twitterviber whatsapp telegramfacebookyoutube instagram
18th October 2024

ޕްރިންސިޕަލް މަތީން ބެލެނިވެރިންނަށް، ކުދިންނަށް ޒިންމާ ހަވާލުކޮށްދީ

އަބްދުލް ވާހިދު ޙަސަން
Jul 12, 2024

ސްކޫލުގެ އަމާޒަކީ އަދި ލަޅުދަނޑިއަކީވެސް މާދަމާއަށްޓަކާ ޒިންމާދާރު ޖީލެއް ބިނާކޮށް މުޖުތަމައު ނެރެދިނުންކަމަށާއި އެ މަސައްކަތް ކާމިޔާބުކުރުމުގައި ބެލެނިވެރިންގެ ދައުރު މުހިންމުކަމުގައި ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް މުހައްމަދު މަތީން ވިދާޅުވެއްޖެ އެވެ.

އެ ސްކޫލް އިނާމުދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕްރިންސިޕަލް މަތީނު ބެލެނިވެރިންގެ ކިބައިން އެދިލެއްވީ، ކުދިން ހަމައެކަނި ކިޔަވަން ބޭތިއްބުމުގެ ބަދަލުގައި އެ ކުދިންނަށް، އެކުދިންގެ ޒިންމާތައް ހަވާލުކޮށް އަމިއްލަ ކަންކަން ދަސްކުރުމާއި އެކަންކަމުގެ ޒިންމާ ނަގާ ކުދިންތަކެއްގެ ގޮތުގައި މުޖުތަމައުއަށް ނެރެދިނުމަށް މަސައްކަތްކޮށްދިނުމަށެވެ.

އެހެން ނުވެއްޖެނަމަ އަނެއްކާވެސް ފެނިގެންދާނީ ކަންނެތް ޒިންމާދާރުކަމެއް ނެތް މުޖުތަމައުއެއްގެ ގޮތުގައިކަން ޕްރިންސިޕަލް ފާހަގަކުރެއްވި އެވެ. ވަރަށް ގިނަ ބެލެނިވެރިން ދަރިންނަށް އެއްވެސް މަސައްކަތެއް ނުޖައްސައި ހަމައެކަނި ކިޔަވަން ބައިތިއްބާކަން ފާހަގަކުރައްވަމުން މަތީން ވިދާޅުވީ، އެހެންކަމަށްވާނަމަ ޒިންމާދާރު ކުދިންތަކެއްގެ ގޮތުގައި މުޖުތަމައުއަށް ނުނިކުންނާނެ ކަމަށެވެ.

"ކޮންމެ ކުއްޖަކީވެސް ގޭތެރޭ މަސައްކަތްކުރެވޭ ކުއްޖަކަށްވާން ޖެހޭނެ. ކޮންމެ ކުއްޖަކަށްވެސް ކައްކަވެސް އެނގެން ޖެހޭނެ." ހދ އޭއީސީ ޕްރިންސިޕަލް ވިދާޅުވި އެވެ.

"ފޮތްތަކުގެ ގަނޑު ލެއްވުމުން ފެށިގެން ހޯމްވޯރކް ހެދުމާއި ޓައިމް ޓޭބަލަށް ފޮތްތައް ހަމަކުރުމާއި އަދި މީގެ އިތުރުންވެސް ކުދިން ޒިންމާ ނަގައިގެން ކުރަން ޖެހޭ ކަންތައްތައް ކުދިންނާ ހަވާލުކުރާށޭ. އެ ކުދިންނަކީ ޒިންމާދާރު ކުދިންނަށް މިއަދު ނުވެއްޖެނަމަ މާދަމާ އެ ކުދިންގެ ބޭނުމެއް އަޅުގަނޑުމެންނަކަށް ނުކުރެވޭނެޔޭ."

މަތީން ވިދާޅުވީ، ދަރިވަރުންގެ އިލްމީ ގާބިލްކަމާއި ހުނަރުވެރިކަން އަދި މުޖުތަމައު ބޭނުންވާ ފަދަ ދަރިވަރުން ސްކޫލުން ނެރުމަށްޓަކާ ގިނަގުނަ ހަރަކާތްތަކެއް ހިންގާ ކަމަށެވެ. އެގޮތުން ސްޓަޑީ ކޭމްޕްތަކާއި ހުނަރު އިތުރުކުރުމަށް ޔުނިފޯމް ހަރަކާތްތަކުގެ އިތުރުން އެހެނިހެން ގިނަ ހަރަކާތްތަކެއްގައި ދަރިވަރުން ބައިވެރިވުމަށް ގިނަ ފުރުސަތުތަކެއް ހޯދައިދޭކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355