twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ގޮވާލާ ކުރިނބީ ކައުންސިލުންވެސް ގަރާރެއް

އަބްދުލް ވާހިދު ޙަސަން
Mar 15, 2023

ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ގޮވާލާ، ހދ ކުރިނބީ ކައުންސިލުންވެސް ގަރާރެއް ފާސްކޮށްފި އެވެ. ކުރިނބީ ކައުންސިލުން މިފަދަ ގަރާރެއް ފާސްކޮށްފައިވާއިރު ހދ ފިނޭ ކައުންސިލުންވެސް އިއްޔެ ވަނީ މިފަދަ ގަރާރެއް ފާސްކޮށްފަ އެވެ.

ރައްޔިތުންނަށް ދޭން ޖެހޭ އެންމެހާ ހިދުމަތްތަކާއި ރަށުގެ ތަރައްގީއަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތަކާއި އަދި ދައުލަތުގެ މެންޑޭޓްތަކާއި އެ އިދާރާތަކުގެ ދޭ ބައެއް ހިދުމަތްތައް މެދުނުކެނޑި ރަށުގައި ދިނުމުގެ މަސައްކަތްތައް ކުރުމާއި ގައުމީ އިދާރާތަކުން އެދޭ އެންމެހައި ކަންކަމުގައި އެހީ ފޯރުކޮށްދެނީ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން ކަމަށެވެ.

އަދި މީގެ އިތުރުން ލާމަރުކަޒީ ގާނޫނުން މަތިކޮށްފައިވާ ކަންތައްތައް ކުރުމުގައި ކައުންސިލްތަކުގައި ތިބޭ މަދު މުވައްޒަފުން، އެ ހިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހޭކަން ފާހަގަކުރި އެވެ.

އެ ކައުންސިލްގެ ހަތަރު މެމްބަރުން ސޮއިކުރައްވާ ނެރުނު ބަޔާނުގައި ލިޔެފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ 13 ވަނަ އަހަރު ގުނަމުންދާއިރު ލާމަރުކަޒީ އުސޫލުން ހިންގުމަށް ހަވާލުކޮށްފައިވާ ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރައަށް އެދެވޭ ބަދަލުތަކެއް އައިސްފައިނުވާ ކަމަށާއި ރަށެއްގައި ދައުލަތުގެ އެތައް އިދާރާތަކެއް ގާއިމުވެފައިވާއިރު، ލާމަރުކަޒީ ގާނޫނުގެ އެންމެހައި ޒިންމާތަކެއް މަތިކުރެވިފައިވާ ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ އާއި އެލަވެންސްތައް، ރަށުގައި ގާއިމުވެފައިވާ އެހެނިހެން ހުރިހާ އިދާރާތަކުގެ މުވައްޒަފުންގެ މުސާރައަށްވުރެ ކުޑަވެފަ، ފަރަގު ބޮޑުވުމަކީ އެ ކައުންސިލުގެ ނުހަނު ބޮޑު ކަންބޮޑުވުމެއްކަމަށެވެ.

މިކަމުގެ ސަބަބުން ކިޔަވައިގެން ތިބި ތަޖުރިބާ ހުރި ރަނގަޅު މުވައްޒަފުން ކައުންސިލްތަކުގެ ވަޒީފާތަކުން ވަކިވުމާއި ކިޔަވައިގެން ތިބި ރަނގަލު މުވައްޒަފުން ކައުންސިލްތަކަށް ހޯދުމުގައި އިންތިހާއަށް ދަތިތަކާ ކުރިމަތިވެފައިވާކަމަށެވެ.

ދައުލަތުގެ ގިނަ އިދާރާތަކުގައި މަސައްކަތްކުރާ ސިވިސްސާވިސް މުވައްޒަފުންނަށް އެކި ނަންނަމުގައި މުސާރައިގެ 35 އިންސަތައިގެ އެލަވެންސްއެއް ދެމުންގެންދާއިރު ކައުންސިލްތަކުގެ މުވައްޒަފުންނަށް އެފަދަ އެލަވެންސްތައް ނުލިބި މުސާރައިގެ ފަރަގު އިންތިހާއަށް ބޮޑުވެފައިވުމަކީ ސިވިސް ސާވިސްގެ އެކި އިދާރާތަކުގައި އެއްހަމައެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ގެންގުޅޭ ތަފާތުކުރުމެއްކަން ކުރިނބީ ކައުންސިލުންވެސް ފާހަގަކުރި އެވެ.

އެ ކައުންސިލްގެ ގަރާރުގައި ބުނެފައިވަނީ، ކައުންސިލްތަކަކީ ރަށުގެ އެންމެހާ މަސްއޫލިއްޔަތާއި ޒިންމާ ބޮޑު އިދާރާއަށްވެފައި ތަނުން ދެވޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް މުވައްޒަފުންގެ ޒިންމާތަކާއި އެކަށީގެންވާ މުސާރައެއް އެ މުވައްޒަފުންނަށް ލިބެން ޖެހޭނެ ކަމަށާއި ދައުލަތުގެ މުސާރައިގެ އޮނިގަނޑު ބަދަލުކޮށް ސަރުކާރުގެ ވުޒާރާތަކުގެ ލެވަލްގައި ކައުންސިލްތައް ބަލައިގަތުމަށް ގޮވާލާފައިވެ އެވެ. އަދި މީގެ އިތުރުން ދައުލަތުގެ ވުޒާރާތަކުގެ ސިވިލް ސާވިސް މުވައްޒަފުންނަށް އެކި ނަންނަމުގައި ދެވޭ މުސާރައިގެ 35 އިންސަތައިގެ އެލަވެންސް، ކައުންސިލްތަކުގައި މުވައްޒަފުންނަށް ދިނުމަށްވެސް އެ ކައުންސިލްގެ ގަރާރުގައި ގޮވާލާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355