twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށި: ބޯނެތް މީހަކު ލެއްގުމާ ވިގަނިޖެހުން؛

ހ.މ
Mar 28, 2023
1

ނޯޓް: މިލިޔުމަކީ، ކުޅުދުއްފުށީގައި ހިނގާފައިވާ ބައެއް ހާދިސާތަކާއި ގުޅޭގޮތުން، ރަށުގެ ދުވަސްވީ މީހުންނާއި އަދި މިފަދަ މައުލޫމާތު ލިބިފައިހުރި ބައެއް ފަރާތްތަކުން ދީފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ތައްޔާރު ކުރެވިފައިވާ ލިޔުމެކެވެ. ލިޔުމުގައި އެވަނީ އެފަރާތްތަކުގެ ހަނދާނުގައި މިހާދިސާތަކުގެ މައުލޫމާތު މިވަގުތަށް ހުރިވަރުން ހިއްސާކޮށްފައިވާ މައުލޫމާތެވެ. އެހެންކަމުން މި މައުލޫމާތުގައި އުނި އިތުރެއް ހުރުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ދެންނެވީމެވެ.

ބޯނެތް މީހަކު ލެއްގުން؛

މިހާދިސާގައި ލައްގާފައި އޮތް ބޯނެތް މީހާ ލޮލުން ފެނި އެކަން ތަޖުރިބާކުރި މީހަކު ކިޔައިދިން ގޮތުގައި، އެކަން ހިނގީ 1991 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވީ އަންގާރަ ދުވަހުއެވެ. އެމީހާ ލައްގާފައި އޮތީ މައިޓުމަގާ ދިމާ ފުއްޓަރަށެވެ.

ރާޅުޖަހާ ހިސާބު ފުއްޓަރުގައި ގައުތަކުގެ މަތީގައި އޮތްއިރު އެމީހާގެ ދެއަތް އޮތީ ފަހަތަށް އައްސާފައެވެ. އެމިހާ ވަޅުލުމާހަމައަށް އުޅުނު ދުވަސްވީ ފިރިހެނަކު ކިޔައިދިން ގޮތުގައި، އެމީހާގެ އުނަގަނޑުން މަތީގައި އެއްވެސް އަންނައުނެއް ނެތެވެ. ތިރިން ލައިގެން ހުރީ ޖީންސެކެވެ. ބެލެވޭގޮތުގައި އޭނާގެ ދެއަތް އައްސާފައި އެއޮތީ އޭނާގެ ޓީޝާޓުންކަމަށް އޭނާ ބުންޏެވެ. މެއާ ދިމާލުން ފޫގޮސް، މޭކަށިގަނޑުން ބައެއް ހާމަޔަށް ފެންނަން ހުއްޓެވެ. އެންމެ ބިރުގަތީ އެމީހާގެ ބޮލެއް ނެތުމުންކަމަށް އޭނާ ކިޔައިދިނެވެ.

ބޯނެތް މީހާ އެންމެ ފުރަތަމަ ފެނުނީ ދެ އަންހެނުންނަށް

ހަވީރު ފަހެއްގެ ފަހުން އެދުވަސްވަރުވެސް މީހުން ފުއްޓަރަށް ގޮހެއް ނޫޅެ އެވެ. ވަކިން ހާއްސަކޮށް އަންހެނުން އެހާއިރު އެތަނަކަށް ނުދާނެ އެވެ. އެކަމަކު މިހާރު އުމުރުން 70 އާ ގާތްކުރާ އައިޝަތު އިބުރާހީމް (އަސްލު ނަމެއްނޫން) އޭނާގެ އާއިލާ މީހަކު ވިހައިގެން އުޅޭތީ ގިނަ އަދަދެއްގެ ފޮތި ދޮންނަން ހުއްޓެވެ. ދޮންނަވެފައި ތެލިވެސް ހުއްޓެވެ. ވިހާގެ ފޮއްޗާއި ތެލި ދޮންނަށް އެ ދުވަސްވަރު ގިނަ މީހުން ދާނީ ފުއްޓަރަށް ނުވަތަ އަތިރިއަށެވެ. ރީތި ވެލިކޮޅެއްވެސް ގެޔަށް ގެނެވޭނީ އޭރުންކަމަށްވާތީވެސް އެކުގަ އެވެ. ފުއްޓަރަށްދާނެ އަވަދިނުވެ އުޅެނިކޮށް އަސުރުން ތިރިވެ އިރުއޮއްސެން ދަނީ އެވެ. ފޮތިތައް ހުރުމާއެކު ފުއްޓަރަށް ނުގޮސް ނުވެގެން އައިޝަތު އޭނާގެ ދުވަސްވީ އެކުވެރިޔާ މިހާރު އުމުރުން 75 އަހަރުގެ އައިމިނަތު މުހައްމަދަށް (އަސްލުނަމެއް ނޫން) ގޮވައިގެން ފުއްޓަރަށްދިޔަ އެވެ. އޭރު އައިމިނަތުގެ ގޭގެ ދަރުބަދިގެ ގަނޑެއް ހަދަން އައިމިނަތުގެ ގާތް މީހެއްކަމަށްވާ އިބުރާހިމް (އަސްލުނަމެއް ނޫން) ހުއްޓެވެ. އިބުރާހިމަކީ މިހާރު ފެނަކާގައި މަސައްކަތްކުރާ މީހެކެވެ.

އާދައިގެ މަތިން މިއަދުވެސް ދިޔައީ މައިޓްމަގަށެވެ. އެ ހިސާބުގަނޑުގެ ގިނަ އަންހެންވެރިން ތެލި ދޮންނަށްދާނީ އެމަގަށެވެ. ތެލިދޮވެ ގާތްގަނޑަށް ނިމުނުތަނާހެން އައިޝަތު ދިޔައީ ރީތި ބޮނޑިބަތް ވެލިކޮޅެއް ފެނޭތޯ އެވެ. އައިމިނަތު އަދި އޭރު އިނީ ތެލި ދޮންނާށެވެ. މާދުރަކަށް ނުދެވެނީސް ވެލިހޯދަން ދިޔަ މީހާ އެނބުރި އަތުވެއްޖެ އެވެ. އަދި މަރުވެފައިވާ މީހެއް ލައްގާފައިވާކަމުގެ ހަބަރު ދިނެވެ. ދެ މީހުން ގޮސް ބެލިއިރު އެއީ އާދައިގެން މާ ދިގު ނޫން ފިރިހެނެއްކަން އެނގެ އެވެ. ލަފާކުރާގޮތުގައި އެ މީހާގެ އިސްކޮޅުގައި ހުންނާނީ 5 ވަރަކަށް ފޫޓެވެ. ކުރިން މިވާހަކަ ކިޔައިދިން މީހާއާ މި އަންހެން މީހާގެ ވާހަކައިގައި ކުޑަ ތަފާތެއް ހުރެ އެވެ.

އަންހެން މީހާ ބުނީ، ބޮލެއް ނެތް އެ މީހާގެ ދެއަތް ފުރަގަހަށް ލައި އައްސާފައިވަނީ އުއިފަލަ ދިގު އިސްތާކީންޏަކުންކަމަށެވެ. ޖިންސެއް ލާފައިވާއިރު އެ މީހާ އޮތީ އަތްދިގު ގަމީހެއް ލައިގެންކަމަށް ބުންޏެވެ. ގަމީހުގެ އަތް ހުރީ ކޮންމެވެސް ވަރަކަށް އޮޅާފަވެސް ބުންޏެވެ.

ފުއްޓަރުގެ އާނުގަނޑުމަތިން ގޮނޑުދޮށަށް ލައްވެފައިވާތީ ގާތަކުގެ މަތީގެ އަނިޔާގެ ނިޝާންތައް ހުއްޓެވެ. ދިވެހިންގެ ކަޅުކަން ހުރުމުން ބޮޑަށް ބެލެވެނީ ބޯނެތް މީހަކީ މިސަރަހައްދުގެ ގައުމެއްގެ މީހަކަށެވެ. ކޮންމެވެސް ވަރަކަށް އެ ހަށިގަނޑުގެ މަތީގައި ކާޅު އުދުހެޔެވެ. ދެ މީހުން އަވަސްވެގަތީ ރަށުގެ ވެރިންނަށް މިހަބަރު ދިނުމަށެވެ.

" އެވަރުންވެސް އަހަރެމެން ގެއަށް އައީ ވެލިކޮޅެއް ހިފައިގެން." އެ ވާހަކަ ކޭއޯއާ ހިއްސާކުރި 75 އަހަރުގެ އަންހެން މީހާ ބުންޏެވެ.

އަވަހަށް ގެޔަށް އައިސް އައިމިނަތުގޭގެ ބަދިގެ ހަދަން ހުރި އިބުރާހިމް ގާތު އެވާހަކަ ބުންޏެވެ. އަދި ކުޅުދުއްފުށީގެ އޭރުގެ ވެރިއެއްކަމަށްވާ އަލްމަރްހޫމް މޫސާ އަލީއަށް ހަބަރު ދިނުމަށް އެ މީހުން އެދުނެވެ. އޭރު ސަރުކާރުން ކޮންމެވެސް ދުވަހެއް ފާހަގަކުރަން ތައްޔާރީތަކެއްވުމުގެ ގޮތުން މޫސާ އަލީ އުޅުއްވީ ރަސްމީ ބޯޅަދަނޑުކަމަށްވެ އެވެ. ބައިސްކަލުގައި އިބުރާހިމް ވަރަށް ބާރަށް ގޮސް އެ ހަބަރު ވެރިންނާ ހަމައަށް ފޯރުކޮށްދިނެވެ.

އިސާހިތަކު، ރަށުތެރެއަށް ޚަބަރު ފެތުރުނެވެ. ރަށުގެ ވެރިންނާއި ކަމުވޮށިގެންވާ ބޮޑެތި މީހުން އެމީހާ ނަގައިގަނެގެން، ހިނަވާގެއަށް ގެންދިޔައެވެ. އޭރު ކުޅުދުއްފުށީގައި ޑޮކްޓަރަކަށް ހުންނެވި މާލެއަށް ނިސްބަތްވާ ކާނޭޝަންމާގެ ޑރ ރުކުސާނާވެސް އެމީހާގެ ހަށިގަނޑު ބެލުމަށް ފުއްޓަރަށް ގެންދިޔަކަށް އައިމިނަތު ކިޔައިދިނެވެ.

ފިރިހެން މީހާ ބުނީ، އެމީހާއަކީ ކޮންތާކަށް ނިސްބަތްވާ ކާކުކަމެއް ޔަގީންކޮށް އެނގޭނެ އެއްވެސް ލިޔުމެއް މައުލޫމާތެއް ނެތެވެ. އެނގުނުހާވެސް އެއްޗަކީ، ލައިގެންހުރި ޖީންސުގެ ޖީބެއްގައި އޮތް ކޮތަޅަކުން ފެނުނު ލަންކާ 10 ރުފިޔާއެވެ. އެހެންކަމުން އެއީ ލަންކާ މީހެއްކަމަށް ވާހަކަ ދެކެވުނެވެ.

ވިގަނި ޖެހިކަމަށް ބުނާބުނުން؛

ކޮންމެއަކަސް، ބޯނެތް މީހަކު ރަށުގެ ފުއްޓަރު ފަރާތަށް ލެއްގުމުގެ ޚަބަރާއެކު ކޮންމެވެސް ވަރަކަށް ރަށުގެ މީހުންގެ މެދުގައި ބިރުވެރިކަން އުފެދި އެވާހަކަތައް ދެކެވެންފެށިއެވެ. އެދުވަހުގެ އިރު އޮއްސި ޢިޝާ ނަމާދަށް ގޮވިއިރުވެސް އެމީހާ ވަޅެއް ނުލައެވެ. ހިނަވައި ވަޅުލުމުގައި އަމަލީގޮތުން ހަރަކާތްތެރިވި ފަރާތަކުން މައުލޫމާތު ދެމުން ކިޔައިދިން ގޮތުގައި އެމީހާ ވަޅުލީ ޢިޝާ ނަމާދުން މީހުން ފައިބައިގެން މީހުން ގެއަށްވެސް ދިޔަފަހުންނެވެ. އެއާއެކު، ރަށުގެ ބައެއް ގޭގޭގައި އެވާހަކަތައް ދެކެވި ބިރުވެރިކަން އިތުރަށް ބޮޑުވިއެވެ.

އަޑުއަޑު އިވޭ ކަމަށާއި އަދި ވިގަނި ޖަހަނީ ކަމަށްވެސް ކިޔަންފެށިއެވެ. އެކަމުގެ ބިރުވެރި ކަމުގެ ތެރޭގައި އެއްގެއިން އަނެއްގެއަށް އެރޭ މީހުން ބަދަލުވިކަމަށްވެސް ވެއެވެ.

ވިގަނިޖެހިއްޔޭ އެކީ ބަރަވެލި ދުވި އަޑަށް؛

ފިރިހެން މީހާ ކިޔައިދިންގޮތުގައި، އެރޭ ވިގަނީގެ އެއްވެސް އަލާމާތެއް އޭނާއަކަށް ނުފެނެއެވެ. އެރޭ އަޑަކަށް އިވުނިއްޔާ އިވޭނީ ހިނަވާގޭގައި ޖަހާފައިހުރި ޓިނުގަނޑުން ބަރަވެލި ދުވި އަޑު ކަމަށެވެ. ރޭގަނޑުގެ ވަގުތުގައި ހިނަވާއިރު ފެން އަޅާ ހެދުމުން، ބަރަވެލި އަރައެވެ. އެގޮތަށް ބަރަވެލި ޓިނުގަނޑަށް އަރާއިރު އަޑު ހުންނާނެ ކަމަށާއި އެއީ އެގޮތަށްވީ ކަމެއްކަމަށް އެފަރާތުން މައުލޫމާތު ދިނެވެ. އެމީހާ ވަޅުލާފައިވަނީ ކުޑަމިސްކިތު ސަހަރާގެ އިރުދޭމާ ހިނގުމުން ވަންނަ ދޮރޯށްޓާއި ދިމާ ކައިރީގައެވެ.

ފުރަތަމަ އެ މީހާ ފެނުނު އަންހެނުންނާއި ފިރިހެން މީހާ ދީފައިވާ މައުލޫމާތުގައި ކުޑަ ތަފާތެއް ހުރިކަމުގައިވިޔަސް ކުޅުދުއްފުއްޓަށް ބޯނެތް މީހަކު ލެއްގި ވާހަކައަކީ ހަގީގަތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355