މުޅި ދުވަހުގެ ބުރަ ޝެޑިއުލްތަކުން ވީއްލި ރޭގަނޑުގެ ނިންޖާ ހަމަޔަށް ފޯރާއިރު އަޅުގަނޑުމެންނަށް ތިބެވެނީ އެނދު ނުފެނިފައެވެ. އެނދު ރީތިކޮށްލާނެ ފަދައެއްވެސް ނުހުރެއެވެ. ފާހާނާއަށް ވަދެ ސާފުވެލައި އެއްޗެހި ބަދަލުކޮށްލާނެ ވަރުވެސް ނުވެއެވެ. އެހާވެސް ވަރުބަލިވެފައެވެ. އެއާއެކު އަޅުގަނޑުމެން ކޮންމެ މީހެއްގެ ހިތުގައި އެތައް ސުވާލެއް އުފެދެއެވެ. އެނދުން ތެދުވެ ވުޟޫ ކުރާނެ ބާއެވެ؟ ނިދުމުގެ ކުރިން ކިޔަން އަންގަވާފައިވާ ސޫރަތްތަކާ ޒިކުރުތައް ކިޔާލާނެ ބާއެވެ؟
އެ ވަގުތު އަޅުގަނޑުމެން ނިންމާ ނިންމުން ރަނގަޅު ނުވެއްޖެނަމަ، ކިތަންމެ ދެރަގޮތެއްވެސް ވެދާނެކަން ދަންނާށެވެ. ނިންޖަކީ މަރުވުމެކެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވަނީ؛
"ނަފްސުތައް މަރުވާ ހިނދު، އެ ނަފުސްތަކުގެ ފުރާނަތަކާއި، މަރުނުވެ ނިދާވަގުތުގައި ނިދާމީހުންގެ ފުރާނަތައް ހިއްޕަވަނީ ﷲ އެވެ. ދެން މަރުވުމަށް ކަނޑައަޅުއްވައިފި މީހެއްގެ ފުރާނަ، އެކަލާނގެ ހިފަހައްޓަވަތެވެ. އަދި އެ ނޫން މީހުންގެ ފުރާނަ، ކަނޑައެޅިގެންވާ މުއްދަތަކަށް (ހަށިތަކަށް) ފޮނުއްވަތެވެ. ހަމަކަށަވަރުން، އެކަންތަކުގައި ފިކުރުކުރާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ." (ސޫރަތުއްޒުމަރުގެ 42 ވަނަ އާޔަތް)
މިއާޔަތުން ދޭހަވާ ކަންކަމަށް ބަލާއިރު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ނިދުމަކީ މަރުވުންފަދަ ކަމެއްކަމުގައި ދޭހަވެއެވެ. ވުމާއެކު، ދުވަހުގެ ނިމުން ވީހާވެސް ހެޔޮގޮތުގައި ނިންމުމުގެ މުހިންމުކަން މޮޅު އިތުރުވެގެންވެއެވެ. އެހެނީ އެއީ އެމީހެއްގެ ދުނިޔެވީ ހަޔާތުގެ އެންމެ ފަހު ވަގުތު ކޮޅަށްވުންވެސް އެކަށީގެންވެއެވެ.
ނިދުމުގެ ކުރިން އަޅުގަނޑުމެންގެ އަމަލުތައް ބަހައްޓަންވީ ގޮތާއި، ކިޔަންވީ ސޫރަތްތަކާއި ޒިކުރުތައް ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ވަނީ އުންމަތަށް އުނގަންނައި ދެއްވާފައެވެ. އޭގެ ހުރިހާ އިރުޝާދެއްވަނީ ދެއްވާފައެވެ.
ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ހަދީސް ބަސްފުޅެއްގެ މާނާގައި ވެއެވެ.
"އަބޫ ހުރައިރާގެ މި ހަދީސް: ޝައިތާނާ އަބޫހުރައިރާއަށް ބުނި ބަސްތައް "ތިބާ ނިދަން އޮށޯވެއްޖެނަމަ، އާޔަތުލް ކުރުސީ ކިޔާށެވެ. ފަހެ ހަމަކަށަވަރުން އޭރުން، ތިބާ ރައްކާތެރި ކުރައްވާ މަލާއިކަތެއް ފަތިސް ވަންދެން ހުންނާނެއެވެ. އަދި ތިބާއާ ޝައިތާނާ ހަމަކަށަވަރުން ކައިރިވެސް ނުވާނެއެވެ." ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޝައިތާނާ ބުނި މި ބަސްތަކާ ބެހޭގޮތުން ހަދީސް ކުރެއްވިއެވެ. "އޭނާއަކީ ބޮޑުވެގެންވާ ދޮގުވެރިޔަކަށް ވީކަމުގައިވިޔަސް، މިފަހަރު އޭނާ ތިބާ ގާތުގައި އެބުނީ ތެދެކެވެ."
މި ހަދީސްއަށް ވިސްނާ ފިކުރުކޮށްލުމުން، އާޔަތުލް ކުރުސީ ކިޔެވުމުން މާތް ﷲ ގެ ހަޟްރަތުން މަލާއިކަތް ބޭކަލަކު އެމީހެއްގެ ރައްކާތެރި ކަމުގައި ހުންނަވާނެކަން ދޭހަވެއެވެ. ރައްކާތެރި ކަމާއި އަމާންކަމުގައި އެދުވަހުގެ ނިމުން އެމީހަކަށް ހާސިލްވާނެކަން އެނގެއެވެ.
އަދިވެސް އިތުރު ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަތް ހަދީސް ކުރައްވާފައިވާ ހަދީސް ބަސްފުޅެއްގެ މާނާގައި ވެއެވެ.
"ތިބާ ނިދާ ތަންމައްޗަށް އަރަން ގަސްތުކުރާ ހިނދުގައި، ތިބާ ނަމާދަށް ވުޟޫ ކުރާ ފަދައިން ވުޟޫ ކުރާށެވެ. ދެން ތިބާގެ ކަނާއަތް ފަރާތަށް އަރިއަށް އޮށޯންނާށެވެ. ދެން މިފަދައިން ދުޢާ ކުރާށެވެ.
اللهم أسلمت نفسي إليك، ووجهت وجهي إليك وفوضت أمري إليك، وألجأت ظهري إليك رغبة ورهبة إليك لا ملجأ ولا منجا منك إلا إليك آمنت بكتابك الذي أنزلت، وبنبيك الذي أرسلت
(ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާގެ ނަފްސު މިއަޅާ އިބަ ﷲ އަށް ކިޔަމަންތެރި ކޮށްފީމެވެ. އަދި މިއަޅާގެ ކަންތައްތައް އިބަ ﷲ އާ ޙަވާލުކޮށްފީމެވެ. އަދި މިއަޅާގެ މޫނު އިބަ ﷲ އާ ކުރިމަތިކޮށްފީމެވެ. އަދި މިއަޅާގެ ބުރަކަށި އިބަ ﷲ ގެ ޙަޟްރަތަށް ލަންބައިފީމެވެ. (އެބަހީ އިއަޅާ އިބަ ﷲ އަށް ބަރޯސާކޮށް އިޢުތިމާދު ކޮށްފީމެވެ.) އިބަ ﷲ ގެ ރަޙްމަތަށް އުންމީދުކޮށް، އިބަ ﷲ ގެ އަޒާބަށް ބިރުވެތިވާ ޙާލުގައެވެ. އިބަ ﷲ ގެ އަޒާބުން ރައްކާތެރިކަން ލިބިގަންނާނެ ތަނެއް، އަދި ނަޖާވާނެ ތަނެއް، ހަމަ އިބަ ﷲ ގެ ޙަޟްރަތުން މެނުވީ ނުވެއެވެ. އިބަ ﷲ ބާވައިލެއްވި، އިބަ ﷲ ގެ ފޮތަށާއި، އިބަ ﷲ ފޮނުއްވި، އިބަ ﷲ ގެ ނަބިއްޔާއަށް މިއަޅާ އީމާންވަމެވެ.)
މިގޮތުގައި ތިބާ އޮވެ މަރުވެއްޖެ ކަމުގައިވާނަމަ، ތިބާ މަރުވެ އެދަނީ ފިޠުރަތުގެ ސާފުކަންމަތީގައެވެ. ނިދުމުގެ ކުރިން ތިބާ އެންމެ ފަހުން ކިޔާ ދުޢާއެއް ކަމުގައި މިދުޢާ ހަދާށެވެ"
ފިތުރަތުގެ ސާފުކަންމަތީ، ބާއްޖަވެރިކަމާ އަމާންކަންމުގައި ދުވަހުގެ ނިމުން ދިޔުމަށްޓަކައި ވުޟޫ ރަނގަޅު ގޮތުގައި ކުރުމުގެ މުހިންމުކަން މި ހަދީސް ބަސްފުޅުގެ މާނައަށް ވިސްނާލުމުން އެނގެއެވެ.
މި ބަޔާންކުރެވުނު ކަންކަމުގެ އިތުރަށްވެސް، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަހަރެމެންނަށް ފައިދާހުރި އެތައް ދުޢާތަކާއި އަމަލުތައް ބަހައްޓަންވީ ގޮތުގެ އިރުޝާދުތައް ދެއްވާފައިވެއެވެ.