twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރާ ބޮޑުކުރުމަށް ގޮވާލައިފި

އަބްދުލް ވާހިދު ޙަސަން
Mar 14, 2023

ކައުންސިލްތަކުގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުންނާއި ދައުލަތުގެ އެހެން އިދާރާތަކުގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުންގެ މެދުގައި ގެންގުޅޭ މުސާރައިގެ ފަރަގު ނައްތާލުމަށް ހދ ފިނޭ ކައުންސިލުން ސަރުކާރަށް ގޮވާލައިފި އެވެ.

ކައުންސިލް އިދާރާގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ގޮވާލާ އެ ފިނޭ ކައުންސިލުން ފާސްކުރި ގަރާރުގައި ބުނެފައިވަނީ، ރައްޔިތުންނަށް ދޭން ޖެހޭ އެންމެހާ ހިދުމަތްތަކާއި ރަށުގެ ތަރައްގީއަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތަކާއި އަދި ދައުލަތުގެ މެންޑޭޓްތަކާއި އެ އިދާރާތަކުގެ ދޭ ބައެއް ހިދުމަތްތައް މެދުނުކެނޑި ރަށުގައި ދިނުމުގެ މަސައްކަތްތައް ކުރުމާއި ގައުމީ އިދާރާތަކުން އެދޭ އެންމެހައި ކަންކަމުގައި އެހީ ފޯރުކޮށްދެނީ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން ކަމަށެވެ.

އަދި މީގެ އިތުރުން ލާމަރުކަޒީ ގާނޫނުން މަތިކޮށްފައިވާ ކަންތައްތައް ކުރުމުގައި ކައުންސިލްތަކުގައި ތިބޭ މަދު މުވައްޒަފުން، އެ ހިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހޭކަން ފާހަގަކުރި އެވެ.

އެ ކައުންސިލްގައި ތިއްބަވާ ފަސް މެމްބަރުން ސޮއިކުރައްވާ ނެރުނު ބަޔާނުގައި ލިޔެފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ 13 ވަނަ އަހަރު ގުނަމުންދާއިރު ލާމަރުކަޒީ އުސޫލުން ހިންގުމަށް ހަވާލުކޮށްފައިވާ ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރައަށް އެދެވޭ ބަދަލުތަކެއް އައިސްފައިނުވާ ކަމަށާއި ރަށެއްގައި ދައުލަތުގެ އެތައް އިދާރާތަކެއް ގާއިމުވެފައިވާއިރު، ލާމަރުކަޒީ ގާނޫނުގެ އެންމެހައި ޒިންމާތަކެއް މަތިކުރެވިފައިވާ ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ އާއި އެލަވެންސްތައް، ރަށުގައި ގާއިމުވެފައިވާ އެހެނިހެން ހުރިހާ އިދާރާތަކުގެ މުވައްޒަފުންގެ މުސާރައަށްވުރެ ކުޑަވެފަ، ފަރަގު ބޮޑުވުމަކީ އެ ކައުންސިލުގެ ނުހަނު ބޮޑު ކަންބޮޑުވުމެއްކަމަށެވެ.

މިކަމުގެ ސަބަބުން ކިޔަވައިގެން ތިބި ތަޖުރިބާ ހުރި ރަނގަޅު މުވައްޒަފުން ކައުންސިލްތަކުގެ ވަޒީފާތަކުން ވަކިވުމާއި ކިޔަވައިގެން ތިބި ރަނގަލު މުވައްޒަފުން ކައުންސިލްތަކަށް ހޯދުމުގައި އިންތިހާއަށް ދަތިތަކާ ކުރިމަތިވެފައިވާކަމަށެވެ.

ފިނޭ ކައުންސިލުގެ ގަރާރުގައި ބުނެފައިވަނީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ހަރުދަނާކުރުމަށް ކައުންސިލްތަކަށް ހައިބްރިޑް ސިސްޓަމް ތައާރަފުކޮށް ކައުންސިލްގެ މުވައްޒަފުންނަށް ވަކި އިދާރީ އޮނިގަނޑެއް ހެދިފައިވާއިރު މިހާތަނަށް ހެދިފައިވާ އެންމެހާ އިދާރީ އޮނިގަނޑުގެ ތެރެއިން އެންމެ މުސާރަ ކުޑަ އޮނިގަނޑަކީ ކައުންސިލްތަކުގެ މުވައްޒަފުންގެ އިދާރީ އޮނިގަނޑުކަމަށެވެ.

ދައުލަތުގެ ޕޭ ޕްރޭމްވަރކްގެ މިންގަނޑުތައް ބަޔާންކޮށް 1 މެއި 2022 ގައި ގެޒެޓްކުރެވިފައިވާ އުސޫލުގައި މުއައްސަސާތައް ހަތަރު ގިންތިއަށް ގިންތިކުރެވިފައިވާއިރު ގިންތީގެ އެންމެ ތިރިން ގިންތިކުރެވިފާ އިދާރާތަކަކީ ކައުންސިލްތައް ކަމަށެވެ.

"ހަމައެއާއެކު ހަތަރުވަނަ ގިންތި ތިންބަޔަކަށް ބެހިފައިވާއިރު އެ ގިންތީގެވެސް އެންމެ ތިރިން ގިންތިކުރެވިފައިވަނީ ކައުންސިލްތަކެވެ. ޕޭ ފްރޭމްވަރކްގެ ގިންތީގެ ތިންވަނަ ދަރަޖާގައި ސަރުކާތުގެ މުޒާރާތައް ހިމެނިފައިވާއިރު ކައުންސިލްތަކަކީ ދައުލަތުގެ ވުޒާރާތަކުގެ ތެރެއިން ގުނޭ އިދާރާތަތަކަށްވެސް ނުވެއެވެ." ފިނޭ ކައުންސިލްގެ ގަރާރުގައިވެ އެވެ.

އަދި ދައުލަތުގެ ގިނަ އިދާރާތަކުގައި މަސައްކަތްކުރާ ސިވިސްސާވިސް މުވައްޒަފުންނަށް އެކި ނަންނަމުގައި މުސާރައިގެ 35 އިންސަތައިގެ އެލަވެންސްއެއް ދެމުންގެންދާއިރު ކައުންސިލްތަކުގެ މުވައްޒަފުންނަށް އެފަދަ އެލަވެންސްތައް ނުލިބި މުސާރައިގެ ފަރަގު އިންތިހާއަށް ބޮޑުވެފައިވުމަކީ ސިވިސް ސާވިސްގެ އެކި އިދާރާތަކުގައި އެއްހަމައެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ގެންގުޅޭ ތަފާތުކުރުމެއްކަން ފިނޭ ކައުންސިލުން ފާހަގަކުރި އެވެ.

އެ ކައުންސިލްގެ ގަރާރުގައި ބުނެފައިވަނީ، ކައުންސިލްތަކަކީ ރަށުގެ އެންމެހާ މަސްއޫލިއްޔަތާއި ޒިންމާ ބޮޑު އިދާރާއަށްވެފައި ތަނުން ދެވޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް މުވައްޒަފުންގެ ޒިންމާތަކާއި އެކަށީގެންވާ މުސާރައެއް އެ މުވައްޒަފުންނަށް ލިބެން ޖެހޭނެ ކަމަށާއި ދައުލަތުގެ މުސާރައިގެ އޮނިގަނޑު ބަދަލުކޮށް ސަރުކާރުގެ ވުޒާރާތަކުގެ ލެވަލްގައި ކައުންސިލްތައް ބަލައިގަތުމަށް ގޮވާލާފައިވެ އެވެ. އަދި މީގެ އިތުރުން ދައުލަތުގެ ވުޒާރާތަކުގެ ސިވިލް ސާވިސް މުވައްޒަފުންނަށް އެކި ނަންނަމުގައި ދެވޭ މުސާރައިގެ 35 އިންސަތައިގެ އެލަވެންސް، ކައުންސިލްތަކުގައި މުވައްޒަފުންނަށް ދިނުމަށްވެސް އެ ކައުންސިލްގެ ގަރާރުގައި ގޮވާލާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355