އެވެ.

މެސީއާއި ނަހުއެލް މޮލީނާގެ ލަނޑުން 2 ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް ނެދަލޭންޑްސްގެ ވެގްހޯސްޓް ވަނީ 2 ލަނޑު ޖަހައިދީ މެޗު ޕެނަލްޓީއަށް ގެންގޮސްފަ އެވެ. ޕެނަލްޓީގައި އާޖެންޓީނާއިން ވަނީ 4 - 3 ން ނެދަލޭންޑްސް ބަލިކޮށްފަ އެވެ.

އާޖެންޓީނާއަށް ފައިނަލާ ހަމައަށް ދެވިއްޖެނަމަ އެގައުމުން ވާދަކުރަން ޖެހޭނީ ފްރާންސް ނުވަތަ މޮރޮކޯއާ އެވެ. އެއީ ރޭ މޮރޮކޯއިން ޕޯޗުގަލް އަދި ފްރާންސުން އިންގްލެންޑް ކަޓުވާލާ ވަނީ ސެމީގެ ޖާގަތައް ހޯދާފަ އެވެ. އާޖެންޓީނާއަށް ފައިނަލަށް ދަތުރުކުރުމުގެ ކުރިން ކުރިމަތިވާނެ އެންމެ ބޮޑު ޗެލެންޖަކީ އެންމެފަހުގެ ރަނަރަޕް ކްރޮއޭޝިއާ ބަލިކުރުމެވެ.

މިފަހަރުގެ ވޯލްޑްކަޕުގެ ސެމީއާ ހަމައަށް ކްރޮއޭޝިއާ ކުރި ދަތުރު:

މިފަހަރުގެ ވޯލްޑްކަޕުގައި ކްރޮއޭޝިއާ ހިމެނުނީ މޮރޮކޯއާއި ބެލްޖިއަމް އަދި ކެނެޑާއާއެކު ގްރޫޕް އެފްގަ އެވެ.

އެގައުމުން ގްރޫޕް ސްޓޭޖުގައި ދެމެޗުން އެއްވަރުވިއިރު އެއް މެޗުން ވަނީ މޮޅުވެފަ އެވެ. މޮރޮކޯ އަތުން އެއްވަރުވިއިރު ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗު ވެސް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ.

ނަމަވެސް އެގައުމުން ވަނީ ކެނެޑާގެ މައްޗަށް ފަސޭހަ މޮޅެއް ހޯދާފަ އެވެ. އެމެޗު ކްރޮއޭޝިއާއިން ކާމިޔާބުކުރީ 4 - 1 ންނެވެ. އަދި އެގައުމު ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް އެފްގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ.

ދެވަނަ ބުރުގައި ކްރޮއޭޝިއާއިން ނުކުތީ ޖަޕާނާ ދެކޮޅަށެވެ. 1 - 1 ން އެއްވަރުވެ ޕެނަލްޓީ ޖެހި މެޗުގައި 3 - 1 ން ކްރޮއޭޝިއާއިން ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބުކުރި އެވެ. ކްރޮއޭޝިއާއިން ކުއާޓާގައި ނުކުތީ ވޯލްޑްކަޕުގެ އެންމެ ކާމިޔާބު ޓީމާ ދެކޮޅަށެވެ. 5 ފަހަރުގެ ޗެމްޕިއަން ބްރެޒިލާ ދެކޮޅަށް ކްރޮއޭޝިއާ ނުކުތްއިރު އެގައުމުން ވަނީ 1 - 1 ން އެއްވަރުވި މެޗު ޕެނަލްޓީ ޖަހައިގެން 4 - 2 ން ކާމިޔާބުކޮށް އެންމެފަހުގެ ޗެމްޕިއަނުން ކަޓުވާލާފަ އެވެ.

އެގައުމަށް ފައިނަލަށް ދަތުރުކުރެވިއްޖެނަމަ ފައިނަލުގައި ނުކުންނަން ޖެހޭނީ ފްރާންސް ނޫނީ މޮރޮކޯއާ ދެކޮޅަށެވެ. ނަމަވެސް އޭގެކުރިން އެގައުމުން ސެމީގައި ލިއޮނަލް މެސީގެ އާޖެންޓީނާ ބަލިކުރަން ޖެހޭނެ އެވެ.

އާޖެންޓީނާއާއި ކްރޮއޭޝިއާއާ ބައްދަލުކުރާ މެޗު އޮންނާނީ 14 ޑިސެމްބަރު ވަނަ ދުވަހު ދަންވަރު 12 ޖަހާއިރު ލުސައިލް ސްޓޭޑިއަމްގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355