ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތްކަމަށްވާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް އެންމެ ފަހުގެ ޗެމްޕިއަން ތިމަރަފުއްޓާއި އެންމެ ފަހުގެ ރަނަރަޕް ގާފަރު ބައްދަލުކުރާ ޗެރިޓީ ޝީލްޑް މެޗުން މިރޭ ފެށުމަށް ތައްޔާރުވެއްޖެ އެވެ.
ހުޅުމާލެ ރެހެންދި ސްޓޭޑިއަމްގައި މިރޭ މުބާރާތް ފެށުމަށް ހަމަޖެހިފައިވާއިރު މިފަހަރުގެ މުބާރާތުގައި ޖުމްލަ 102 ޓީމަކުން ވާދަކުރާނެ އެވެ. މިފަހަރުގެ މުބާރާތް ޗެރިޓީ ޝީލްޑް މެޗަކުން ފަށަނީ މުބާރާތުގެ ތެރެއިން ފޯރިގަދަ ކުރުމުގެ އިތުރު ވިސްނުމަކާއެކު އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އެންމެ ކާމިޔާބު ޓީމު ތިމަރަފުށި ކުޅޭ މެޗުން މުބާރާތް ފަށާއިރު ތިމަރަފުށި ވަނީ ތިން ފަހަރެއްގެ މަތިން މިމުބާރާތުގެ ތަށި ހިއްލާލާފަ އެވެ. އެއީ 2016، 2019 އަދި 2022 ވަނަ އަހަރު އެވެ. އަދި ތިމަރަފުއްޓަކީ މިމުބާރާތުގެ ތަށި ދިފާއުކުރި ހަމައެކަނި ޓީމުކަން ވެސް ފާހަގަކޮށްލެވެ އެވެ.
އެންމެފަހުން ބޭއްވި ގޯލްޑަން ފުޓްސަލް މުބާރާތުގެ ތަށި ތިމަރަފުށިން ހިއްލާލީ ފައިނަލުގައި ގާފަރު ބަލިކޮށްފަ އެވެ. 2 - 2 ން އެއްވަރުވި މެޗު ތިމަރަފުށިން ކާމިޔާބުކުރީ ޕެނަލްޓީގައި 3 - 2 ން ގާފަރު ބަލިކޮށްގެންނެވެ. ގާފަރުވެސް ވަނީ މިމުބާރާތުގައި ފައިނަލުގައި ދެފަހަރެއްގެ މަތިން ވާދަކޮށްފަ އެވެ.
2015 ވަނަ އަހަރުގެ ފައިނަލުގައި ބ. ހިތާދޫ އަތުން ބަލިވިއިރު މިދިޔަ އަހަރުގެ ފައިނަލުގައި ތ. ތިމަރަފުށި އަތުން ބަލިވީ އެވެ. މިމުބާރާތުގައި ފުރަތަމަ ކުޅެވޭނީ އަތޮޅު ބުރުގެ މެޗުތަކެވެ. އަދި އެއަށްފަހު ޒޯން ބުރު ކުޅުމަށްފަހު އޮންނާނީ ނޮކްއައުޓް މެޗުތަކެވެ. ނޮކްއައުޓް ފަހު ބުރުތަކުގެ މެޗުތަކަށް ފަހު ފައިނަލް އޮންނާނީ މާޗު މަހުގެ 19 ވަނަ ދުވަހު އެވެ.
މިރޭ 20:15 ގައި ޗެރިޓީ ޝީލްޑް މެޗުގައި ތިމަރަފުށިން ގާފަރާ ދެކޮޅަށް ނުކުތްނަމަވެސް ރަސްމީ މުބާރާތް ފެށޭނީ މާދަމާ ރެ އެވެ. އަދި ކޮންމެ ރެއަކު ޖުމްލަ 8 މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.