twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ދަރަންޏަށް 1000 ދީނާރު ނެގި މީހެއްގެ ވާހަކަ

ހ.މ
Jun 5, 2023

މިވާހަކައަކީ ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ޙަދީސްފުޅުތަކުން އައިސްފައިވާ ވާހަކައެކެވެ. އެއީ ބަނީ އިސްރާއީލުންގެ ތެރެއިންވީ ދެ މީހުންނެވެ. އެތަނުން އެކަކު އަނެއްމީހާގެ ގާތުގައި 1000 ދިނާރުގެ ދަރަންޏެއް ދިނުމަށް އެދުނެވެ. އެހިނދު ދަރަނި ދޭމީހާ ބުންޏެވެ. ދަރަނި އަހަރެން ދިންކަމަށް ހެކިވާނެ ހެކިވެރިޔަކީ ކާކުހެއްޔެވެ؟ ހެކިވާނެ ހެކިވެރިޔަކު ހުށަހަޅާށެވެ.

ޖަވާބުގައި، ދަރަންޏަށް އެދުނު މީހާ ބުންޏެވެ. "ހެކިވާނެ ހެކިވެރިއެއްގެ ގޮތުގައި މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ފުދިގެންވެއެވެ." ދަރަނި ދޭމީހާ އަނެއްކާވެސް ބުންޏެވެ. "އެހެންވެއްޖިޔާ ކަލޭގެ ފަރާތުން މި ދަރަންޏަށް ގެރެންޓީ ދޭނެ މީހަކީ ކޮބައިހެއްޔެވެ؟ ގެރެންޓީ ދޭނެ މީހަކު ބޭނުންވާނެއެވެ."

ދަރަންޏަށް އެދުނު މީހާ ބުންޏެވެ. “މިދަރަންޏަށް ގެރެންޓީ ދޭ ފަރާތެއްގެ ގޮތުގައިވެސް މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ފުދިގެންވެއެވެ."

ދަރަނިދޭ މީހާ މިކަންކަމާ އެއްބަސްވިއެވެ. އަދި ބުންޏެވެ. "ތިޔަ ބުނީ ތެދެކެވެ." އެއަށްފަހު 1000 ދީނާރު އެމީހާއަށް ދަރަނީގެ ގޮތުގައި ދިނުމަށްފަހު، އެ ދަރަނި އަދާކުރުމަށް ވަކި މުއްދަތެއް ކަނޑައެޅިއެވެ.

ދަރަނި ލިބުނު ފަރާތުން ކަނޑު ހުރަސްކޮށް އޭނާގެ ރަށަށް ދަތުރުކޮށްފިއެވެ. އަދި އޭނާ އެ ދަރަނިން ކުރަންދިޔަ މަސައްކަތް ނިންމައިލުމަށްފަހު، ދަރަނި އަދާކުރަންޖެހޭ ވަގުތަށް ދަރަނި އަދާކުރުމަށްޓަކައި އެނބުރި އެރަށަށް ދެވޭނެ ފަސޭހަ މަގެއް ފެނޭތޯ ހޯދައި ބެލިއެވެ. އެހެންނަމަވެސް، ކަނޑައެޅިފައިވާ ވަގުތަށް ދެވޭނެ އެއްވެސް ގޮތެއް ނުފެނުނެވެ.

އެހެންކަމުން ލަކުޑިގަނޑެއް ހޯދިއެވެ. އޭގެ އެތެރެކޮނެ ލޯވަޅެއް އަޅައި، 1000 ދީނާރާ އެކު ދަރަނި ދިން މީހާއަށް ސިޓީއެއް ލިޔެފައި އޭގެ ތެރެއަށް ލިއެވެ. އަދި ފެން ނުވަންނާނޭގޮތް ބަލައި، ވަރަށް ރަނގަޅަށް ބަންދުކުރިއެވެ. ލަކުޑިގަނޑު ހިފައިގެން މޫދު ކައިރިޔަށް ނުކުތެވެ. އަދި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟުރަތަށް ދެންނެވިއެވެ.

"ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ. މިއަޅާ އެވެނި މިވެނި މީހެއްގެ އަތުން ދަރަންޏަށް 1000 ދީނާރު ނެގިކަން އިބަރަސްލާނގެ މޮޅަށް ދެނެވޮޑިގަންނަވާނެއެވެ. އަދި އޭނާ ހެކިވެރިޔަކު ހުށަހެޅުމަށް މިއަޅާގެ ފަރާތުން އެދުނު ހިނދު ހެކިވެރިއެއްގެ ގޮތުގައި އިބަރަސްކަލާނގެ ފުދިގެންވާ ކަމަށް މިއަޅާ ހުށަހެޅީމެވެ. އޭނާ ވަނީ ހެކިވެރިއެއްގެ ގޮތުގައި އިބަރަސްކަލާނގެ ޤަބޫލުކޮށްފައެވެ. އަދި މިއަޅާގެ ފަރާތުން ގެރެންޓީދޭނެ ފަރާތެއް ދެއްކުމަށް އޭނާ އެދުނެވެ. ގެރެންޓީދޭނެ ފަރާތެއްގެ ގޮތުގައި ވެސް މިއަޅާ ވަނީ އިބަރަސްކަލާނގެ ފުދިގެންވާ ކަމަށް އޭނާ ގާތު ބުނެފައެވެ. އަދި އޭނާ ވަނީ ގެރެންޓީ ދޭ ފަރާތެއްގެ ގޮތުގައިވެސް އިބަރަސްކަލާނގެ ޤަބޫލުކޮށްފައެވެ. އެހެން ނަމަވެސް، މިދަރަނި އަދާކުރުމަށް ކަނޑައެޅިފައިވާ ވަގުތަށްދެވޭނެ ފަސޭހަ އެއްވެސް މަގެއް މިއަޅާއަކަށް ނުފެނެވެ. އެހެންކަމުން، މިފައިސާ އިބަރަސްކަލާނގެ ބެލެހެއްޓެވުމުގެ ދަށަށް މިއަޅާ ދޫކޮށްލަމެވެ."

މިހެން ބުނުމަށްފަހު ދަރަނި ނެގި ފަރާތުން އެ ލަކުޑިގަނޑު ކަނޑަށް ދޫކޮށްލައިފިއެވެ. އަދި އެ ލަކުޑިގަނޑު އޮޔާ ގޮސް ލޮލުކޮޅަށް ނުފެންނަ ހިސާބަށް ދިއުމުން އޭނާ އެނބުރި ހިނގައްޖެއެވެ.

އޭގެފަހުން އަނެއްކާވެސް ދަރަނި ދިން މީހާގެ ރަށަށް ދެވޭނެ މަގެއް ފެނޭތޯ އޭނާ މަސައްކަތް ފެށިއެވެ. ހަމަ އެގޮތަށް، ދަރަނި ދިން މީހާވެސް ދިޔައީ، ދަރަނި އަދާކުރަން ކަނޑައެޅިފައިވާ މުއްދަތު ޖެހުމުން އޭނާގެ ފައިސާކޮޅު ހިފައިގެން އެއްވެސް ނަވެއް އާދޭތޯ ބަލަމުންނެވެ. އެގޮތުން އެއް ދުވަހަކު ނަވެއް އާދޭތޯ ބެލުމަށްޓަކައި އޭނާ އަތިރިމައްޗަށް ނުކުތެވެ. އެހިނދު މޫދުތެރެއިން އެއްކަލަ ލަކުޑިގަނޑު އޭނާއަށް ފެނުނެވެ. އެހެންކަމުން ގޭގައި ދަރަށް ބޭނުން ކޮށްލުމަށްޓަކައި އެ ލަކުޑިގަނޑު އޭނާ ގެއަށް ގެންދިޔައެވެ. އަދި އަލިފާން ރޯކުރުމަށްޓަކައި އޭނާ އެލަކުޑިގަނޑު ފަޅައިލިއެވެ. އެވަގުތު އޭގައި ރައްކާކޮށްފައިވާ 1000 ދީނާރާއި ސިޓީ އޭނާއަށް ފެނުނެވެ.

މި ހާދިސާ ހިނގިތާ މާކަ ގިނަ ދުވަހެއް ނުވަނީސް، ދަރަނި ނެގި މީހާ އެ ރަށަށް ދިޔައެވެ. އަދި 1000 ދީނާރު ހިފައިގެން ގޮސް ދަރަނިދިން މީހާއާ ބައްދަލުކޮށްފައި ބުންޏެވެ. "މާތް ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. ކަލޭގެ ދަރަނި އަދާކުރުމަށްޓަކައި މިރަށަށް އަންނަ ނަވެއް ފެނޭތޯ އަހަރެން ވަރަށް މަސައްކަތް ކުރީމެވެ. އެހެންނަމަވެސް އަހަރެން މި އައި ނަވަށް ވުރެ ކުރިން މިރަށަށް އަންނަ އެއްވެސް ނަވެއް ނުފެނުނެވެ."

އެހިނދު ދަރަނި ދިންމީހާ ބުންޏެވެ. "ކަލޭ އެއްވެސް އެއްޗެއް އަހަރެންނަށް ފޮނުވިން ހެއްޔެވެ؟" ދަރަނި ނެގި މީހާ ބުންޏެވެ. "އަހަރެން ކުރިން ބުނި ފަދައިން، މިއަށްވުރެ ކުރިން މިރަށަށް އަންނާނޭ އެއްވެސް މަގެއް އަހަންނަކަށް ނުފެނުނެވެ."

ދަރަނި ދިން މީހާ ބުންޏެވެ. "ކަލޭ ލަކުޑިގަނޑަކަށް ލާފައި އަހަރެންނަށް ފޮނުވި ފައިސާ، މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެންނަށް ރައްދުކޮށް ދެއްވައިފިއެވެ. އެހެންކަމުން ކަލޭ ތިޔަ ގެނައި 1000 ދީނާރު ކަލޭ އަތުގައި ބާއްވާށެވެ. އަދި ތެދުމަގުގައި ސާބިތުވެ ހުރެ ކަލޭގެ ރަށަށް އެނބުރި ދާށެވެ."

މިވާހަކައިން، އަރަހުށި މާތް ﷲ އަށް ވަކީލް ކުރުމުގެ މުހިންމުކަމާއި، ދަރަންޏަށް ނަގާ ފައިސާ އޭގެ ވަގުތުގައި އަދާ ކުރުމުގެ މުހިންމުކަމުގެ މައްޗަށް ޢިބުރަތް ލިބެއެވެ. އަދި މާތް ﷲ ގެ ޙައްގުގައި އެކަލާނގެ އަޅުންނަށް އިތުބާރު ހިފުމާއި، ކާމިޔާބު ލިބުންވަނީ އެކަލާނގެ ހަޟްރަތުންކަން އެނގިގެންދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355