ތަފާތު އެކި ކުލަކުލައިގެ ބޯގަންވިލާމާތަކުން ޒީނަތްވެފައިވާ ށ ކަނޑިތީމަކީ އެތަށް ގޮތަކުން ފާހަގަކޮށްލެވޭ ރަށެކެވެ. އެރަށުގެ އެންމެ ހާއްސަ އެއްކަމަކީ ރަށަށްޓަކާ ޒުވާނުން އެކުވެ ދައްކާ ހިތްވަރެވެ. ހުރިހާކަމެއް ސަރުކާރުގެ ބޮލަށް ޖަހައިގެން މިރަށުގެ ރައްޔިތުން ނުތިބޭނެ އެވެ. އެކަމުގެ ހެކިތައް މުޅި ރަށުންވެސް ފެނެ އެވެ.
މިފަދަ އެންމެ ލިޔުމަކުން ރަށުގެ ހުރިހާ ވާހަކައެއް ހާމަކޮށްލުމަކީ އަޅުގަނޑަށްވާނެކަމަށް ނުވާނެތީ، މި ލިޔުން މި ހާއްސަކޮށްލަނީ ރަށަށްޓަކާ، ރަށުގެ ކުރިއެރުމަށް ޒުވާނުންކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދެ ކަމަކަށެވެ. އެއީ ބުންބަރާއި ނިކަމައްޗެވެ. މި ދެ ތަނަކީވެސް ރަށުގެ ޒުވާނުން ހަދާފައިވާ ޓްރީ ހައުސް އެވެ.
އެރަށާއި ގުޅިފައިވާ ކުޑަ ރަށެއްކަމަށްވާ ކުޑަދޫ ކައިރީގައި ހުންނަ ކުރެދިގަސްތަކެއްގެ މަތީގައި ހެދި މި ޓްރީހައުސް ހުންނަނީ ބިމަށްވުރެ ދިހަވަރަކަށް ފޫޓް އުހުގައި އެވެ. މިތަނުގެ މައްޗަށް އެރުމުން ވަށައިގެންވާ ރީތި ގުދުރަތީ މާހައުލު ފެނިގެންދެއެވެ. ކައިރީގައި އޮންނަ ރީތި ތިލަ ފަޅާއި ކުޑަދޫގެ ގަސްކަރަ އެވެ. އިރުއޮއްސޭ މަންޒަރު ބަލަން މިއަށްވުރެ ވަކިން ހިތްގައިމު އެހެން ތަނެއް ނުވާކަހަލަ އެވެ. އެހާވެސް އަރާމެވެ.
ލަކުޑި ބޭނުންކޮށްގެން ހަދާފައިވާ މި ޓްރީ ހައުސްގައި މީހުންނަށް ތިބެވޭނެހެން ޖޯލިފަތިތަކާއި ގޮނޑި ބަހައްޓާފައި ހުރެ އެވެ. މިތަން ފުރަތަމަ ހެދީ 2021 ވަނަ އަހަރުތެރޭގައި އެވެ.
ނިކަމައްޗަކީވެސް ޓްރީ ހައުސްއެކެވެ. މިއީ ދާދިފަހުން ހެދި ޓްރީ ހައުސްއެކެވެ. ނިކަގަހެއްގެ 20 ފޫޓް އުހުގައި ހަދާފައިވާ މި ޓްރީ ހައުސްއަށް ނަންދީފައިމިވަނީ ނިކަގަހާ ގުޅުވައިގެންނެވެ. ރާއްޖޭގެ ވަރަށް މަދު ރަށަކުން ނޫނީ މިފަދަ ޓްރީހައުސްއެއް ތަޖުރިބާކޮށްލާކަށް ނުލިބޭނެކަން ޔަގީނެވެ.
މިތަން ހަދާފައި ހުރި ފެންވަރާއި އެތަނުގައި ބަހައްޓާފައިހުރި ކޮފީ މޭޒާއި ޖޯޔާއި ގޮނޑިތަކަކީވެސް ޒުވާނުންގެ މަސައްކަތްތެރިކަން ފެންނާނެ ފުރިހަމަ މަސައްކަތްތަކެވެ.
މިތަންތަން މިހެން ހަދާފައި ދޫކޮށްލަނީއެއް ނޫނެވެ. ތަން ބަލައި މަރާމާތުވެސް ކުރެ އެވެ. މި ދެ ތަން ހެދުމަށްވެސް ބޮޑު ހަރަދެއް ހިނގާނެ އެވެ. މައިގަނޑުކޮށް ތަން ހަދާފައިހުންނަނީ ލަކުޑި އާއި ދަގަނޑު ބޭނުންކޮށްގެންނެވެ. މި މަސައްކަތުގައި އަމަލީގޮތުންވެސް މައިގަނޑުކޮށް އުޅެނީ ޒުވާނުންނެވެ. އެއްވެސް ފޫހިކަމެއްނެތި އެވެ.
މަސައްކަތްތެރިންނާއި ޒުވާނުން އިސްނަގައިގެން ރަށުގެ ވިޔަފާރިވެރިންގެ ބޮޑު އެހީތެރިކަމާއެކު ހަދާފައިވާ މިތަންތަން ހެދުމުގެ މަގުސަދަކީ ރަށުގެ ޒީނަތްތެރިކަން އިތުރުކުރުމާއި ރަށަށް އަންނަ ފަރާތްތަކަށާއި ރަށުގެ ރައްޔިތުންގެ ހިތްހަމަޖައްސާލުމަށް ތިބޭނެ މާހައުލެއް ގާއިމެވެ. މީހުން ގިނައިން ޒިޔާރާތްކުރާނެ މަންޒިލަކަށް ކަނޑިތީމު ހެދުމަށް ޒުވާނުން ކުރާ މިމަސައްކަތަކީ އެހެން ރަށްރަށުގެ ޒުވާނުންނަށް ނަމޫނާއަކަށް ނުވޭތޯ އެވެ.
ނަލަ ދޮންވެލި ބީޗާއި ގުދުރަތީ ފެހިކަމާއެކު ރަށާ ގުޅިފައިވާ ކުޑަދޫ އަކީވެސް ރަށަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ބައެކެވެ. ފަސޭހައިން ކެއުން ހަމަޖައްސާލުމަށް ރަނގަޅު ފެންވަރުގެ ރެސްޓޯރެންޓްތައްވެސް ހުރެ އެވެ. އަސްދޫނި ފެންގަނޑާއި މޫދު ކުޅިވަރުތައް ކުޅެވޭނެ ގޮތަށް އިންތިޒާމުވެފައިވާ މިރަށަކީ މިހާރު ކުޅުދުއްފުށީ މީހުންވެސް އެންމެ ގިނައިން ދަތުރުދާ އެއް ރަށެވެ.