ގަތަރު ވޯލްޑްކަޕް 2022 އިން ފުޓްބޯޅައިގެ މައި އިދާރާ ފީފާއަށް 7.5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާކަމަށް އެއިދާރާއިން ހާމަކޮށްފި އެވެ.
އާދިއްތަދުވަހު ފީފާގެ 200 އަށްވުރެ ގިނަ މެމްބަރު ގައުމުތަކުގެ އޮފިޝަލުންނާއެކު ބޭއްވި ބައްދަލުވުމުގައި ރަޝިއާގައި 2018 ގައި ބޭއްވި ވޯލްޑްކަޕަށް ވުރެ 1 ބިލިއަން ޑޮލަރު އިތުރަށް މިފަހަރުގެ ގަތަރު ވޯލްޑްކަޕުން ލިބިފައިވާކަން ފީފާއިން ވަނީ ބުނެފަ އެވެ.
މިގޮތުން އިތުރަށް ލިބިފައިވާ އާމްދަނީ އައިސްފައިވަނީ ގަތަރުގެ ކޮމާޝަލް ޑީލްތަކުންނެވެ، ގަތަރު އެނާޖީއިން އެންމެ މަތީ ފަންތީގެ ސްޕޮންސާއެއްގެ ގޮތުގައި ބައިވެރިވިއިރު ތިންވަނަ ފަންތީގެ ސްޕޮންސަރުންގެ ގޮތުގައި ގަތަރީ ބޭންކް (ކިއުއެންބީ) އަދި އުރީދޫ ހިމެނެ އެވެ.
މިފަހަރު ގަތަރުން ވަނީ ދެވަނަ ފަންތީގެ ސްޕޮންސާ ޑީލްތަކެއް ވެސް ހިމަނާފަ އެވެ. އެގޮތުން ފައިނޭޝިއަލް ޕްލެޓްފޯމް ކްރިޕްޓޯ.ކޮމް އާއި އަލްގޮރެންޑް ހިމެނެ އެވެމ
މައިގަނޑު މީޑިއާ އަދި ބްރޮޑްކާސްޓިން ޑީލްތަކުގެ ގޮތުގައި އެމެރިކާގެ ފޮކްސް އަދި ގަތަރުގެ ބެއިން ސްޕޯޓްސް ހިމެނެ އެވެ. ފީފާއިން މުބާރާތް ބާއްވާ ގައުމުތަކުގެ ހިންގާ ކޮމެޓީތަކަށް ފައިސާ ދައްކާއިރު ޕްރައިޒް ފައިސާއި ޓީމުތަކާ ސަޕޯޓިން ސްޓާފުންގެ ދަތުރުފަތުރާއި ހުރުމަށް ވެސް ފައިސާ ދައްކަ އެވެ.
މީގެއިތުރުން ހޯސްޓް ގައުމަށް ވޯލްޑްކަޕް ނިމުމުން އެގައުމުގެ ކުޅިވަރު ތަރައްގީކުރުމަށް ހުޅުވާލާ ލެގަސީ ފަންޑަށް ވެސް ފައިސާ ދައްކަ އެވެ. ވޯލްޑްކަޕްގެ ޕްރައިޒް ފައިސާގެ ގޮތުގައި ހިމެނޭ 440 މިލިއަން ޑޮލަރުގެ ތެރެއިން 44 މިލިއަން ޑޮލަރު ޗެމްޕިއަން ޓީމަށް ލިބެ އެވެ.
ފީފާއިން އެއިދާރާގެ ހިސާބުތައް ބަލަހައްޓަނީ ކޮންމެ ވޯލްޑްކަޕެއްގެ ހަތަރު އަހަރު ވަށައިގެންނެވެ. 2014 ގެ ވޯލްޑްކަޕަށްފަހު 2015 އިން 2018 އަށް ރަޝިއާ ވޯލްޑްކަޕަށް އައިއިރު އެއިދާރާއިން 6.4 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.
މެމްބަރު ގައުމުތަކަށް ވޯލްޑްކަޕް ކޮލިފައިން 2020 ވަނަ އަހަރު ހުއްޓުނު ދުވަސްކޮޅު އެހީވުމަށް ވެސް އެފައިސާ ބޭނުންކޮށްފައިވެ އެވެ.
2026 ވަނަ އަހަރުގެ ވޯލްޑްކަޕް އަންނައިރު ކުރިއަށް އޮތް 4 އަހަރުތެރޭ ފީފާއަށް 10 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެކަމަށް ލަފާކުރެވޭއިރު އަންހެނުންގެ ފުޓްބޯޅައަށް އިތުރު ގޮތްްތަކެއް ތައާރަފުކުރުމަށް ފީފާއިން ވިސްނާފައިވެ އެވެ.
އޭގެ އިތުރުން 2026 ގައި އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ޖޮއިންޓް ވޯލްޑްކަޕެއް ބާއްވަން ހަމަޖެހިފައިވާއިރު 32 ޓީމުގެ ބަދަލުގައި އެ ވޯލްޑްކަޕުގައި 48 ޓީމު ވާދަކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އަދި 2026 އެޑިޝަނަށް މަތީ ފަންތީގެ ޑީލްތަކަކާއެކު އެއްބަސްވުންތައް އިތުރުކުރެވުނުއިރު އެގޮތުން މިހާތަނަށް އަދި ޑީލްތައް އިތުރުކޮށްފައިވަނީ ކޮކާކޯލާއާއި އެޑިޑާސް އަދި ވަންޑާ އެވެ. އަދި އޮސްޓްރޭލިއާއާއި ނިއުޒިލޭންޑްގައި 2023 ގައި ބާއްވާ އަންހެނުންގެ ވޯލްޑްކަޕަށް ވެސް ފިރިހެނުންގެ ވޯލްޑްކަޕާ ވަކިން ސްޕޮންސާ ޑީލްތަކުގައި އަންނަނީ ސޮއި ކުރެވެމުންނެވެ.