26 އަހަރަށްފަހު މިދިޔަ ދިރާސީ އަހަރު ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ސާނަވީ އިމްތިހާނު ފަށަން ތައްޔާރުވިއިރު ބެލެނިވެރިންގެ އެންމެ ބޮޑު ނުތަނަވަސްކަމެއް އޮތީ ދަރިވަރުންނަށް އެކަށީގެންވާ ނަތީޖާއެއް ނެރެވިދާނެކަމާ މެދު އެވެ.
2008 ވަނަ އަހަރުން ފެށިގެން ޕްރީ ސްކޫލެއްގެ ގޮތުގައި ހާއްސަވި ހދ އޭއީސީގައި 26 އަހަރު ފަހުން އޯލެވެލް ހަދާއިރު ސާނަވީއަށް ހާއްސަ ތަޖުރިބާ ހުރި ޓީޗަރުންނާއި ވަސީލަތްތައް ނެތުމުގެ ނުތަނަވަސްކަމާއި ކަންބޮޑުވުން އިންތިހާއަށް ބެލެނިވެރިން އުފުލި އެވެ. އެ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު މަތީން ރޭ ފާހަގަކުރެއްވިގޮތުގައި ސާނަވީއަށް ކިޔަވައިދޭން ފެށީ ގިނަ ގޮންޖެހުންތަކާއެކު އެވެ.
ރަށުގައި ހުރި ދެ ސްކޫލުގައި ވަރަށް ފުރިހަމައަށް ސާނަވީއަށް ކިޔަވައިދެމުންދަނިކޮށް މި ސްކޫލްގައި އެ ފެންވަރަށް އެ ތައުލީމު ފޯރުކޮށްދެވޭނެ ތޯ ގިނަ ބެލެނިވެރިން ސުވާލު ކުރި އެވެ.
"ބެލެނިވެރިންގެ ވަރަށް ގިނަ ސުވާލުތައް އައި އަޅުގަނޑުމެންނަށް އަލަށް މިކަން ކުރާއިރު ނަތީޖާ ނެރެވޭނެ ތޯ. ސްކޫލުގައި އެ ވަސީލަތްތައް ހުރި ތޯ. ސްކޫލުގެ ޓީޗަރުންގެ އެ ގާބިލުކަން ހުރިތޯ. އަޅުގަނޑު ދަންނަވާނީ އެކަންކަމަށް އަޅުގަނޑުމެންނަށް ޖަވާބު ދެވިއްޖޭ." މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނު ދާދި ގާތްވެފައިވަނިކޮށް އެސްކޫލުގެ ޕްރިންސިޕަލްގެ މަގާމާ ހަވާލުވެލެއްވި މަތީން ވިދާޅުވި އެވެ.
26 އަހަރު ފަހުން ސާނަވީ އިމްތިހާނުގެ ފުރަތަމަ ބެޗްގައި ރަންވަނަތައް ހޯދި ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރަން ރޭ އެ ސްކޫލުގައި ބޭއްވި ތާރީހީ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަތީން ވިދާޅުވީ، ބެލެނިވެރިންގެ އެ ސުވާލުތަކަށް ޖަވާބު ދެވިއްޖެ ކަމަށާއި އޯލެވެލްގެ ނަތީޖާގައި ގިނަގުނަ ކާމިޔާބީތަކެއް ހޯދިއްޖެ ކަމަށެވެ.
ދަރިވަރުން ހޯދި ކާމިޔާބީތައް ވިދާޅުވެދެއްވަމުން މަތީން ވިދާޅުވީ، ގައުމީ ގަދަ ދިހައެއްގައި ހަތަރު ދަރިވަރަކު ހިމެނުނުއިރު ހަތަރު މާއްދާއިން 100 ޕަސެންޓް ދަރިވަރުން ފާސްކުރެވުނު ކަމަށެވެ. އަދި ބީޓެކް އުފައްދާނެ ފުރުސަތު އޭރު ލިބިފައިނުވާކަން ފާހަގަކުރައްވާ ވިދާޅުވީ، 68 އިންސަތަ ދަރިވަރުން ފަސް މާއްދާއިން ފާސްކުރެވުނު ކަމަށެވެ.
20 އޭ ސްޓަރ އާއި 33 އޭ ހޯދިއިރު ހަތަރު މާއްދާއަކުން 100 އިންސަތަ ދަރިވަރުން ފާސްވި އެވެ. އެއީ ފިޒިކްސް އާއި ކެމިސްޓްރީ، އެކައުންޓްސް އަދި ކޮމްޕިއުޓަރެވެ. އެކޮނޮމިކްސް އިން 82 އިންސަތަ ދަރިވަރުން ފާސްވިއިރު ބަޔޮލޮޖީ 89 އިންސަތަ ދަރިވަރުން ފާސްވި އެވެ.
މީގެ އިތުރުން ބިޒްނަސް އާއި އިސްލާމާއި ދިވެހި އަދި އިނގިރޭސިން 78 އިންސަތަ ދަރިވަރުން ފާސްވި އެވެ. ހިސާބުން 72 އިންސަތަ ދަރިވަރުން ފާސްވިއިރު މެރިން ސައިންސުން ފާސްވީ 50 އިންސަތަ ދަރިވަރުންނެވެ. ތިން މާއްދާއިން 82 އިންސަތަ ދަރިވަރުން ފާސްވި އެވެ.
މިދިޔަ އަހަރުތަކުގައި ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ޕްރިންސިޕަލަކު ހަރުނުލައިވެސް ގިނަ ދުވަސްތަކެއްވެގެންދިޔަ އެވެ. އެއީވެސް ދަރިވަރުންނަށާއި ޓީޗަރުންނަށް އަދި ބެލެނިވެރިންގެ ކަންބޮޑުވުމަކަށްވި ކަމެކެވެ.
މި ދިރާސީ އަހަރު ހދ އަތޮޅު ތައުލީމީ މަރުކަޒުގައި 1000 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ތައުލީމު ހާސިލުކުރަމުންނެވެ.