twitterviber whatsapp telegramfacebookyoutube instagram
24th April 2024

ގްރީން ސްޕޯޓްސްގެ ހޭންޑްބޯލް އެކަޑަމީ ރަސްމީކޮށް ފަށައިފި

އުމުރުން 6 އަހަރާއި 19 އަހަރާ ދެމެދުގެ އަންހެން ކުދިންނަށް ހާއްސަ ކޮށްގެން ފެށިގެން މި އެކަޑަމީއަކީ ހޭންޑްބޯލްއަށް ހާއްސަކޮށްގެން ފެށި އެކަޑަމީއެއް

އަބްދުލް ވާހިދު ޙަސަން
Feb 19, 2023

ގްރީން ސްޕޯޓްސް އެކަޑަމީއިން 87 ދަރިވަރުންނާއެކު ކުޅުދުއްފުށީ ސިޓީގައި ހޭންޑް ބޯލް އެކަޑަމީގެ ހަރަކާތްތައް ފަށައިފި އެވެ. މިއެކަޑަމީ ރަސްމީކޮށް ފައްޓަވައިދެއްވީ، އެކަމަށްޓަކާ ޒޯން ސްޓޭޑިއަމްގައި ބޭއްވި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެމްބަރު އާތިފާ އަލީ އެވެ.

އުމުރުން 6 އަހަރާއި 19 އަހަރާ ދެމެދުގެ އަންހެން ކުދިންނަށް ހާއްސަ ކޮށްގެން ފެށިގެން މި އެކަޑަމީގެ ކުލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު ދޮޅު ގަޑިއިރުގެ ތިން ކުލާހެވެ. އަދި މިވަގުތު މިއެކަޑަމީގައި 06 ކޯޗުން ހަރަކާތްތެރިވާނެއެވެ.

އެކަޑަމީގެ ހަރަކާތްތައް ފައްޓަވައިދެއްވާ ވާހަކަދައްކަވަމުން ކައުންސިލަރު އާތިފާ ވިދާޅުވީ، މިފަދަ ކުޅިވަރުތައް ކުރިއެރުވުމަށް ސިޓީ ކައުންސިލުން ވަރަށް ބޭނުންވާކަމަށާ، އެހެންވުމުން މިފަދަ ކަންކަމުގައި ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ. މި އެކަޑަމީގެ ހަރަކާތްތައް ފެށިގެންދަނީ އަންހެން ކުދިންނަށް އިސްކަންދީގެން ކަމަށްވާތީ އެކަން އަތިފާ ފާހަގަކުރެއްވި އެވެ.

ސިޓީ ކައުންސިލުންގެ ވިސްނުމަކީ ފިރިހެން ކުދިންނެކޭ އެއްފަދައިން އަންހެން ކުދިންވެސް ކުޅިވަރުތަކުގައި ކުރިއަށްގެންދިޔުމަށް ބޭނުންވާ މަގުފަހިކޮށް ދިނުންކަމުގައި އޭނާ ފާހަގަކުރެއްވި އެވެ. މިއީ މުހިންމު އެކަޑަމީއެއް ކަމަށާއި އެހެންވުމުން މިކަމުގައި އިސްކޮށް އުޅުއްވާ ހުރިހާ ފަރާތްތަކަށް އާތިފާ ޝުކުރު އަދާކުރެއްވި އެވެ. އަދި މިފަދަ އެކަޑަމީތަކުގެ ބޭނުން ހިފާ ދަރިންނަށް ރަނގަޅު ތަމްރީނުގެ ފުރުސަތު ހޯދައި ދިނުމަށް ބެލެނިވެރިންނަށް އޭނާ ނަސޭހަތްތެރިވި އެވެ.

ގްރީން ސްޕޯޓްސް އެކަޑަމީގެ އިސްކޮށް އުޅުއްވާ ހުސައިން އަލީގެ ވިދާޅުވީ، ގްރީން ސްޕޯޓްސް އެކަޑަމީން މިއަދު ފެށިގެން މިދާ ހޭންޑް ބޯލް އެކަޑަމީއަކީ ކުޅުދުއްފުށީގައި ހޭންޑް ބޯލް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ކުރެވެމުންދާ މަސައްކަތުގެ ފެށުން ކަމަށެވެ.

މިއެކަޑަމީގެ މަގުސަދަކީ ކުޅުދުއްފުށީގައި ހޭންޑް ބޯލް ކުޅޭ މޮޅެތި ކުޅުންތެރިންތަކެއް އުފެއްދުމާއި ރަށު އަދި ގައުމީ ފެންވަރުގައި ވާދަކުރެވޭނެ މަގު ފަހިކޮށްދިނުމެވެ. ހުސެއިން ވިދާޅުވީ، އެކަޑަމީގެ އަމާޒަކީ ކައިރި މުސްތަގުބަލެއްގައި ދެ ޖިންސްގެ ގިނަ އަދަދެއްގެ ދަރިވަރުންނަށް އެކަޑަމީއިން ފުރުސަތު ހޯދައި ދިނުންކަމަށެވެ.

ކުޅުދުއްފުށީގައި ހޭންޑް ބޯލް ކުރިއެރުވުމަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ހޭންޑް ބޯލް ކޯޓެއް ސިޓީގައި ނެތްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، މިކަމަށް ހައްލެއް ހޯދުމަށްޓަކާ ސިޓީ ކައުންސިލާ މަޝްވަރާ ކުރެވިފައިވާކަމަށެވެ. އަދި ކައިރި މުސްތަގުބަލެއްގައި ކައުންސިލުން މިކަމަށް ހައްލެ ހޯދައި ދެއްވާނެ ކަމުގެ ޔަގީންކަން ދީފައިވާކަމަށް ހުސެއިން ވިދާޅުވި އެވެ.

އެކަޑަމީއަށް މިހާތަނަށް އެކިއެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާތީ ކުޅުދުއްފުށީ ސިޓީ ކައުންސިލް، ޒޯން ސްޓޭޑިއަމް، ފެމެލީ ބޭކަރީ، އައިމާޓް، ބަރާބަރު، ފްރީޒްލޭންޑް، އެޑްމޭން، އަލީ ހަސަން ރޯޝަންހާރު، ހަސަން އަލީ މޫންފުލެޓް، ބަސީރު ސްޕޯޓް އެކަޑަމީ، އަލީ ޒަކަރިއްޔާ އާވެހި، ނަން ފާހަގަކޮށް އެފަރާތްތަކަށް އެކަޑަމީގެ ނަމުގައި ވަނީ ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355