ހދ ހަނިމާދޫ ކެތިއަރާ މަސްރޭސްގެ ޗެމްޕިއަންކަން މާކުން ދައިތަ އަދި ރަނޑުލަކިން ހޯދައިފިއެވެ. އެހެން އަހަރުތަކެކޭ އެއްގޮތައް މި އަހަރުވެސް މި މުބާރާތް ކުރިއަށްގެންގޮސްފައިވަނީ އަންހެން އަދި ފިރިހެން ކެޓަގަރީ ވަކިންނެވެ.
މި އަހަރު އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން މާކުން ދައިތަހޯދާފައިވާއިރު އެކެޓަގަރީގައި 11 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. އަދި ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ރަނޑުލަކިން ހޯދިއިރު އެ ކެޓަގަރީގައި 15 ޓީމަކުން ވާދަ ކުރިއެވެ.
ޖުމްލަ 26 ޓީމުން ވާދަކޮށް ދެ ދުވަހުން ކުރިއަށްދިޔަ މި މުބާރާތް ޝަރަފްވެރިކޮށްދެއްވާ މަގާމުތަކަށް އިނާމު ހަވާލުކޮށްދެއްވާފައިވަނީ ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަނާއި ޒުވާން މަސްވެރިޔާ ހަސަން ސާޖިން އެވެ.
އަންހެން ބައި ކުރިއަށްދިޔައީ އީދު ދުވަހު އެވެ. ފިރިހެން ބައި ކުރިއަށްދިޔައީ 2ވަނަ އީދު ދުވަހު އެވެ.
މި މުބާރާތުގެ އަންހެން ޗެމްޕިއަންކަން ހޯދާފައިވާ މާކުންދައިތަ ބާނާފައިވަނީ ޖުމްލަ 117 މަހެވެ. އެއީ 66 ކިލޯގެ މަހެވެ. ދެ ވަނަ 40 (48.2 ކިލޯ) މަސްބާނައިގެން ޓީމް ސިރާނީ ގޮސްފައިވާއިރު 3 ވަނައަށްގޮސްފައިވަނީ 37 (40ކިލޯ) މަސްބާނައިގެން ބްރެޒިނޯ ޓީމެވެ.
މުބާރާތުގެ އެންމެ ގިނަ މަސް ބޭނި ޓީމަށް ހޮވިފައި ވަނީ މާކުން ދައިތައެވެ. އެ ޓީމުން ވަނީ 117 މަސް ބާނާފައެވެ. އެންމެ ބަރު މަސް ބާނައިގެން އަންހެން މާ ކެޔޮޅަށް ހޮވިފައި ވަނީ އާވެސްކޮމްގެ ނާޒްލީންއެވެ. އޭނާ ބާނާފައިވާ މަހުގެ ބަރުދަނަކީ 9 ކިލޯއެވެ.
މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ ޓީމް ސިރާނީ، ހުސްއަނގަ، ކެޔޮޅު، މާކުން ދައިތަ، ބްލޫފިން، ޓީމް އާވެސްކޮމް، ޓީމް ގާހަކަ، މާރެހި، އެންވަށި، ބްރެންޒިނޯ، ގާދޮށު މަރިޔައެވެ.
ފިރިހެން ބައިން ޗެމްޕިއަންކަން ހޯދާފައިވާ ރަނޑުލަކި ބާނާފައިވަނީ 130 (118.4ކިލޯ) މަހެވެ. ދެވަނައަށްދިޔަ ސިލްވާރ ޓިޕް ބާނާފައިވަނީ 113 (93.5ކިލޯ) މަހެވެ. އަދި 3 ވަނައަށްދިޔަ މާކުން ބޭނީ 136 (83.9ކިލޯ) މަހެވެ.
މުބާރާތުގެ އެންމެ ގިނަ މަސް ބޭނި ޓީމަށް ހޮވިފައި ވަނީ ދިރުން ފިސިންގ ޓީމެވެ. އެ ޓީމުން ވަނީ 137 މަސް ބާނާފައެވެ. އެންމެ ބަރު މަސް ބާނައިގެން ފިރިހެން މާ ކެޔޮޅަށް ހޮވިފައި ވަނީ މުހައްމަދު ހުސެން އެވެ. އޭނާ ބާނާފައިވާ މަހުގެ ބަރުދަނަކީ 5.9 ކިލޯއެވެ.