twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީ ކަމަނަ އެވޯޑް ފަސް ބޭފުޅަކަށް ދެއްވައިފި

އަބްދުލް ވާހިދު ޙަސަން
Mar 9, 2023
1

ކުޅުދުއްފުށީ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ "ކަމަނަ" އެވޯޑް ފަސް އަންހެން ބޭފުޅަކަށް އަރުވައިފި އެވެ.

އަންހެނުންގެ ދުވަހާ ގުޅުވައިގެން މުޅިން އަލަށް ދޭން ފެށި މި އެވޯޑް ދިނުމަށް ބުދަ ދުވަހުގެ ރޭ އަފީފުއްދީން ސްކޫލުގެ ހޯލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިފްހާމު ހުސެއިންނެވެ.

ކަމަނަ އެވޯޑް ހާސިލުކުރެއްވި ފަރާތްތަކުން

- އައިޝަތު ޝިމްލާ އަލީ / ސޭޑީގުރޯ. ( ކުދި އަދި މެދުފަންތީގެ ދާއިރާއިން )
- އައިޝަތު ޔޫސުފް / އާފަހި. ( ހިލޭ ސާބަހަށް މަސައްކަތް ކުރުމުގެ ދާއިރާއިން )
- ޝިޔާމާ މުހައްމަދު / ރިހިވެލި. ( ސަގާފަތާއި ތަރިކައިގެ ދާއިރާއިން )
- ހަދީޖާ މޫސާ / އާހި. ( ސިއްހީ ދާއިރާއިން )
- އުއްމުކުސޫމް އިބުރާހިމް / ލަންދޫގެ. ( ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން )

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު އިފްހާމު ވަނީ ކުޅުދުއްފުށީ އަންހެންގެ ކޮމެޓީއަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާ ވާހަކަދައްކަވާފަ އެވެ.

"ހަމަ ފިސާރި ކެރޭ ކޮމެޓީއެއް. އަޅުގަނޑަށް ވޭތުވެދިޔަ ހަތަރު މަސްތެރޭގައި ތިން ފަހަރު ކުޅުދުއްފުއްޓަށް އާދެވިއްޖެ. ހަމަ ފެނުނީ މި ބޭފުޅުންގެ [ކުޅުދުއްފުށީ އަންހެންގެ ކޮމެޓީގެ] ކުޅަދާނަކަމާއި މި ބޭފުޅުންގެ ހުނަރު." އިފްހާމު ވިދާޅުވި އެވެ.

މިއަހަރު ކަމަނަ އެވޯޑް ލިބުނު ފަރާތްތަކުން ދެން އަންނަ އެވޯޑަކަށް އިތުރު ކަނބަލަކަށް ކަމަނަ އެވޯޑް ހޯދައިދިނުމުގައި އެހީތެރިވެ ދިނުމަށް އޭނާ އެދިވަޑައިގެންނެވި އެވެ. މި ސަރުކާރަކީ އަންހެނުން ކުރިއެރުވަން ވަރަށް ބޮޑަށް މަސައްކަތްކުރާ ސަރުކާރެއް ކަމަށާއި މިސަރުކާރުން 33 އިންސަަތަ އަންހެނުންނަށް ހާއްސަ ކުރި ކަމަށެވެ. އަދި މިއަދު އެ އަދަދު އުފުލިގެންގޮސް ސަރުކާރުގައި 39.5 އިންސަތަ އަންހެނުން މަސައްކަތްކުރާކަމަށް އިފްހާމު ވިދާޅުވި އެވެ.

ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭން 2022 ވަނަ އަހަރު އެކުލަވާލާފައިވާކަމަށާއި އެހެންކަމަށް މިއަދު ސަރުކާރަށް ވަކިން ހާއްސަ ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހަށް އޭނާ ޝުކުރުއަދާކުރެއްވި އެވެ.

ކަމަނަ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓިއަށް ހިދުމަތް ކުރެއްވި 44 އަންހެން ބޭފުޅަކަށް ހަނދާނީ ފިލާ ހަވާލުކުރައްވާފައިވެ އެވެ. މި ރަސްމިއްޔާތުގައި ވަރަށް ކުރީގައި އަންހެން ކޮމެޓީގައި ހިދުމަތްކުރެއްވި ފަރާތްތައްވެސް ބައިވެރިކުރުވާފައިވެ އެވެ.

މި ރަސްމިއްޔާތުގައި ކުޅުދުއްފުށީ އަންހެން ކޮމެޓީގެ ރައީސާ ހަދީޖާ މުސާ އާއި މޭޔަރު މުހައްމަދު އާތިފުގެ އިތުރުން ކޮމެޓީގެ މެމްބަރުންނާއި ސިޓީ ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ގިނަ އަދަދެއްގެ އަންހެން ބޭފުޅުންވެސް ބައިވެރިވެލެއްވި އެވެ.

ކަމަނަ އެވޯޑް

ކަމަނަ އެވޯޑަކީ ކޮންމެ 5 އަހަރަކުން އެއް އަހަރު ދިނުމަށް ހަމަޖެހިފައިވާ އެވޯޑެއްކެވެ. މި އެވޯޑަށް ކުރިމަތިލެވޭނީ ކުޅުދުއްފުށީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.

ކުޅުދުއްފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން މުޅިން އަލަށް ދޭން ފެށި އެވޯޑަކީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން ދޭން ފެށި އެވޯޑެކެވެ.

މި އެވޯޑަކީ ގައުމީ ހިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި ގައުމީ ތަރައްގީއަށާއި މުޖުތަމައު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ރަށުފެންވަރުގައި ވަޒަންކުރުމުގެ ގޮތުންނާއި މުޖުތަމައުގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި އަންހެނުން ކުރިއެރުމަށް ވަކިވަކި ފަރުދުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭން ފެށި ހާއްސަ އެވޯޑެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355