twitterviber whatsapp telegramfacebookyoutube instagram
26th April 2024

އެފަދަ މީހުން ސުވަރުގެއަށް ނުވަންނާއެވެ...

ހ.މ
Feb 12, 2023

ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގައިވެއެވެ.

لَا يَدْخُلُ الْجَنَّةَ نَمَّامٌ” رواه مسلم في صحيحه برقم :168 – (105)"

މާނައީ: "ދެބައޮޑުވާ މީހަކު ސުވަރުގެއަށް ނުވަންނާނެއެވެ."

އާލަމްތަކަށް ރަޙުމަތެއް ކަމުގައި އަޅަމެންގެ މިއުންމަތަށް ފޮނުއްވި އެންމެ މާތް ސާހިބާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް، އަޅަމެންނަށް އެ އިރުޝާދު ދެއްވަނީ ދެބައޮޑުވުމުގެ ނުރައްކާތެރިކަން ބަޔާންކޮށް ދެއްވުމަށެވެ. އެކަމުން ތިބާއަށް ގެއްލިގެންދާނޭ ބޮޑު ނިއުމަތުގެ ވާހަކަ އޮޅުންފިލުވައިދީ އެކަމުން ރައްކާތެރި ވުމަށެވެ.

ދެބައޮޑުވުމަކީ ކޮބައިތޯއެވެ. ދިވެހި ބަސްފޮތުގައި އޮތްގޮތުން ދެބައޮޑުވުމަކީ، "މީހެއްގެ ގާތުގައި ދޭތެރެ ޖެހޭގޮތަށް އަނެކަކު ބަދުނާމުކޮށް ވާހަކަ ދެއްކުން" މިއެވެ. ޢަރަބި ބަހުގައި އޮންނަ ނަމީމާގެ މުރާދަކީ،

"މީސްތަކުންގެ މެދުގައި ފަސާދައާ ނުބައިކަން ފެތުރުމަށްޓަކައި އެއް ބައެއްގެ ގާތުން އަނެއް ބައެއްގެ ގާތަށް ވާހަކަ އުފުލުމެވެ" މިއެވެ.

މިއަމަލުގެ ސަބަބުން އެއްބަޔަކު އަނެއްބަޔަކާ ޖެހި، އެކުވެރިކަން ދެކޮޅުވެރިކަމަށް ބަދަލުވެއެވެ. އާއިލާ މީހެއް، ގާތް ރައްޓެއްސެއް، ދުރުހިލޭ މީހެއްވިޔަސް، މިކަމުގެ ސަބަބުން އެ ދެފަރާތް އެކަހެރިކޮށްލާނެއެވެ. ލޯތްބާ، އިހްތިރާމާ، އިތުބާރު އެކަކު ގައިން އަނެކަކު ގައިން ގެއްލުމަށް މެދުވެރިވެއެވެ.

މި ނުބައި އަމަލުގެ ހުކުމަކީ، ހަރާން ކަމެއްކަމުގައި ދީނީ އިލްމުވެރިން އިޖުމާޢުވެ ވަޑައިގެންފައެވެ. ވުމާއެކު، މަތީގައި ބަޔާންކޮށްފައިވާ ކީތިރި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ހަދީސް ބަސްފުޅަށް އެކަނި ބަލައިގެންވެސް ތިމާގެ ނަފުސް މި ހަޑިހުތުރު އަމަލުން ދުރުކުރުން ވަރަށް މުހިންމެވެ. އެހެން ނޫނީ އެމީހަކަށް ސުވަރުގޭގެ ނިއުމަތްތަކާއި އޭގެ ތަނަވަސްކަން ނުލިބޭނެއެވެ.

އަދިވެސް މާތް ނަބިއްޔާ ސައްލަ ﷲ ޢަލައިހި ވަސައްލަމް ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

މާނައީ: "ހަމަކަށަވަރުން އެދެމީހުންނަށް ޢަޛާބު އެބަ ދެވެއެވެ. އެ ދެމީހުންނަށް ޢަޛާބު އެދެވެނީ (އެކަމުން ރައްކާތެރިވުން) މާ ބޮޑުކަމެއްގައެއް ނޫނެވެ. އޭގެ ތެރެއިން އެކަކު ކުޑަކަމުދާ ތަކެތިން ރައްކާތެރި ނުވެއެވެ. (އެބަހީ: އެކަމުގައި ފަރުވާކުޑަކޮށް އުޅުނެވެ.) އަދި އަނެކަކު ދެބައޮޑުވުމުގައި ހިނގައި އުޅުނެވެ."

ވުމާއެކު، ދެބައޮޑުވުމުގެ ފާފައިން ރައްކާތެރިވެ، އާޚިރަތުގައި އަޅުގަނޑުމެން އެދޭ އެންމެ ބޮޑު ނިޢުމަތުގެ ގޮވެތި ހޯދުމަށް ވިސްނައި، އަމަލުތައް އެގޮތުގެ މަތިން ތަރުބިއްޔަތު ކުރުމަށް އަޅުގަނޑުގެ އަމިއްލަ ނަފުސަށާއި ތިޔަ އެންމެހައި ފަރާތްތަކަށް ނަސޭހަތްތެރި ވަމެވެ.

ނޯޓް: މި ލިޔުމުގެ މައުލޫމާތާއި، ހިމެނިފައިވާ ހަދީސްތަކުގެ މައުލޫމާތު ނަކަލުކޮށްފައިވަނީ، ދިސަލަފިއްޔާ ވެބްސައިޓުންނެވެ.
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355