twitterviber whatsapp telegramfacebookyoutube instagram
7th May 2024

ކުވައިތު ބަލިކޮށް 9 ވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕުގެ ތަށި އިންޑިއާއިން ހިއްލާލައިފި

މުޙައްމަދު އަހުމަދު
Jul 5, 2023

ސާފް ޗެމްޕިއަންޝިޕް 2023 ގެ ފައިނަލުގައި މިރޭ އިންޑިއާއިން ޕެނަލްޓީގައި ކުވައިތު ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން 9 ވަނަ ފަހަރަށް ހޯދައިފި އެވެ.

މިރޭ ކުޅެވުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ކުޅެވުނު އިތުރުވަގުތުގެ 30 މިނެޓުގެ ކުޅުން ނިމުނުއިރު ވެސް 1 - 1 ން އެއްވަރުވެފައި އޮތުމުން މިރޭގެ މެޗުގައި ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި އިންޑިއާއިން ކުވައިތުގެ މައްޗަށް ކުރިހޯދީ 5 - 4 ންނެވެ. މިމުބާރާތުގެ ތައްޓާއެކު ސާފުގެ ތަށި އިންޑިއާއިން މިވަނީ ޖުމްލަ 9 ވަނަ ފަހަރަށް ހިއްލާލާފަ އެވެ.

އިންޑިއާއިން މުބާރާތުގެ ތަށި ހިއްލާލާފައިވަނީ 1993، 1997، 1999، 2005، 2009، 2011، 2015، އަދި 2021 ވަނަ އަހަރު އެވެ. މިރޭގެ މެޗުގައި ވެސް އިންޑިއާއިން މޮޅު ކުޅުމެއް ދެއްކިއިރު އެޓީމުން މެޗު ފެށީ ވަރުގަދަކޮށެވެ. ކުޅުން ފެށުމާއެކު ވެސް އިންޑިއާގެ ހަމަލާއެއް ފެނިގެންދިޔަ އެވެ.

އާކާޝް ސިންގް ނަގައިދިން ހުރަހަކުން ލަލިއަންޒުއާލާ ޗަންގްޓޭ ފޮނުވާލި ހަމަލާ ކުވެއިތުގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ. މެޗުގެ ކުރީކޮޅު އިންޑިއާއިން ވަރުގަދަކޮށް ފެށި ނަމަވެސް ފުރަތަމަ 10 މިނެޓަށް ފަހު ކުވެއިތުން މެޗުގެ ތެރެއަށް މަޑުން މަޑުން ވަންނަން ފެށި އެވެ.

އެގޮތުން ކުވެއިތުން އުފެއްދި ފުރަތަމަ ހަމަލާއާއެކު އެޓީމުން ގޯލު ޖަހާ ލީޑު ނެގި އެވެ. ކައުންޓާ އެޓޭކެއްގައި އަބްދުﷲ އަލްބްލޫޝީ ނަގައިދިން ހުރަސް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކުވައިތަށް ލީޑު ނަގައިދިނީ ޝަބައިބް އަލްހަލްދީ އެވެ.

ކުވައިތުގެ ލަނޑަށްފަހު އިންޑިއާއިން އަނެއްކާވެސް ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފެއްދި އެވެ. ހާއްސަކޮށް ކެޕްޓަން ޗެތްރީގެ ހަމަލާތައް ފާހަގަކޮށްލެވުނެވެ. ފުރަތަމަ ހާފު ފަހުކޮޅު ދެޓީމުގެ ފަރާތުން ވެސް ގިނަ ފައުލްތަކެއް ފެނިގެންދިޔަ އެވެ.

އިންޑިއާއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 38 ވަނަ މިނެޓުގައި ޗަންގްޓޭ ޖަހައިދިން ލަނޑުންނެވެ. މިލަނޑަކީ ސުނިލް ޗެތްރީއަށް ލިބުނު ބޯޅައެއް ފަހަތަށް ކުޅުނު ވަގުތު އަރާ ސަލަހްގެ އެސިސްޓަކުން ޗަންގްޓޭ ކާމިޔާބުކުރި ލަނޑެކެވެ.

ދެޓީމުން ވެސް ގިނަ ހަމަލާތަކެއް މުޅި މެޗުގެ ތެރޭގައި އުފެއްދިއިރު ހާއްސަކޮށް އިތުރުވަގުތުގެ ތެރޭގައި ލިބުނު ކޯނަރުތަކުން ކުވައިތުން އިންޑިއާގެ ގޯލަށް ނުރައްކާކުރި އެވެ. އަދި އިންޑިއާއިން އުފެއްދި ކައުންޓާ އެޓޭކް ތަކުގައި އެޓީމުން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ގޯލެއް ކާމިޔާބެއް ނުކުރެވުނެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި އިންޑިއާގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ސުނިލް ޗެތްރީއާއި ސަންދޭޝް ޖިންގަން އަދި ލަލިއަންޒުއާލާ ޗަންގްޓޭއާއި ސުބަޝިސް ބޯސް އެވެ. އިންޑިއާގެ އުދަންތަ ސިންގް ޖެހި ޕެނަލްޓީ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

ކުވައިތުގެ ޕެނަލްޓީތައް ކާމިޔާބުކުރީ ޝަބައިބް އަލްހަލްދީއާއި އަހްމަދު އަލްދެފީރީއާއި އަބްދުލްއަޒީޒްް މަހުރާން އަދި ފަވާޒް އަލޮތައިބީ އެވެ. އެޓީމުގެ ކެޕްޓަން މުހައްމަދު އަބްދުﷲ ފޮނުވާލި ޕެނަލްޓީ ދިޔައީ ދަނޑީގައި ޖެހިފައި ބޭރަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355