twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެރިޓީ ޝީލްޑް ގާފަރުން ހޯދައިފި

މުޙައްމަދު އަހުމަދު
Feb 4, 2023

ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އަލަށް ތައާރަފުކުރި ޗެރިޓީ ޝީލްޑް މެޗުގައި އެންމެފަހުގެ ޗެމްޕިއަން ތ. ތިމަރަފުށި ބަލިކޮށް ޗެރިޓީ ޝީލްޑް ކ. ގާފަރުން ހޯދައިފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން އަދި ރަނަރަޕް ބައްދަލުކުރާ ޗެރިޓީ ޝީލްޑް މެޗު 3 - 0 ން ކާމިޔާބުކުރީ އެންމެފަހުގެ ރަނަރަޕް ކ. ގާފަރުންނެވެ. މެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު ގާފަރު ޓީމުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ތިމަރަފުއްޓަށް މިމެޗުގައި އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް އެޓީމުން ވެސް ވަނީ ވާދަވެރި ކުޅުމެއް ދައްކާފަ އެވެ. މެޗުގައި ގާފަރަށް ލީޑު ނަގައިދީފައިވަނީ އެޓީމުގެ ޖޯޒީ ނަމްބަރު 17 އަޒްޔާން އެވެ.

ގާފަރުގެ އަނެއް ދެލަނޑު ވެސް ޖަހައިދީފައިވަނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެޓީމުގެ ޖޯޒީ ނަމްބަރު 11 އިބްރާހިމް ރިމާހް އެވެ. މެޗުގައި ތިމަރަފުއްޓަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ހިފޭ ގޮތް ވަނީ ނުވެފަ އެވެ. ހާއްސަކޮށް ގާފަރު ޓީމުގެ ހުޝިޔާރު ކީޕަރު ފައްޔާޒް (ފައިއްޓެ)ގެ ރަނގަޅު ސޭވްތަކެއް މިމެޗުގައި ފެނިގެންގޮސްފައިވެ އެވެ.

ގާފަރާއި ތިމަރަފުށި ބައްދަލުކުރި ފޯރިގަދަ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލްކުރީ އެޓީމުގެ އިބްރާހިމް ރިމާހް އެވެ. މެޗުގައި ފައިސާގެ އިނާމުގެ ގޮތުގައި ލިބުނު 25000 ރުފިޔާ ގާފަރު ޓީމުން ވަނީ ޗެރިޓީގެ ގޮތުގައި ސްޕެޝަލް އޮލިމްޕިކް ކޮމެޓީއަށް ދީފަ އެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފުރަތަމަ ޗެރިޓީ ޝީލްޑް ގާފަރުން ހާސިލްކުރިއިރު ޗެރިޓީ ޝީލްޑް މެޗެއް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން އަލަށް ތައާރަފްކޮށްފައިވަނީ މުބާރާތުގެ ތެރެއިން އިތުރަށް ފޯރިގަދަކުރުމުގެ މަގުސަދުގައިކަން ފާހަގަކޮށްލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355