twitterviber whatsapp telegramfacebookyoutube instagram
24th April 2024

ތިލަދުންމަތީގެ ފުރަތަމަ އިންޓަރ ސްކޫލް ފެތުމުގެ މުބާރާތް މާޗުމަހު!

މުޙައްމަދު އަހުމަދު
Jan 23, 2023

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ތިލަދުންމަތީގެ ސްކޫލް ކުދިންގެ ފުރަތަމަ ފެތުމުގެ މުބާރާތް އިއުލާންކޮށްފި އެވެ.

މިއީ ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން، ސްކޫލް މަދްރަސާތަކުގެ ދަރިވަރުންގެ ފެތުމުގެ ހުނަރުވެރިކަމާއި ގާބިލްކަން އިތުރުކޮށް ފެތުމުގެ ދާއިރާއިން ހުނަރުވެރި ޒުވާނުން ބިނާކުރުމުގެ މަގުސަދުގައި ތިލަދުންމަތީގައި ބާއްވާ ސްކޫލް ކުދިންގެ ފެތުމުގެ މުބާރާތުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތާ މުބާރާތުގެ މައުލޫމާތު ހިމެނޭ ގަވައިދެކެވެ.

މިގަވައިދަށް އުނިއިތުރު ގެނެވޭނީ ސްވިމިންގ އެސޯސިއޭޝަނަށެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މާޗުމަހުގެ 1 ން 4 އަށް ކުޅުދުއްފުށި ސިޓީގަ އެވެ. މުބާރާތުގައި ބައިވެރިވާނެކަން އެންގުމުގެ ސުންގަޑިއަކީ ފެބްރުއަރީ މަހުގެ 1 ގެ ނިޔަލަށެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ ފެބްރުއަރީ 19 ވާ އާދިއްތަދުވަހުގެ މެންދުރު 2 އަކަށެވެ.

މުބާރާތް އަމާޒުކުރާ އުމުރުފުރާތައް:

  • ޖޫނިއާ އޭ: 12 އަހަރުން ދަށް - 2011 އަދި 2012 ވަނަ އަހަރު އުފަންވެފައިވާ ކުދިން
  • ޖޫނިއާ ބީ: 14 އަހަރުން ދަށް - 2009 އަދި 2010 ގައި އުފަންވެފައިވާ ކުދިން
  • ސީނިއާ އޭ: 16 އަހަރުން ދަށް - 2007 އަދި 2008 ވަނަ އަހަރު އުފަންވެފައިވާ ކުދިން
  • ސީނިއާ ބީ: 18 އަހަރުން ދަށް - 2005 އަދި 2006 ވަނަ އަހަރު އުފަންވެފައިވާ ކުދިން
  • ސީނިއާ ސީ: 20 އަހަރުން ދަށް - 2003 އަދި 2004 ވަނަ އަހަރު އުފަންވެފައިވާ ކުދިން

މިއުމުރުފުރާތަކުގެ އަންހެން އަދި ފިރިހެން ދަރިވަރުންނަށް ވެސް ބައިވެރިވެވޭނެ އެވެ. އަދި މުބާރާތުގައި ބައިވެރިވާ ބައިވެރިންގެ އުމުރު ބަލާނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހަށް އުމުރު ހަމަވާ ގޮތަށެވެ.

މިމުބާރާތް ބާއްވާނީ މުބާރާތުގައި ބައިވެރިވާން ހުޅުވާލާ މުއްދަތުގައި މުބާރާތުން މަދުވެގެން ކެޓަގަރީއެއްގެ 3 ސްކޫލު ބައިވެރިވާނަމަ އެވެ. އަންހެން އަދި ފިރިހެން ބަލާނީ 2 ކެޓަގަރީއެއްގެ ގޮތުގަ އެވެ.

މިގޮތަށް މުބާރާތް ބޭއްވި ނަމަވެސް އުމުރުފުރާއެއްގައި ކެޓަގަރީއަކުން މަދުވެގެން 3 ސްކޫލް ވާދަނުކުރާނަމަ އެ އުމުރުފުރާއެއްގެ އެކެޓަގަރީގެ އިވެންޓްތަކެއް ނުބާއްވާނެ އެވެ. މުބާރާތުގައި އިންޑިވިޖުއަލް އިވެންޓެއް ނުވަތަ އިވެންޓްތައް ބާއްވާނީ އެއިވެންޓެއްގައި އެކަޓަގަރީއަކުން މަދުވެގެން 2 ދަރިވަރުން އެއުމުރުފުރާގައި ބައިވެރިވެފައިވާނަމަ އެވެ.

މިގޮތުން އެއް އިވެންޓެއްގައި އެކެޓަގަރީގައި، އެއް އުމުރުފުރާއަކުން، އެއް ސްކޫލަކުން 3 ދަރިވަރުން ބައިވެރިކޮށްފައިވާ ނަމަވެސް އެއިވެންޓް ބާއްވާ އެދަރިވަރުންނަށް ލިބެންޖެހޭ މެޑަލް އަދި ސެޓްފިކެޓް ދެވޭނެ އެވެ. ނަމަވެސް އެއިވެންޓްގެ ޕޮއިންޓް ސްކޫލް ބަނަ ހޮވުމަށް ގުނޭނެ އެވެ.

މިކްސް ރިލޭ ފިޔަވާ އެހެން އިވެންޓްތަކުގައި މުބާރާތުގައި އަންހެން ކުދިންނާއި ފިރިހެން ކުދިން ވާދަކުރާނީ ވަކިންނެވެ. މިކްސް ރިލޭ އޮންނަނަމަ އެ ރިލޭއެއްގައި ފަތަންވާނީ އަދި ޓީމު ލިސްޓުގައި ހިމަނަންވާނީ ދެޖިންސު ހަމަހަމަވާ ގޮތަށެވެ.

މުބާރާތް ކުރިއަށްދާނީ ހީޓް، ފައިނަލް އިވެންޓް ބާއްވާ އުސޫލުންނެވެ. އަދި އިވެންޓެއްގައި 8 ފެތުންތެރިންނަށްވުރެ ގިނަނަމަ ހީޓް ބާއްވާ އެންމެ މޮޅު 8 ފެތުންތެރިން ފައިނަލްގައި ވާދަކުރާ އުސޫލުންނެވެ.

ސްކޫލެއް ތަމްސީލްކޮށް ސްކޫލް ވަނަ ހޮވަން އެސްކޫލަކަށް ޕޮއިންޓް ގުނޭނީ އެސްކޫލަކުން އެކަޓަގަރީގައި މަދުވެގެން 4 ފެތުންތެރިން ބައިވެރިކޮށް ކޮންމެ ކުއްޖަކު މަދުވެގެން އެއް އިވެންޓް ފުރިހަމަ ކޮށްފައިވާނަމަ އެވެ.

މިމުބާރާތުގައި ރާއްޖޭގައި ސްކޫލް މަދްރަސާތަކުގެ ގޮތުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ރަޖިސްޓްރީކޮށްގެން ހިންގާ ކޮންމެ ސްކޫލަކަށް ނުވަތަ މަދްރަސާއަކަށް ވެސް ބައިވެރިވެވޭނެ އެވެ. މުބާރާތުގައި ބައިވެރިވާ ކޮންމެ ސްކޫލަކުން ކޮންމެ އިވެންޓެއްގައި ބައިވެރިކުރެވޭނީ ގިނަ ވެގެން 3 ދަރިވަރުންނެވެ.

މުބާރާތުގެ އިވެންޓްތައް:

ޖޫނިއާ އޭގައި ހިމެނޭ އިވެންޓްތަކަކީ 25 މީޓަރު ފްރީ ސްޓައިލް، 25 މީޓަރު ބެކްސްޓްރޯކް، 25 މީޓަރު ބްރެސްޓް ސްޓްރޯކް، 25 މީޓަރު ފްލައި، 50 މީޓަރު ފްރީސްޓައިލް، 50 މީޓަރު ބެކް ސްޓްރޯކް، 4 ގުނަ 25 މީޓަރު ފްރީސްޓައިލް ރިލޭއާއި މެޑްލޭ ރިލޭ އަދި ފްރީ ސްޓައިލް މިކްސް ރިލޭ އެވެ. ޖުމްލަ 9 އިވެންޓެވެ.

ޖޫނިއާ ބީގައި ހިމެނޭ އިވެންޓްތަކަކީ 25 މީޓަރު ބްރެސްޓް ސްޓްރޯކް، 25 މީޓަރު ފްލައި، 50 މީޓަރު ފްރީ ސްޓައިލް، 50 މީޓަރު ބެކް ސްޓްރޯކް، 50 މީޓަރު ބްރެސްޓް ސްޓްރޯކް، 50 މީޓަރު ފްލައި، 100 މީޓަރު ފްރީ ސްޓައިލް، 4 ގުނަ 25 މީޓަރު ފްރީސްޓައިލް ރިލޭއާއި މެޑްލޭ ރިލޭ އަދި ފްރީ ސްޓައިލް މިކްސް ރިލޭ އެވެ. ޖުމްލަ 10 އިވެންޓެވެ.

ސީނިއާ އޭ: 50 މީޓަރު ފްރީ ސްޓައިލް، 50 މީޓަރު ބެކް ސްޓްރޯކް، 50 މީޓަރު ބްރެސްޓް ސްޓްރޯކް، 50 މީޓަރު ފްލައި، 100 މީޓަރު ފްރީ ސްޓައިލް، 100 މީޓަރު ބެކް ސްޓްރޯކް، 100 މީޓަރު ބްރެސްޓް ސްޓްރޯކް، 100 މީޓަރު ބަޓަރފްލައި ސްޓްރޯކް، 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ، 4 ގުނަ 50 މީޓަރު ފްރީ ސްޓައިލް ރިލޭއާއި މެޑްލޭ ރިލޭ އަދި ފްރީ ސްޓައިލް މިކްސް ރިލޭ އެވެ. ޖުމްލަ 12 އިވެންޓެވެ.

ސީނިއާ ބީ: 50 މީޓަރު ފްރީ ސްޓައިލް، 50 މީޓަރު ބެކް ސްޓްރޯކް، 50 މީޓަރު ބްރެސްޓް ސްޓްރޯކް، 50 މީޓަރު ފްލައި، 100 މީޓަރު ފްރީ ސްޓައިލް، 100 މީޓަރު ބެކް ސްޓްރޯކް، 100 މީޓަރު ބްރެސްޓް ސްޓްރޯކް، 100 މީޓަރު ބަޓަރފްލައި ސްޓްރޯކް، 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ، 4 ގުނަ 50 މީޓަރު ފްރީ ސްޓައިލް ރިލޭއާއި މެޑްލޭ ރިލޭ އަދި ފްރީ ސްޓައިލް މިކްސް ރިލޭގެ އިތުރުން 4 ގުނަ 100 މީޓަރު ފްރީ ސްޓައިލް ރިލޭ އެވެ. ޖުމްލަ 13 އިވެންޓެވެ.

ސީނިއާ ސީ: 50 މީޓަރު ފްރީ ސްޓައިލް، 50 މީޓަރު ބެކް ސްޓްރޯކް، 50 މީޓަރު ބްރެސްޓް ސްޓްރޯކް، 50 މީޓަރު ފްލައި، 100 މީޓަރު ފްރީ ސްޓައިލް، 100 މީޓަރު ބެކް ސްޓްރޯކް، 100 މީޓަރު ބްރެސްޓް ސްޓްރޯކް، 100 މީޓަރު ބަޓަރފްލައި ސްޓްރޯކް، 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ، 4 ގުނަ 50 މީޓަރު ފްރީ ސްޓައިލް ރިލޭއާއި މެޑްލޭ ރިލޭ އަދި ފްރީ ސްޓައިލް މިކްސް ރިލޭގެ އިތުރުން 4 ގުނަ 100 މީޓަރު ފްރީ ސްޓައިލް ރިލޭ އެވެ. ޖުމްލަ 13 އިވެންޓެވެ.

އިނާމް:

ކޮންމެ އިވެންޓަކުން ވެސް އެއްވަނައަށް ރަން މެޑަލް، ދެވަނައަށް ރިހި މެޑަލް އަދި ތިންވަނައަށް ލޯ މެޑަލް ދެވޭނެ އެވެ. އަދި ކޮންމެ އުމުރުފުރާއަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ފެތުންތެރިޔާއަށް ތައްޓާއި ސެޓްފިކެޓް ދެވޭނެ އެވެ.

އަދި އަންހެން، ފިރިހެން ވަކިން ކޮންމެ އުމުރުފުރާއަކުން އެއްވަނަ ސްކޫލް ހޮވާނެ އެވެ. އަދި އިނާމުގެ ގޮތުގައި ތަށި ނުވަތަ ޝީލްޑް އަދި ސެޓްފިކެޓް ދެވޭނެ އެވެ.

ޕޮއިންޓް ދިނުމުގެ އުސޫލު:

ވަކި ވަކި އިވެންޓްތަކުން ރަން މެޑަލްއަށް 15 ޕޮއިންޓް، ރިހި މެޑަލްއަށް 10 މެޑަލް އަދި ލޯ މެޑަލްއަށް 5 ޕޮއިންޓް ދެވޭނެ އެވެ. ރިލޭ އިވެންޓްތަކުން ރަން މެޑަލްއަށް 30 ޕޮއިންޓް، ރިހި މެޑަލްއަށް 20 ޕޮއިންޓް އަދި ލޯ މެޑަލްއަށް 10 ޕޮއިންޓް ދެވޭނެ އެވެ.

ހެދުން އެޅުމުގެ ގަވައިދު:

އަންހެން ފެތުންތެރިން: އަތްކަނޑާ ގައި ފެންނަގޮތަށް ހުންނަ ސްވިމިން ސޫޓްލުމާއި ފައިވަލާއި ހަމައިން ކަނޑާލާފައި ހުންނަ ސްވިމިން ސޫޓްލުމާއި މާބޮޑަށް ތުނި ފޮތިން ފަހާ މޫދަށް އެރި ތެމުމުން ގައި އެނގޭކަހަލަ އަލި ކުލަކުލައިގެ ތުނި ފޮތިން ފަހާފައިވާ ސްވިމިން ސޫޓް ލުމަކީ މަނާކަމެކެވެ.

ފިރިހެން ފެތުންތެރިން: ޖަނގިޔާގެ ސިފަ އަދި ޖަނގިޔަލުގެ ސައިޒަށް ހުންނަ ޓްރަންކްލުމާއި މޫދަށް އެރި ގައި ތެމުމުން ހަށިގަނޑުގެ ވަނާތައް ހާމަވާފަދަ ތުނި ފޮތިން ފަހާފައި ހުރި ނުވަތަ އެފަދަ އަލި ކުލަކުލައިގެ ފޮތީގެ ޓައިޓްލައިގެން އެތެރެއިން ޖަނގިޔާ ނުލައި ހުރެ ފެތުމަކީ ވެސް މަނާކަމެކެވެ.

މުބާރާތާ ބެހޭ:
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355