މި ހިނގާ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލެއް އޭސީކޮށް ނިންމުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީއު ވިދާޅުވެއްޖެއެވެ.
ވަޒީރުންނާ ސުވާލުކުރުމަށް ރޭ ބޭއްވި "އަހާ" ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، "ކޫލް ސްކޫލް" މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ރައްޔިތުން ފާޅުކުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް ފެއްޓެވި މަސައްކަތެއް ކަމަށެވެ. މިއީ ކުރިން މެނިފެސްޓޯގައި އޮތް ކަމެއް ނޫން ނަމަވެސް، މިއީ ދަރިވަރުންނާއި ބެލެނިވެރިންގެ ބޮޑު ތަރުހީބެއް ލިބެމުންދާ މަޝްރޫއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކްލާސްރޫމްތައް ފިނިކުރުމުގެ ސަބަބުން ކުދިންނަށް އުނގެނުމުގައި ފަސޭހަވެ، މުދައްރިސުންނަށް ކިޔަވައިދިނުމުގައި ވެސް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެއެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމުގައި ކަރަންޓުގެ ޚިދުމަތާ ގުޅޭ ބައެއް އިދާރީ ބަދަލުތަކުގެ ސަބަބުން ދަތިތަކެއް ކުރިމަތިވި ނަމަވެސް، މަސައްކަތް ހަލުވިކަމާ އެކު ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
ސަރުކާރުގެ އުންމީދަކީ އަންނަ އާ ތައުލީމީ އަހަރު ފެށޭއިރު، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ދަރިވަރުންނަށް ވެސް ފިނިކުރެވިފައިވާ އުފާވެރި މާހައުލެއްގައި ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ޑރ. ޝަފީޢު ވިދާޅުވިއެވެ.




