ފެނުމުން މަހުރޫމުވެފައިވާ މީހުންނަށް އިންތިހާބުތަކުގައި ވޯޓުލުމަށް މަގުފަހިކުރެއްވުމަށް، އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ހުށަހެޅުއްވި އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މި އިސްލާހު ކޮމެޓީން ފާސްކުރީ އެވަގުތު ކޮމެޓީއަށް ހާޒިރުވެ ތިއްބެވި 63 މެމްބަރުންގެ އިއްތިފާޤުންނެވެ.
މި އިސްލާހު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަޙެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދެވެ. ޖީހާން ހުށައަޅުއްވި އިސްލާހުގެ ބޭނުންމަކީ ފެނުމުން މަހުރޫމްވެފައިވާ މީހުންނަ އެހެން މީހެއްގެ އެހީތެރިކަމާކާ ނުލައި ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމުގެ ފުރުސަތު ފަހިކޮށްދެއްވުމެވެ.
މި އިސްލާހުގައި ބަޔާންކުރާގޮތުން ފެނުމުން މަހުރޫމްވެފައިވާ މީހުން ވޯޓުލުމަށްޓަކަށް، ޓެމްޕްލޭޓު ބޭނުންކޮށްގެން ވޯޓު ކަރުދާހުގައި ފާހަގަޖެހިދާނެއެވެ. އެގޮތުން ވޯޓު ކަރުދާހުގެ ތެރެއަށް ލައިގެން ނުވަތަ ވޯޓު ކަރުދާހުގެ މަތީގައި ވަގުތީގޮތުން ހަރުކޮށްގެން، ވޯޓުލުމަށް އެހީތެރިވެދޭ ގޮތަށް ތައްޔާރުކޮށްފައިވާ، އެތެރެ ފެންނަ ޕްލާސްޓިކް ޑިވައިސެއް ބޭނުންކުރެވިދާނެ ކަމަށް އިސްލާހުގައިވެއެވެ.
މި އިސްލާހު ބަހުސްގެ މަރުހަލާއަށްފަހު ކޮމެޓީން ވަނީ ހުށަހެޅި އިސްލާހުތަކާއެކު ބިލު ފާސްކޮށްފަ އެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ މެމްބަރުންނަށް ކޮމެޓީ ރިޕޯޓް ފޮނުއްވައި، މިފެށޭ ހަފްތާގެ ތެރޭގައި ބިލު މަޖިލިސް ތަޅުމަށް އެޖެންޑާ ކުރައްވާނެކަމަށެވެ.
މަޖިލީހުގެ ޤަވާއިދުގައި އޮންނަ ގޮތުން ކޮމިޓީ ރިޕޯޓް ހުށަހަޅުއްވައި، ރިޕޯޓަށް ބަހުސް ކުރެއްވުމަށްފަހު ވޯޓަށް އެހޭނެއެވެ. އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ހުށައަޅުއްވާފައިވާ އިސްލާހުގައިވާ ގޮތުން ވޯޓު ކަރުދާސް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާ ފަރާތްތަކަށް އެ ފުރުސަތު ދިނުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތަކާއެކު މި ފަރާތްތަކަށް ވޯޓުލެވޭނެ ގަވާއިދެއް އިލެކްޝަން ކޮމިޝަނުން ކަނޑައަޅުއްވަންވާނެއެވެ.
ފެނުމުން މަހުރޫމްވެފައިވާ މީހުންވެސް ވޯޓްފޮށްޓަށް ވޯޓު ކަރުދާސް ލާންވާނީ ވޯޓުގެ ސިއްރުކަން ނުގެއްލޭނެ ގޮތަށް ކަރުދާސް ފަތްޖަހައިފައިކަމަށް އިސްލާހުގައި ވެއެވެ.
ލޯފަން މީހުން އިންތިޚާބުތަކުގައި ލާ ވޯޓުގެ ސިއްރުކަން ކަށަވަރު ނުކުރެވޭތީ، އެ ކަމަށް ފަސޭހަ ހައްލަކާ އެކު ބްލައިންޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބައެއް މެމްބަރުން ވަނީ މީގެކުރިން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއާއި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ ވެސް ބައްދަލު ކޮށްފައެވެ.