twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޑަކުދިންގެ ހަވީރާއެކު ކުރިނބަށް އުފާވެރި ވަގުތުކޮޅެއް

އަބްދުލް ވާހިދު ޙަސަން
May 15, 2023

ހދ އަތޮޅުގެ މެދުގައި އޮންނަ ކުރިނބަކީ 700 އެއްހާ މީހުންގެ އާބާދީއެއް އުޅޭ ރަށެކެވެ. މިދިޔަ ހޮނިހިރުދުވަހަކީ މި ކުޑަ އާބާދީގެ ކުޑަކުދިންގެ ހާއްސަ ދުވަހެކެވެ. އެ ދުވަހު އެރަށުގައި މީގެ ކުރިން ފާހަގަނުކުރާ ވަރުގެ ބޮޑުކޮށް ކުޑަކުދިންގެ ހަވީރެއް ފުލުހުންގެ އިސްނެގުމާއި ކައުންސިލްގެ އެހީތެރިކަމާއެކު ބޭއްވީ އެވެ.

ކޮންމެ ރަށެއްގައިވެސް އެރަށެއްގެ ފެންވަރުން ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް އަންނަނީ ފާހަގަކުރަމުންނެވެ. އެގޮތުން ކުރިނބީގައިވެސް މީގެ ކުރިންވެސް ރަށު ފެންވަރުގައި ކުޑަކުދިންގެ ދުވަސް އަންނަނީ ފާހަގަކުރަމުންނެވެ. އެކަމަކު މިއަހަރުގެ ކުޑަކުދިންގެ ދުވަސް އެރަށަށް ހާއްސަ އެވެ. މީގެ ކުރިން އެރަށުގައި ކުޑަކުދިންގެ ހަވީރެއް ނުބާއްވާހާ ކުލަގަދަ، އަދި ތަފާތުކޮށް އެ ދުވަސް ފާހަގަކުރީ އެވެ.

ފުލުހުންގެ އިސްނެގުމާއެކު ކުރިއަށްގެންދިޔަ މި ހާއްސަ ކުޑަކުދިންގެ ހަވީރުގައި ކުރިނބީގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން އެރަށުގެ ޖަމިއްޔާއެއްކަމަށްވާ ކުރިނބީ ޔޫތް މޫވްމެންޓް އާއި ކުޅުދުއްފުށީގެ ބައެއް މުއައްސަސާތަކުންވެސް ބައިވެރިވެ، ކުޑަކުދިންނާ ގުޅޭ މަޖާ ތަަފާތު ގޭމް ކުޅެވޭނެހެން ސްޓޯލްތައް ހަދައި، ކުދިންނަށް އިނާމުދިނެވެ.

"މިރަށަކީ ފުލުހުން އަދި ގާއިމުވެފައިނުވާ ރަށަކަށްވާތީ ފުލުހުންގެ ވެހިކަލުތަކާއި އެ ޔުނީފޯމަށްވެސް ކުދިންގެ ޝައުގުވެރިވާނެ ދޯ. މިހާ ގިނަ ބަޔަކު ބައިވެރިވެގެން މިފަދަ ހަރަކާތެއް ބާއްވާތީ ގިނަ ސްޓޯލްތަކާއި ގިނަ ކުޅިވަރުތައްވެސް ހުންނާނެތާ. ކުދިން ރަށްތަކުގައި އުޅޭ މި ކުދިންނަށް ލިބޭނެ ބޮޑު އުފަލަކަށްވާނެ މިކަން." ސްޓޯލެއްގައި ހުރި މީހަކު ބުންޏެވެ.

ކުރިނބީ ބަނދަރު ސަރަހައްދުގައި ކުރިއަށްގެންދިޔަ މި ކުޑަކުދިންގެ ހަވީރަށް ބޮޑު ތަރުހީބެއް ލިބިގެންދިޔަ އެވެ. މި ހަވީރުގައި ކައުންސިލުން ބޮޑު ކޭކެއް ފަޅައިވެސް އެވެ. މި ކުޑަކުދިންގެ ހަވީރުގައި ފުލުހުންނާއި ކައުންސިލްގެ އިތުރުން ކުރިނބީ ސްކޫލާއި ކުރިނބީ ފެނަކަ އާއި އެރަށުގެ އަންހެނުންގެ ކޮމެޓީ، ހދ ފެމެލީ އެންމެ ޗިލްޑްރެން ސާވިސް ސެންޓަރާއި އަފީފުއްދީން ސްކޫލާއި ކުޅުދުއްފުށި ސިޓީ ފުލުހުންގެ އިތުރުން ކުރިނބީ ޔޫތް މޫވްމެންޓް އަދި އެރަށު ސިއްހީ މަރުކަޒުން ބައިވެރިވެފައިވެ އެވެ.

މި ކުޑަކުދިންގެ ހަވީރުގައި އެރަށުގެ ކައުންސިލްގެ ރައީސާއި ކައުންސިލް މެމްބަރުންގެ އިތުރުން ފުލުހުންނާއި ކުޅުދުއްފުށި ސިޓީ ފުލުހުންގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355