twitterviber whatsapp telegramfacebookyoutube instagram
28th March 2024

އަފީފުއްދީން ސްކޫލުގެ ދަރިވަރުން މިރޯދަމަހުވެސް ހަތިމުކުރަނީ

ނަބީލާ އިސްމާޢީލް
Mar 28, 2023
1

އަފީފުއްދީން ސްކޫލުގެ ހުރިހާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޤުރުއާން ހަތިމުކުރުމުގެ ޕްރޮގުރާމު ފަށައިފި އެވެ. އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސް ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޤުރުއާން ހަތިމުކުރުމުގެ ޕްރޮގުރާމަކީ ސްކޫލުގެ ހުރިހާ ގުރޭޑެއްގެ ދަރިވަރުންނަށްވެސް ބައިވެރިވެވޭނެހެން ކުރިއަށްގެންދާ ޕްރޮގުރާމެއް ކަމަށެވެ.

މިއީ ހާއްސަކޮށް ބަރަކާތްތެރި ރަމަޟާންމަހު ކީރިތި ޤުރުއާން ތިލާވަތު ކުރުމުގައި އެ ސްކޫލުގެ ދަރިވަރުން ދެމިތިބުމަށް ހިތްވަރުދިނުމާއި ޕްރޮގުރާމްގެ ސަބަބުން ދަރިވަރުންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖެއްސުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމަކީ މިދިޔަ އަހަރު އެ ސްކޫލުގެ ދަރިވަރުންނަށް ހުޅުވާލައިގެން ފެށި ޕްރޮގުރާމެކެވެ. މި އަހަރު މި ޕްރޮގުރާމުގައި ހުރިހާ ގުރޭޑްތަކަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ޕްރިންސިޕަލް ފާހަގަ ކުރެއްވިގޮތުގައި މިދިޔަ އަހަރެކޭވެސް އެއްގޮތަށް މި އަހަރުވެސް މި ޕްރޮގުރާމަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށެވެ. މިދިޔަ އަހަރުވެސް ގާތްގަނޑަކަށް ސްކޫލު އާބާދީގެ 70 އިންސައްތަ ކުދިން ބައިވެރިވި ކަމަށެވެ. މިދިޔަ އަހަރުވެސް ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށް ނާސިހާ ފާހަގަ ކުރިއެވެ.

އެހެންކަމުން މި އަހަރުވެސް މި ޕްރޮގުރާމް މިދިޔަ އަހަރަށްވުރެއް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މިއަހަރުގެ ޕްރޮގުރާމުގައި އެކި ކީސްޓޭޖް ތަކަށް ކަނޑައެޅިފައިވާ މިންވަރު ތަފާތެވެ. އެގޮތުން ފައުންޑޭޝަން ސްޓޭޖް ދަރިވަރުންނަށް ޕްރޮގުރާމްގައި ކިޔެވުމަށް ކަނޑައަޅާފައިވާ މިންވަރަކީ (ގުޅިގެން އަންނަ) 2 ފޮތެވެ. މި ސްޓޭޖަށް އަގުވަޒަން ކުރުމަށް ކަނޑައަޅާފައިވަނީ 2 ފޮތް ކިޔަވާ ދަރިވަރުންނަށް ސެޓްފިކެޓެއް އަދި 4 ފޮތް ކިޔަވާ ދަރިވަރުންނަށް ބެޖެއް ދޭ ގޮތަށެވެ.

އަދި ކީސްޓޭޖް 1 (ގުރޭޑް 1،2،3)ގެ ދަރިވަރުންނަށް ކަނޑައެޅިފައިވަނީ (ގުޅިގެން އަންނަ) 10 ފޮތެވެ. މި ސްޓޭޖްގެ ކުދިންނަށް އަގުވަޒަން ކުރުމަށް ކަނޑައަޅާފައިވަނީ 10 ފޮތް ކިޔަވާ ދަރިވަރުންނަށް ސެޓްފިކެޓެއް އަދި 20 ފޮތް ކިޔަވާ ދަރިވަރުންނަށް ބެޖެއް ދޭ ގޮތަށެވެ.

މީގެ އިތުރުން ކީސްޓޭޖް 2،3 އަދި 4 (ގުރޭޑް4) އިން މަތީގެ ދަރިވަރުންނަށް ޕްރޮގުރާމް ފުރިހަމަ ކުރެވެން އިންނަނީ މުޅި ޤުރުއާން (30ފޮތް) ކިޔަވައިގެނެވެ. މި ސްޓޭޖްގެ ކުދިންނަށް އަގުވަޒަން ކުރުމަށް ކަނޑައަޅާފައިވަނީ 30 ފޮތް ކިޔަވާ ދަރިވަރުންނަށް ސެޓްފިކެޓެއް އަދި 2 ފަހަރަށް ހަތިމް ކިޔަވާ ދަރިވަރުންނަށް ބެޖެއް ދޭ ގޮތަށެވެ.

މި ޕްރޮގުރާމްގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން އެންމެ ގިނަ ހަތިމްކުރާ ދަރިވަރަކަށް ހާއްސަ އިނާމެއްގެ ގޮތުން ޓްރޮފީއެއް ދެވޭނެ ކަމަށްވެސް ޕްރިންސިޕަލް ވިދާޅުވި އެވެ.

މި ޕްރޮގުރާމުގެ ނިޔަތަކީ ރަމަޟާން މަސް އޭގެ ރަނގަޅުގޮތުގައި ހޭދަކުރުމަށް ދަރިވަރުނަށް ދަސްކޮށްދިނުމާއި ޤުރުއާނަށް ކުދިން ބޮޑަށް އަހުލުވެރިކޮށް ކުދިންގެ ހިތުގައި ޤުރުއާނަށް އޮންނަ ލޯބި އަމާޒެއް އޮވެގެން ކޮންމެ ދުވަހަކުވެސް މިންވަރެއް ކިޔަވާކަން ސްކޫލުން ކަށަވަރުކޮށް އެކަމަށް ސްކޫލުން ހިތްވަރު ދިނުމުގެ ބޭނުމުގައި ކުރާ ކަމެއް ކަމަށެވެ.

"އަޅުގަނޑު ނުދަންނަވަން ރަމަޟާންމަހު އެކަންޏޭ ކުދިން ޤުރުއާން ކިޔަވަން ވާނީއެއް، ނަމަވެސް މި މަހު ކުދިންގެ ވަގުތައް ވަރަށް ހުސްކޮނޭދާނީ، ސްކޫލަށް އަންނަ ގަޑިކޮޅުވެސް ވަރަށް ކުޑަވެފަ ލިބޭ ހުސް ވަގުތު ހެޔޮގޮތުގައި ބޭނުންހިފާ މި ބަރަކާތްތެރި މަހުގެ ލާބަޔާ މަންފާ ދަރުމަ ހޯދުމަށްޓަކާ ދަރިވަރުން މަސައްކަތްކުރާނެ ގޮތެއް ހެދުމަށްޓަކާ އަޅުގަނޑުމެން ކުރިއަށްގެންދާ ޕްރޮގުރާމެއް މިއީ." ނާސިހާ ވިދާޅުވި އެވެ.

މަގުސަދާ ހިލާފު ނުވާނޭހެން އިހްލާސްތެރިކަމާއި ތެދުވެރިކަމާއިއެކު މިކަން ކުރުމަކީ ޕްރޮގުރާމްގެ މަގުސަދުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ ވަރަށް މުހިންމު ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355