ހދ އަތޮޅު ތައުލީމީ މަރުކަޒުގެ 2022-2023 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު މުހައްމަދު ޒިޔާން ހަސަން ހޯދައިފި އެވެ.
ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި ރޭ ބޭއްވި އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ މިނިސްޓަރު ޝަހީދާ އަލީ އެވެ.
ޒިޔާން ހޯދި ކާމިޔާބީތަކަށް ބަލާއިރު ގައުމީ ގަދަ ދިހައެއްގެ 8 ވަނައިގައި ހިމެނުނެވެ. އަދި ސްކޫލް ލެވެލް އިން ދެވަނަ ހޯދި އެވެ. މީގެ އިތުރުން ހަޔަރ ޑިޝްޓިގްއިޝް އެވޯޑާއި ޖެނެރަލް ޕްރޮފިޝެންސީ އެވޯޑާއި އެންމެ މޮޅު ސްކައުޓް އަދި އިނގިރޭސި މާއްދާއިން ސަބްޖެކްޓް އިނާމު ހާސިލްކުރި އެވެ.
ސްކޫލްގެ ލެވްލެގެ ޓޮޕް އެޗީވާސް އެވޯޑް ހޯދި ދަރިވަރުންގެ ތެރޭގައި ، އައިހަމް އަބުދުލް ހަކީމް، އަލީ ނަބާހް ހުސެއިން، މުހައްމަދު ޒިޔާން ހަސަން، އައިޝަތު އަމާނީ، ސަމްހާ އަބުދުލް ލަތީފް، ފާތިމަތު މުހައްމަދު ހިމެނެ އެވެ. ޖެނެރަލް ޕްރޮފިޝެންސީ އެވޯޑް 9 ދަރިވަރަކު ހޯދި އެވެ.
އެ ދަރިވަރުންނަކީ، ގުރޭޑް 9 ގެ ދަރިވަރު އަމާނީ އަހުމަދާއި ހައްވާ ޔަޝްފީ މުހައްމަދާއި އައިޝަތު ސާނިހާ މުހައްމަދު، މަރިޔަމް އަހްލާ އަޙްމީމު، އިބުރާހިމް މަލްސޫން މުހައްމަދާއި، ގުރޭޑް ދިހައެއްގެ ދަރިވަރު އަލީ ނަބާހް ހުސެއިން، މުހައްމަދި ޒިޔާން ހަސަން، އައިހަމް އަބުދުލްހަކީމް، އަދި އައިޝަތު އަމާނީ އެވެ.
އޮންނަލިސްޓެޑް އެވޯޑް އަހުމަދު އަފްރާހް އިރުޝާދު ހޯދިއިރު ސަބްޖެކްޓް ޕްރައިޒް 13 ދަރިވަރުން ހޯދި އެވެ. އަދި ހަޔަރ ޑިސްޓިންގްއިޝް އެވޯޑް ތިން ދަރިވަރު ހާސިލްކުރިއިރު ޑިސްޓިންގްއިޝް އެވޯޑް 8 ދަރިވަރުން ހާސިލްކުރި އެވެ. މެދުކެނޑުމަށްފަހު 2022-2023 ވަނަ އަހަރަކީ އެސްކޫލްގައި އޯލެވެލް ހެދި ދެވަނަ އަހަރެވެ. 64 އިންސަތަ ދަރިވަރުން ފާސްވި އެވެ. އެއީ އޭގެ ކުރީ އަހަރަށްވުރެ ހަތަރު އިންސަތައިގެ ކުރިއެރުމެވެ.
ހާއްސަ މަގާމުތަކަށްދިޔަ ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ޑެޕިއުޓީ މިނިސްޓަރު ޝަހީދާ އަލީ، މޭޔަރު މުހައްމަދު އާތިފް، ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު، ގައުމީ ޔުނިވާސިޓީގެ ކުޅުދުއްފުށީ މެނޭޖަރު އައިމިނަތު އަލީ، ހދ އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އިބުރާހިމް އުމަރު، ކޭއާރުއެޗުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ހަދީޖާ އަލީ، ޖަލާލުއްދީން ސްކޫލްގެ ޕްރިންސިޕަލް އައިމިނަތު އަލީ، އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް އަދުނާން އަލީ އަދި ށ ގޮއިދޫ ސްކޫލްގެ ޕްރިންސިޕަލެވެ.
އިނާމު ދިނުމުގެ މިރަސްމިއްޔާތުގައި ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފާއި ޑެޕިއުޓީ މޭޔަރު، ކައުންސިލަރުން އަދި މުއައްސަސާތަކުގެ ވެރިންނާއި ޕްރިންސިޕަލުންގެ އިތުރުން ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިލެއްވި އެވެ.