twitterviber whatsapp telegramfacebookyoutube instagram
19th April 2024

ރޯދައަށި: ކުޅުދުއްފުށި: ވާކުއްޖާ މަހާނައާއި ބަލިވާ؛

ހ.މ
Mar 23, 2023
1

ނޯޓް: މިލިޔުމަކީ، ކުޅުދުއްފުށީގައި ހިނގާފައިވާ ބައެއް ހާދިސާތަކާއި ގުޅޭގޮތުން، ރަށުގެ ދުވަސްވީ މީހުންނާއި އަދި މިފަދަ މައުލޫމާތު ލިބިފައިހުރި ބައެއް ފަރާތްތަކުން ދީފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ތައްޔާރު ކުރެވިފައިވާ ލިޔުމެކެވެ. ލިޔުމުގައި އެވަނީ އެފަރާތްތަކުގެ ހަނދާނުގައި މިހާދިސާތަކުގެ މައުލޫމާތު މިވަގުތަށް ހުރިވަރުން ހިއްސާކޮށްފައިވާ މައުލޫމާތެވެ. އެހެންކަމުން މި މައުލޫމާތުގައި އުނި އިތުރެއް ހުރުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ދެންނެވީމެވެ.

ވާކުއްޖާ މަހާނަ؛

ވާކުއްޖާ މަހާނަ ހުރިކަމަށްވަނީ މަސްޖިދުލްޢުލާ ޤަބުރުސްތާނުގެ މިސްކިތް މަގާވީ ފަރާތުގައެވެ. "ވާކުއްޖާ މަހާނަ" މިނަން ކިޔުނީ ވާކުއްޖެއް އެތާގައި ވަޅުލާފައިވާތީ ކަމަށްވެއެވެ. އެހެން ނަމަވެސް، މިވާހަކައަކީ، ވަރަށް ކުރިއްސުރެ ކިޔަމުން އައި ވާހަކައަކަށްވެފައި، އެތާގައި ވަޅުލާފައިވަނީ ކޮން ރަށެއްގެ ކޮން އާއިލާއަކަށް ނިސްބަތްވާ އަދި ވާކުއްޖެއްކަންވެސް ޔަގީންކޮށް ބުނަން އެނގޭވަރުގެ މައުލޫމާތު ހުރި ފަރާތަކާއި ދިމާވެފައި ނެތްކަން ފާހަގަކުރަމެވެ.

މީހުން ހިނެވުމާއި ވަޅުލުމުގައި އެންމެ ގިނަ ދުވަހު މިރަށުގައި މަސައްކަތްކުރި ފަރާތަކުން މައުލޫމާތު ދެއްވި ގޮތުގައި، ވާކުއްޖާ މަހާނަ އޮންނަކަން އޭނާގެ އުމުރުން ވަރަށް ކުޑައިރުއްސުރެ އަޑުއަހައި އަދި ދެކުނު ކަމަށެވެ. އެތަނުގައި ދެގައު ބަހައްޓައި އިލޮށި ބުރިބުރީގައި ދިދަ ޖަހައި ރީތިކޮށްފައި ހުއްޓާ ފެނުނު ކަމަށެވެ. ހަމައެހެންމެ އެޒަމާނުގައި ދިވެހިންގެ ތެރޭގައި އޮތް މަހާނައަށް ނަދުރު ބުނުމާއި ކާށި ބެހެއްޓުމާއި ބޮލިއެރުވުންފަދަ ކަންކަން އެމަހާނަ ދޮށަށްވެސް ކުރަމުންދިޔަ ކަމުގައި މައުލޫމާތު ދެއްވި ފަރާތުން ހާމަކުރެއްވިއެވެ.

ވާކުއްޖާއަށް ވާކުއްޖާ ކިޔަނީ ކީއްވެކަން އެނގޭނެ މީހަކާ ދިމަލެއް ނުވި އެވެ. އެކުއްޖާ ފެނުނު މީހަކު މިހާރު ދުނިޔޭގައި ހުރި ކަމަކަށް ނުވެ އެވެ. އެހެންވެ ވާކުއްޖާއަށް އެ ނަން ދެވުނީ ކީއްވެކަން ސާފެއް ނުވެ އެވެ. އުމުރުން 76 އަހަރުގެ އަންހެނަކު ކިޔައިދިންގޮތުގައި ވާކުއްޖާއަކީ ފިރިހެން ކުއްޖެކެވެ. އެކަމަކު އެކުއްޖާއަކީ ކިހެނެތް ހުންނަ ކުއްޖެއްކަމެއް އޭނާއަކަށްވެސް ނޭނގެ އެވެ. އެނގޭހާވެސް އެއްޗަކީ "ބަލި ސޮރު" މަހާނެއް ހުންނަކަމެވެ.

ޒަމާންތައް ބަދަލުވެ މީހުން ދިރިއުޅުމަށާއި އޮފީސް އިމާރާތްތަކަށް ބިން ދޫކުރުމާއި، އަދި ސަހަރާގެ އިން ވަކިކޮށް ހެދުމުގެ މަސައްކަތުގެ ތެރެއިން ބައެއް މަހާނަތައް ނަގައި ސަހަރާގެ އިމުގެ އެތެރޭގައި ވަޅުލިކަމަށްވެއެވެ. މިހާރު ވާކުއްޖާ މަހާނައިގެ އެއްވެސް ނިޝާނެއް ފެންނާކަށެއް ނެތެވެ.

ބަލިވާ:

"ބަލިވާ" ހިމެނޭ ސަރަހައްދަކީ، މި ލިޔުމުގެ ކުރީގައި އިސްވެދިޔަ ވާކުއްޖާ މަހާނަ އޮތްކަމަށް ބުނެވޭ ސަރަހައްދެވެ. އޭރު އެ ސަރަހައްދު އޮންނަނީ ގަސްތަކާއެކު ވާހެދިފައެވެ. ކުޅުދުއްފުށީ ބޭންކު އޮފް މޯލްޑިވްސް އާއި ދިރާގު ހިމެނޭ ސަރަހައްދުވެސް އޭރު ހިމެނެނީ "ބަލިވާ" ގެ ތެރޭގައި ކަމުގައި މައުލޫމާތު ލިބިފައިވެއެވެ.

އެ ސަރަހައްދު ބޮޑަށް ބޭނުންކޮށްފައިވަނީ، އިހުޒަމާނުގައި ގޮތް ނޭނގޭ، ފަރުވާ ނޭނގޭ ބޮޑެތި ބަލިތަކުގައި މަރުވާ މީހުން އެކަހެރިކޮށް ވަޅުލުމުގެ ބޭނުމަށެވެ. މިއީ ރާއްޖޭގެ ވަރަށްގިނަ ރަށްތަކުގައި ކަންކުރަމުން ގޮސްފައިވާ ގޮތެވެ. ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުންކަމުގައި ވެދާނެއެވެ. އެންމެފަހުން އެފަދަ ނުރައްކާތެރި ބަޔެއް ޖެހިގެން މީހަކު އެކަހެރިކުރީ ފުނަވަލަށެވެ. އެއީ މިހާރުގެ ކުޅުދުއްފުށީގައި ހުންނަ އެމްއެންޑީއެފްގެ އޮފީސް ސަރަހައްދެވެ. އެކަމަކު އެމީހާ ފަހުން އެބަލިން ރަނގަޅުވި އެވެ.

"ބަލިވާ" ގެ ނަމުން އެ ސަރަހައްދަށް ނަންދެވިފައިވަނީވެސް އެހެންވެއެވެ. ވާކުއްޖާ މަހާނަ ފަދައިން، މިތަންވެސް މިހާރު ފެންނާކަށެއް ނެތެވެ. އަދި އެތަނުގައި ވަޅުލާފައިވަނީ ކިތައް މީހުންކަމާއި، އެފަރާތްތަކާއި ގުޅޭ މައުލޫމާތެއްވެސް ނެތެވެ.

ނަމަވެސް، ދިރާގާއި ބޭންކު އޮފް މޯލްޑިވްސް އިމާރާތް ހިމެނޭ ސަރަހައްދުތައް ކޮނެ ހަދާއިރު، މިހާރުވެސް ބައެއް ފަހަރަށް އިންސާނުންގެ ކަށިގަނޑު ގަނޑު ފެންނަ ކަމުގައި، އެކަން ތަޖުރިބާކޮށް ދެކެފައިވާ ފަރާތަކުން މައުލޫމާތު ދިނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355