ކުޅުދުއްފުށި ސިޓީ ކައުންސިލާ ގުޅިގެން ކުޅުދުއްފުށި މޮޓޯ ސްޕޯޓްސްއިން ބޭއްވި ރާއްޖޭގެ ފުރަތަމަ ހެވީވެއިޓް ޑްރެގް ރޭހުގެ ޗެމްޕިއަންކަން ދޮން އިބްރާހިމް ރޭސިންގެ ބޭރު ރައިޑަރު ޖެފްރީ ލަފުއެންޓޭ ހޯދައިފި އެވެ.
ކުޅުދުއްފުށި ޕްރޯ ސްޓްރީޓް ޑްރެގް ޗެމްޕިއަންޝިޕުގެ ހެވީ ވެއިޓް ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ ދޮން އިބްރާހިމް ރޭސިންގެ ޖެފް އެވެ. ޖެފްރީ މިކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ބަތާނާ ރޭސިންގ ޓީމުގެ އަސްލަމް މުހައްމަދު (ލަމްބޯ) ބަލިކޮށްގެންނެވެ.
ޖެފްރީ ފައިނަލަށް ދަތުރުކުރީ ސެމީގައި އައްޔޫބް އަހްމަދު ދީދީ (ބޫޔާ) ބަލިކޮށެވެ. އަދި ލަމްބޯ ފައިނަލަށް ދަތުރުކުރީ ސެމީގައި ޖައުފަރު އަލީ (ޑެބްސް) ބަލިކޮށްގެންނެވެ. މިކެޓަގަރީގެ ތިންވަނަ ހޯދީ ޑެބްސް ބަލިކޮށް ބޫޔާ އެވެ.
ހެވީ ވެއިޓް ކެޓަގަރީގައި ބައިވެރިވެވޭނީ ބަރުދަނުގައި 85 ކިލޯއަށްވުރެ ބަރު ރައިޑަރުންނަށެވެ. ކޭއޯއަށް މައުލޫމާތު ދެއްވަމުން ކޭއެމްއެސްއިން ބުނީ ހެވީވެއިޓް ކެޓަގަރީ ކުރިއަށް ގެންދަން ނިންމި ސަބަބަކީ ޑްރެގް ރޭހުގައި ރައިޑަރުން ބަރުވުމަކީ ލިބޭ ވަރަށް ޑިސްއެޑްވާންޓޭޖެއް ކަމަށާއި އެހެންވީމާ ރޭސް ޖަހާ ހިތްވާ ބަރު ރައިޑަރުންނަށް ކެޓަގަރީއެއް ހަދާ މޮޓޯސްޕޯޓްސް ކުޅިވަރުގައި އާކަމެއް ފަށާ މޮޓޯސްޕޯޓްސް ކުރިއެރުވުމަށް ކަމަށެވެ.
އަދި މިއާއެކު އިއްޔެ ކޭއެމްއެސްއިން ކާމިޔާބުކަމާއެކު ނިންމާލި ކުޅުދުއްފުށި ޕްރޯ ސްޓްރީޓް ޑްރެގް ޗެމްޕިއަންޝިޕުގެ ހެވީވެއިޓް ކެޓަގަރީ ކާމިޔާބުކުރީ ޖެފްރީ އެވެ. މީގެއިތުރުން ޖެފްރީ ވަނީ އޮޓޯ އޯޕަން އިވެންޓްގެ ޗެމްޕިއަންކަން ވެސް ހޯދާފަ އެވެ. އެކެޓަގަރީން 2 ވަނަ ހޯދީ ވަން ބްލަޑް ރޭސިންގެ މާޖިދު މުހައްމަދު (މާޖި) އަދި ތިންވަނަ ހޯދީ އާމަގު ރޭސިންގެ އެސްޑީ އެވެ.