شَهْرُ رَمَضَانَ الَّذِى أُنزِلَ فِيهِ الْقُرْآنُ هُدًى لّلنَّاسِ وَبَيِّنَـٰتٍ مِّنَ الْهُدَىٰ وَالْفُرْقَانِ - (ސޫރަތުލްބަޤަރާ – 185) މާނަ: ރަމަޟާން މަހަކީ އެމަހެއްގައި ޤުރުއާން ބާވައިލެއްވުނު މައްސަރެވެ. އެއީ މީސްތަކުންނަށް ހިދާޔަތެއް ކަމުގައްޔާއި ޙައްޤާއި ބާޠިލް ވަކިކޮށްދެނިވި ފޮތެއްގެ ގޮތުގައެވެ.
އާދޭހެވެ. ކީރިތި ޤުރުއާން ބާވާލެއްވުނު މާތް އެންމެ މަތިވެރި މައްސަރު މިއޮތީ އަޅުގަނޑުމެންނާއި ބައްދަލުވެފައެވެ. މިމަހުގައި ކީރިތި ޤުރުއާން ގިނަގިނައިން ކިޔެވުމަކީ ތިމާގެ އީމާންތެރިކަން އިތުރުވެ ގިނަގުނަ ސަވާބާއި ދަރުމަ ލިބޭނޭ އަޅުކަމެވެ. އުންމަތުގެ ސަލަފުއް ޞާލިޙުންގެ ފަރާތުން 3 ދުވަހުން ޚަތިމް ކުރައްވާ ކަމުގައި ވެއެވެ. އަނެއްބައި ބޭކަލުންގެ ފަރާތުން މަހަކުން ޚަތިމެއް ކުރައްވާ ކަމުގައިވެސް ވެއެވެ. އެހެންކަމުން ވިސްނަންވީ ކަމަކީ، ތިމާއަށް ލިބިފައިމިވާ ފުރުސަތުގެ ބޭނުން ހިފައި، ކުޅަދާނަވީ ވަރަކުން ޚަތިމެއް ކުރުމެވެ.
ތިރީގައި ފާހަގަކޮށްލާފައިވާ ނުކުތާތަކަކީ، ކީރިތި ޤުރުއާން ޚަތިމް ކުރުމުގައި ވިސްނާލުން މުހިންމު ބައެއް ކަންތައްތަކެވެ.
ނިޔަތަކީ، ތަންތަނަށް ދިޔުމަށް ދަތުރުކުރާ އުޅަނދު ފަހަރުތަކުގައި، ކަނޑައެޅިފައިވާ މަންޒިލް ހޯދުމަށް ބޭނުންކުރާ ވަސީލަތެއް ފަދައިން އަޅުގަނޑުމެން ބޭނުންވާ ކަމަކަށް މަގުދައްކާ އިރުޝާދުދޭ އެއްޗެކެވެ. އެހެންކަމުން، ކީރިތި ޤުރުއާން ރަމަޟާން މަހުގައި ޚަތިމު ކުރުމަށް އެދޭމީހާ، އެންމެ ފުރަތަމަވެސް ޤުރުއާން ޚަތިމުކުރުމަށް ރަނގަޅު ހެޔޮ ނިޔަތެއް އޮތުން ވަރަށް މުހިންމެވެ.
ޢުމަރުގެފާނުގެ އަރިހުން ރިވާވެގެން އައިސްފައިވާ ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ހަދީސް ބަސްފުޅެއްގެ މާނާގައިވެއެވެ.
"ޢަމަލުތައް ނިޔަތުގެ މައްޗަށް މެނުވީ ނުވެއެވެ. އަދި ކޮންމެ އިންސާނަކަށްވެސް ވަނީ އެމީހަކު ނިޔަތްގަތް ކަމެކެވެ."
ޢަޒުމަކީ، ނިޔަތްގަތް ކަންތައް ކުރުމަށް ޤަޞްދުކޮށް މާވަރުގަދައަށް ހިތުގައި ކަނޑައަޅާ ކަނޑައެޅުމެވެ. އޭގެ ސަބަބުން ކުރާން ނިޔަތްގަތްނަ ކަމެއް ކުރުމުގައި ވަރަށް ބޮޑު އެހީއެއް ވެދޭނެއެވެ. ހުރަސްތަކާ ދިމާވިޔަސް، ވަރުގަދަ ޢަޒުމެއް އޮތިއްޔާ، ކުރިޔަށް ދިޔުމަށް ހިތްވަރު ލިބެއެވެ. އެހެންކަމުން، ޤުރުއާން ރޯދަމަސްތެރޭގައި ޚަތިމު ކުރުމަށް ވަރުގަދަ ޢަޒުމެއް ކަނޑައަޅަންވާނެއެވެ.
މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވަނީ؛
"ހަމަކަށަވަރުން، ބަޔަކުމީހުންގެ ޙާލަތު އެބަޔަކު އަމިއްލަޔަށް ބަދަލުކޮށްފުމަށްދާނދެން، ﷲ އެޙާލަތު ބަދަލެއް ނުކުރައްވާނެތެވެ." (13:11)
ޤުރުއާން ޚަތިމުކޮށް ނިންމުމަށް ތަފާތު ގޮތްގޮތް ހުރެއެވެ. ފޭސްބުކް ޕޯސްޓުތަކުންނާއި އާޓިކަލްސްތައްވެސް ވަރަށް ގިނައިން ހުރެއެވެ. އެހެންކަމުން، އޭގެ ތެރެއިން ތިމާއަށް އެންމެ ކަމުދާ ފަސޭހަގޮތެއް ޚިޔާރުކުރާށެވެ.
ވަގުތު ހަމަޖެއްސޭނެ ގޮތްތައް ބަލައި އެންމެ ރަނގަޅު އުސޫލެއް ނަގާށެވެ. މިގޮތުން ބައެއް ފަރާތްތަކުން ގެންގުޅޭ ގޮތްތަކަށް ބަލާލާއިރު؛
- ޤުރުއާނުގައިވަނީ 30 ފޮތެވެ. ކޮންމެ ދުވަހަކު ފޮތެއް ކިޔުން.
- ފަރުޟު ކޮންމެ ނަމާދެއް ފަހުގައި ޤުރުއާނުން 4 ޞަފުޙާ ކިޔެވުން.
- ހެނދުނު 5 ޞަފުޙާ، މެންދުރު 5 ޞަފުޙާ، މެންދުރުފަހު 5 ޞަފުޙާ އަދި ރޭގަނޑު 5 ޞަފުޙާ ކިޔެވުން
- ހެނދުނު 10 ޞަފުޙާ އަދި ރޭގަނޑު 10 ޞަފުޙާ ކިޔެވުން.
ޤުރުއާން ޚަތިމް ކުރުމުގައި، ތިމާއަށް ފަސޭހައީ ކޮންގޮތެއްތޯ ބަލައި އެގޮތެއް ހޯދުމަށް ބައެއް ފަހަރަށް ވަގުތު ނަގައެވެ. އަދި ކޮންމެ ކޮންމެ ގޮތެއް ތިމާއާ ނުގުޅިވެސް ހިނގާދާނެއެވެ. އެހެންކަމުން، ނިޔަތަކީ، ޤުރުއާން ޚަތިމުކުރުން ކަމުގައިވާއިރު، ޤުރުއާން ފަރިތަކޮށް ކިޔުމަށް ދަސްކުރުމީ މުހިންމު ކަމެކެވެ. ދަސްވާ ވަރަކަށް އެ އެއްޗެއް ކިޔުމުގައި ލުއި ފަސޭހަވާނެއެވެ.
ކޮންމެ ކަމެއް ކުރުމުގައިވެސް އެކުއެކީ އެކަމެއް ކުރުމުގައި އިތުރުމީހަކު ހުރުމީ، އެކަމެއް ކުރުމަށް އިތުރު ހިތްވަރަކާއި ޝަޢުޤުވެރިކަން ލިބޭނޭ ކަމެކެވެ. އަދި ހަނދާން ނެތި ހުއްޓަސް، ނޫނީ ފޫހިވެފައި ހުންނަ ގަޑިއެއްގައި ވިޔަސް، އެކަމަށް އަނެކެއްގެ ފަރާތުން އެއްބާރުލުން ލިބި ޤުރުއާން ކިޔެވުމަށް އެހީތެރިވާނެއެވެ.
އުންމީދަކީ، އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް، މި ރަމަޟާން މަހުގައި ކީރިތި ޤުރުއާން ޚަތިމް ކުރުމުގެ ހެޔޮ ތަޢުފީޤު ދެއްވުމެވެ. އަދި އެކަކު އަނެކަކަށް މިކަމުގައި އެހީތެރިވާ ބަޔަކު ކަމުގައި ލެއްވުމެވެ.