މިހާރު ކުރިއަށް ފަސްޓް ޖޫނިއާ ޗެމްޕިއަންޝިޕުގައި ހދ އަތޮޅު ތައުލީމީ މަރުކަޒުން ތާޖުއްދީން ސްކޫލް ބަލިކޮށް ތާރީހީ މޮޅަކާއެކު މުބާރާތް ފަށައިފި އެވެ.
މާލޭ ޔޫތް ސެންޓަރުގެ އިންޑޯ ބާސްކެޓް ކޯޓުގައި ކުރިއަށްދާ މިމުބާރާތުގައި 15 އަހަރުން ދަށުގެ އުމުރުފުރާގައި ހދ އޭއީސީން ވަނީ 13 - 8 ން ތާޖުއްދީން ސްކޫލް ބަލިކޮށްފަ އެވެ. މިމޮޅަކީ މާލޭގައި ބޭއްވޭ ސްކޫލް ފެންވަރުގެ ބާސްކެޓްބޯޅަ މުބާރާތަކުން އަތޮޅުތެރޭގެ ސްކޫލަކުން ހޯދި ފުރަތަމަ މޮޅެވެ. މިމޮޅާއެކު ހދ އޭއީސީން މިވަނީ ތާރީހުގެ ތެރެއަށް ވަދެފަ އެވެ.
މިމެޗުގެ ފުރަތަމަ ކުއާޓާ ހދ އޭއީސީން ގެންދިޔައީ 5 - 2 ންނެވެ. ދެވަނަ ކުއާޓާ އޭއީސީން 4 - 0 ން ގެންދިޔައިރު ތިންވަނަ ކުއާޓާގައި ކުރި ހޯދީ 6 - 4 ން ތާޖުއްދީން ސްކޫލުންނެވެ. އަދި ފަހު ކުއާޓާ ނިމުނީ 0 - 0 ންނެވެ. ހދ އޭއީސީ ހިމެނެނީ ތާޖުއްދީން ސްކޫލާއި ހިރިޔާ ސްކޫލާއި މަޖީދިއްޔާ ސްކޫލާއެކު ގްރޫޕް 2 ގަ އެވެ.
މިމުބާރާތުގައި އޭއީސީން ވާދަކުރާނީ 15 އަހަރުން ދަށުގެ އުމުރުފުރާއިންނެވެ. މި އުމުރުފުރާއިން މާލެއިން ބޭރު ސްކޫލަކަށް ބައިވެރިވެފައިވެސް ވަނީ މި ސްކޫލުން އެކަންޏެވެ. އަންހެން އަދި ފިރިހެން ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި 20 ސްކޫލަކުން ވަނީ ބައިވެރިވެފަ އެވެ.
އޭގެ ތެރޭގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް، އަމީނިއްޔާ ސްކޫލް، ބިލަބޮންގު ހައި އިންޓަނޭޝަނަލް ސްކޫލް، ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް، ސެންޓަރ ފޯރ ހަޔަރ އެޑިއުކޭޝަން، ދަރުމަވަންތަ ސްކޫލް، ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް، ގާޒީ ސްކޫލް، ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް، ޏ އަތޮޅު އެޑިއުކޭޝަން ސެންޓަރ، ހދ އޭއީސީ، ހިރިޔާ ސްކޫލް، ހުރަވީ ސްކޫލް، އިމާދުއްދީން ސްކޫލް އޮފިސަލްސް، އިސްކަންދަރު ސްކޫލް، ޖަމާލުއްދީން ސްކޫލް، ކަލާފަން ސްކޫލް، މަޖީދިއްޔާ ސްކޫލްގެ އިތުރުން ތާޖުއްދީން ސްކޫލް އަދި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ހިމެނެ އެވެ.
މިމުބާރާތުގައި އޭއީސީން ދެވަނަ މެޗުގައި އަންނަ އާދިއްތަ ދުވަހު ނުކުންނާނީ ހިރިޔާ ސްކޫލާ ދެކޮޅަށެވެ. މިމެޗު ފަށާނީ ހަވީރު 5 ޖަހާއިރު އެވެ.