ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރަހުނަކާ ނުލާ ދުކުރާ ލޯނާއި ފައިނޭންސިންގ ޕްރޮޑަކްޓްތަކަށް ބަދަލު ގެނެސްފިއެވެ. މިގޮތުން މިހާރު ރަހުނަކާ ނުލާ 1.2 މިލިއަނާ ހަމަޔަށް ލިމިޓް އިތުރުކޮށްފިއެވެ.
ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިންގ މެދުވެރިކޮށް ކަސްޓަމަރުންނަށް 1.2 މިލިއަނާ ހަމަޔަށް މުދާ ގަތުމަށް ނުވަތަ ނަގުދު ފައިސާ ލިބޭ ގޮތަށް ފައިނޭންސިންގ ދޫކުރާނެކަމަށް އެ ބެންކުން ބުނެއެވެ.
މި ބަދަލާއެކު، ބޭންކުން މިހާރު ލުއި ލޯނު ދިނުމާއި ޕާސަނަލް ފައިނޭންސިންގ ދޫކުރާއިރު މުސާރައިގެ އިތުރުން ލިބޭ އެހެނިހެން އާމްދަނީއަށްވެސް ބަލާނެއެވެ. މި ލޯން ފައިނޭންސްކުރުމުގައި ބީއެމްއެލްއިން އެއްވެސް ސެކިއުރިޓީ، ގެރެންޓީ އަދި ކުއޮޓޭޝަނެއް ބޭނުމެއް ނުވާނެއެވެ.
ފައިސާ އަނބުރާ 5 އަހަރު ދުވަހުން ދެއްކޭގޮތަށް ހަމަޖެހިފައިވާއިރު، މި ލޯނަށް އިންޓްރަސްޓްގެ ގޮތުގައި އަހަރެއްގެ މައްޗަށް %15 ޗާޖް ކުރާނެއެވެ. 18 އަހަރާއި 60 އަހަރާއި ދެމެދުގެ ކޮންމެ ދިވެއްސެއްވެސް މި ލޯން ނެގުމަށް ޝަރުތު ފުރިހަމަ ވާނެއެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާލް ސްޓުމްކަ ވިދާޅުވީ ބޮޑު އަދަދެއްގެ ފައިސާ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިވަނީ ފަހިވެފައި ކަމަށެވެ. "އަޅުގަނޑުމެންގެ ޕޯޓްފޯލިއޯ އަށް މިގެނެވުނު ބަދަލާއެކު ކަސްޓަމަރުންނަށް އަމިއްލަ ބޭނުންތަކަށް، އެއީ ކޮންމެ ބޭނުމެއް ކަމުގައިވީ ނަމަވެސް ބޮޑު އަދަދެއްގެ ފައިސާ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިވަނީ ފަހިވެފައި. ބީއެމްއެލް އަކީ ދިވެހިން ހިޔާރުކުރާ ބޭންކަށްވީ ހިނދު، ކަސްޓަމަރުން ބޭނުންވާފަދަ އަދި އުންމީދު ކުރާ ފެންވަރަށްވުރެ ރަނގަޅު ހިދުމަތެއް ދިނުމަށް ނުހަނު ބުރަކޮށް މަސައްކަތް ކުރަމުންދާނަން." ކާލް ސްޓުމްކަ ވިދާޅުވިއެވެ.
އިންޓަނެޓް އަދި މޯބައިލް ބޭންކިންގ މެދުވެރިކޮށް ލުއި ލޯނު އަދި ޕާސަނަލް ފައިނޭންސިންގ އަށް އެދި ހުށަހެޅޭނެއެވެ. އަދި 5 ދުވަސް ތެރޭ ޕްރޮސެސް ކުރެވޭނެއެވެ.