twitterviber whatsapp telegramfacebookyoutube instagram
10th November 2026

ކޮޕް 31ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ފުރާވަޑައިގެންފި

ނަބީލާ އިސްމާޢީލް
Nov 10, 2026

ތުރުކީވިލާތުގެ އަންތާލިޔާގައި މިއަދުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 31 ވަނަ ސެޝަން (ޔޫއެންއެފްސީސީސީ ކޮޕް31) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ފުރާވަޑައިގެންފި އެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ފަރާތުން، ގައުމީ ބަޔާން އިއްވަވާނެއެވެ. އަދި މަތީ ފަންތީގެ އެކި ޙަރަކާތްތަކާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، އެހެން ޤައުމުތަކުގެ ވެރިންނާއެކު ބައްދަލުވުންތައް ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވެ އެވެ.

ކޮޕް31 އަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި، ދުނިޔޭގެ ލީޑަރުންނާއި ޔޫއެންއެފްސީސީސީގެ މެންބަރު ޤައުމުތަކުގެ މަންދޫބުން އެއްތަނަކަށް ޖަމާވާ ސަމިޓެކެވެ.

މީގެއިތުރުން، އެންމެންގެ ބައިވެރިވުން އެކުލެވޭ ޖަމަޢީ މަސައްކަތްތަކެއް ކުރުމަށްޓަކައި ވިޔަފާރިވެރިންނާއި، ޒުވާނުންނާއި، މޫސުމާ ބެހޭ ސައިންސްވެރިންނާއި، އަދި މަދަނީ ޖަމުޢިއްޔާތަކުން މި ބައްދަލުވުމުގައި އެ ފަރާތްތަކުގެ ތަޖުރިބާތަކާއި ހޯދުންތައް ހިއްސާކުރާނެއެވެ.

ކޮޕް ސަމިޓަކީ 1992ވަނަ އަހަރު ވުޖޫދުކުރެވުނު ތާރީޚީ ޔޫ.އެން.އެފް.ސީ.ސީ.ސީ މުޢާހަދާގެ ދަށުން ބާއްވާ 31 ވަނަ ސަމިޓެވެ. މި މުއާހަދާއަކީ 2015 ވަނަ އަހަރު ވެވުނު ޕެރިސް އެގްރީމެންޓުގެ އަސްލު ވެސް މެއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293