twitterviber whatsapp telegramfacebookyoutube instagram
20th April 2024

ބީއެމްއެލް އާއި ޓެނިސް އެސޯސިއޭޝަންގެ ޕާޓްނާޝިޕް އާކޮށްފި

ނަބީލާ އިސްމާޢީލް
May 24, 2023

ރާއްޖޭގައި ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް) އާއެކު ވެފައިވާ އެއްބަސްވުން އާކޮށްފިއެވެ.

އެކަމަށްޓަކައި އިއްޔެ ބޭއްވި ހަފުލާއެއްގައި ބީއެމްއެލްގެ ފަރާތުން އެ ޕާޓްނާޝިޕް އެގްރީމަންޓުގައި ސޮއިކުރީ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކައެވެ. އަދި ޓޭމްގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް، އަހުމަދު ހަފީޒެވެ.

މި އެއްބަސްވުމުގެ ދަށުން، ޒުވާން ކުޅުންތެރިންގެ ހުނަރު އިތުރުކޮށް މި ކުޅިވަރުގައި ކުރިއަށް ދިއުމަށް ބޭނުންވާ ތަޖުރިބާ ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށް އޮތް ތިން އަހަރު ގައުމީ ޓެނިސް ޗެންޕިއަންޝިޕް ބޭއްވުމަށް ބީއެމްއެލް އިން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ ގައުމީ ޓެނިސް ޗެންޕިއަންޝިޕަކީ ރާއްޖޭގައި މިހާތަނަށް ބާއްވަމުން އަންނަ އެންމެ ގިނަ ދުވަސްވީ ޓެނިސް މުބާރާތް ކަމަށާއި ޓެނިސް އެސޯސިއޭޝަން އާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް، ޒުވާން އެތުލީޓުންގެ ހުނަރު އިތުރަށް ފުޅާކުރުމަށް އެހީތެރިވެވޭ ކަމީ ބޭންކަށް ލިބޭ އުފަލެއް ކަމަށެވެ.

ބީއެމްއެލް އިން ދަނީ ރާއްޖޭގެ ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަށް އެކި ގޮތް ގޮތުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. އެގޮތުން ބީއެމްއެލްއަކީ ގައުމީ ފުޓްބޯޅަ ޓީމްތަކުގެ އޮފިޝަލް ސްޕޮންސަރެވެ. އަދި ގައުމީ ސާފިން ޓީމްތަކުގެ އޮފިޝަލް ސްޕޮންސަރުގެ އިތުރުން ސުވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ގައުމީ ޕާޓްނަރަކީވެސް ބީއެމްއެލްއެވެ.

މީގެ އިތުރުން ސްޕޯޓްސް ސްކޮލާޝިޕް ފަންޑުގެ ދަށުން ބީއެމްއެލް އިން މިހާރު ދަނީ ރާއްޖޭން ބޭރުގެ ހައި ޕާފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި އެތްލެޓިކްސް، ބެޑްބިންޓަން، ޓޭބަލް ޓެނިސް އަދި ޓެނިސްގެ ތަމްރީން ހޯދުމަށް ރާއްޖޭގެ ހަތް އެތްލީޓުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355