twitterviber whatsapp telegramfacebookyoutube instagram
18th April 2024

ރައްޖޭގެ ފަތުރުވެރިކަމަށް ފާޑުވިދާޅުވި ލަންކާގެ ވަޒީރު މާފަށް އެދިވަޑައިގެންފި

Mar 14, 2023

ރާއްޖެ އަންނަ ފަތުރުވެރިން ފަސް ދުވަހަށް ފަހު ފޫހިވާ ކަމަށާއި ތިބެން ޖެހެނީ އެއް ތަނެއްގައި ބަންދުވެފައި ކަމަށް ވިދާޅުވި ސްރީ ލަންކާގެ ޓޫރިޒަމް މިނިސްޓަރު ހަރިން ފެނާންޑޯ މާފަށް އެދިވަޑައިގެންފިއެވެ.

މައާފަށް އެދިވަޑައިގެން އޭނާ ކުރެއްވި ޓްވީޓެއްގައި ވަނީ، ޖަރުމަނުގެ ވެރިރަށް ބާލިންގައި މިމަހުގެ ހަތަކުން ފެށިގެން ނުވަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ އިންޓަނޭޝަނަލް ޓުއަރިޒަމް ބޯސޭ (އައިޓިބީ) ފެއާގައި ލަންކާ ޕްރޮމޯޓްކޮށް އޭނަ ދެއްކެވި ވާހަކައިގެ މާނަ އޮޅިވަޑައިގެންފައިވާކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި ލަންކާއިން މަސައްކަތް ކުރަނީ އަވައްޓެރި ގައުމުތަކާ ގުޅިގެންކަމަށެވެ.

އައިޓީބީ ފެއާގައި ވަހަކަ ދައްކަވަމުން ފެނާންޑޯ ވަނީ، ރާއްޖެ އާއި ލަންކާގެ ޓޫރިޒަމް އަޅުވާބަލަމުން ވާހަކަ ދައްކާފައެވެ. އެގޮތުން، ރާއްޖޭގައި އޮތީ ހަމަ އެކަނި ގޮނޑުދޮށްތައް ކަމަށާއި، ރާއްޖޭގައި ފަސް ދުވަސް ވަންދެން ތިބުމުން ފޫހި ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ސަބަބެއް ކަމުގައި އޭނާ ވިދާޅުވީ ރާއްޖޭގައި ފަތުރުވެރިން އައިސް ތިބެން ޖެހޭނީ ރަށެއްގައި ބަންދުވެފައިކަމަށް ވުމުންނެވެ.

"މިހާރު މިހިސާބުގައި ހަމައެކަނި އޮތީ ސްރީ ލަންކާގެ ބީޗެއް ނޫން. އަޅުގަނޑަށް އެނގޭ ވަރަށް ގިނަ މީހުން ދިވެހި ރާއްޖެއަށް ދާކަން. އެކަމަކު ރާއްޖޭގައި ހަމައެކަނި އޮންނަނީ ބީޗް. އަހަރެން ފާޑު ކިޔަނީކީ ނޫން. އެކަމަކު އެތަނުގައި ފަސް ދުވަހު ހުރުމަށްފަހު ފޫހިވާނެ. ހަމައެކަނި ރަށެއްގައި، އެއްތަނެއްގައި ބަންދުވެފައި ތިބެން ޖެހޭނީ. އެކަމަކު ސްރީ ލަންކާ ގައި އެހެނެއް ނުވާނެ." ފެނާންޑޯ ވިދާޅުވިއެވެ.

މިނިސްޓަރުގެ މި ވާހަކަތަކާ ގުޅިގެން މީސް މީޑިއާގައި ގިނަ ބައެއްގެ ފާޑު ކިއުން އޭނާ އަށް އަމާޒުވިއެވެ.

ފެނާންޑޯ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ރީތި ރަށްތަކާ ބެހޭ ގޮތުން ދެއްކެވި ވާހަކަ މީސް މީޑިއާގައި ދައްކާފައި ވަނީ އޮޅުވާލައިގެން ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި ލަންކާ އިން މަސައްކަތް ކުރަނީ ރާއްޖެއާ ގުޅިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފެނާންޑޯ ވިދާޅުވެފައިވަނީ ލަންކާގައި ފަތުރުވެރިންނަށް ވަރަށް ގިނަ ކަންކަން ކުރަން ހުންނާނެ ކަމަށާއި، ތަފާތު އެކި ކަހަލަ ކަންތައްތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށެވެ.

އެގޮތުން މަދު ވަގުތު ކޮޅެއްގެ ތެރޭގައި ހަތަރު މޫސުން ސްރީ ލަންކާގައި ތަޖުރިބާ ކުރެވޭނެ ކަމަށް ވެސް ފެނާންޑޯ ވިދާޅުވިއެވެ. އޭގެ ތެރޭގައި ފިނި ތަންތަނަށް ދިއުމާއި ރީތި ގޮނޑުދޮށްތަކަށް ދިއުމާއި، ސާފިންގް އަށް ދިއުމާއި، ބޮޑުމަސް ބަލަން ދިއުމާއި، ފަރުބަދަތައް މައްޗަށް ހައިކް ކުރަންވެސް ދެވޭނެ ކަމަށް ވިދާޅުވިއެވެ.

ފެނާންޑޯގެ ވާހަކަފުޅަށް، ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު، ޑރ. އަބްދުﷲ މައުސޫމް ވެސް ވަނީ ނުސީދާ ރައްދެއް ދެއްވާފައެވެ. ޑރ. މައުސޫމު ކުރެއްވި ޓްވީޓެއްގައި ވަނީ ފާއިތުވި ތިން އަހަރު ވެސް ދުނިޔޭގެ ލީޑިންގް ޑެސްޓިނޭޝަންގެ މަގާމު ހޯދާފައި ވަނީ ދިވެހިރާއްޖެއިން ކަން ފާހަގަކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355