އިންޑިއާ ސަރުކާރުގެ އެހީގައި އިންޑިއާގައި ރާއްޖޭގެ އެތުލެޓިކްސް ޓީމް އިވެންޓަށް ތަމްރީން ކުރުމަށް ލިބިފައިވާ ފުރުސަތުގައި، ތަމްރީންތަކަށް ފޮނުވަން އެކުލަވާލި ޓީމުގައި ކުޅުދުއްފުށީގެ އެތްލީޓް ރިފާ މުހައްމަދު ހިމެނިއްޖެ އެވެ.
އިންޑިއާގައި ކުރިއަށް ގެންދާ ޓްރެއިނިން ކޭމްޕަށް އެކުލަވާލި ޓީމުގައި ޖުމްލަ 13 ފަރާތެއް ހިމެނެ އެވެ. ކުޅުދުއްފުށީގެ ފަހުރުވެރި އެތްލީޓް ރިފާ މުހައްމަދުގެ އިތުރުން ޓީމުގައި ދެން ހިމެނެނީ އައިމިނަތު ޖާއިޝާ ޖުނީޒް، ޒިވާ މޫސާ ޝަފީއުއާއި މަރިޔަމް އަލްހާ ހުސެއިން އަދި އައިޝަތު ޝަބާ ސަލީމް އެވެ.
މީގެއިތުރުން ކުޅުދުއްފުއްޓަށް އުފަން އެތްލީޓު ހުސެއިން ރިޒާއާއި ރާއްޖޭގެ އެންމެ ބާރު އެއް ދުވުންތެރިޔާ ހަސަން ސާއިދާއި އަރަމުން އަންނަ ޒުވާން ދުވުންތެރިންކަމަށްވާ ހުސެއިން ޒީކް ސުއާދު އަދި އަހްމަދު ނަޖުދާން އަބްދުﷲ ގެ އިތުރުން ދެން ހިމެނެނީ އަބްދުއްރަޝީދު އިސްމާއިލެވެ. އަދި އޮފިޝަލުންގެ ގޮތުގައި މުފާޒާ މުސްތަފާ، ޝިފާޒް ރާޝިދު އަދި ކޯޗު އަހްމަދު ފާއިލް އެވެ.
މި ޓްރެއިނިން ކޭމްޕް ކުރިއަށްދާނީ މިމަހު 16 ން މާޗު މަހުގެ 15 އަށް އިންޑިއާގެ ބެންގަލޫރުގަ އެވެ. މާޗު މަހަށްފަހު ރޯދަ މަހަށް ތަމްރީންތައް މެދު ކަނޑާލުމަށްފަހު އައިއޯއައިޖީ އަށް ހޮވޭ ފައިނަލް ސްކޮޑާ އެކު ގައުމީ އެތުލެޓިކްސް ޓީމް މެއި މަހުގެ 1 އިން އޮގަސްޓް 15 އަށް ރާއްޖެއިން ބޭރުގައި ތަމްރީން ހަދާނެ އެވެ.
އިންޑިއާގެ ޓްރެއިނިން ކޭމްޕްގައި ބައިވެރިނުވިނަމަވެސް ރާއްޖޭގެ އެންމެ އުއްމީދީ ދެދުވުންތެރިން ކަމަށްވާ އައިޝަތު ހިމްނާ ހަސަންއާއި އިބާދުﷲ އާދަމް އަންނަނީ ޖެމެއިކާގައި ޓްރެއިނިން ހަދަމުންނެވެ.