twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ޔާމީންގެ ކެންޑިޑެސީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ނަބީލާ އިސްމާޢީލް
Aug 2, 2023

ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން އިއްޔެ ބަލައިނުގަތް މައްސަލަ ޕީޕީއެމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި މިދިޔަ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުން ވަނީ ޔާމީނަށް، 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

ޖަލުގައި އޮންނަވައިގެން ޔާމީން ވަނީ ކެންޑިޑެސީ ފޯމުގައި ސޮއި ކުރައްވައިފައެވެ. އަދި، ޕީޕީއެމުން އިއްޔެ ވަނީ އެ ފޯމު އީސީއާ ހަވާލުކޮށްފައެވެ. ނަމަވެސް ރައީސް ޔާމީންގެ ކެންޑިޑެސީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ, ރިޔާސީ އިންތިހާބަށް ވާދަކުރުމުގެ ޝަރުތު ހަމަނުވާ ކަމަށާއި, އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމުމާ ގުޅިގެންނެވެ.

ރައިސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކު ނަމަ އެ ހުކުމް ތަންފީޒު ކޮށް ނިމުނުތާ ނުވަތަ ހުކުމް ކަނޑައެޅި އަދަބު މާފު ކުރިތާ ތިން އަހަރުވެފައި ވުން ހިމެނެ އެވެ.

އީސީގެ ނިންމުމާ މެދު ހިތްހަމަނުޖެހި، ޔާމީންގެ ފަރާތްޕުޅުން މިއަދު ހެނދުނު ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ. އެކަމަކު، މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން މިހާތަނަށް ގޮތެއް ނިންމައިފައެއް ނުވެއެވެ.

އެ މަނިކުފާނުގެ އިސް ގާނޫނީ ވަކީލު އަދި ރަނިންމޭޓު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަނީ އެކަން ކަށަވަރު ކޮށްދެއްވައިފައެވެ. އޭނާ ވިދާޅުވީ، ސަރުކާރުން ނުފޫޒު ބޭނުން ކޮށްގެން ޔާމީންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށާއި މިހާރު އެ ކުރައްވަނީ އެ ހައްގުތައް އަނބުރާ ހޯދުމުގެ މަސައްކަތް ކަމަށެވެ.

ސުޕްރީމް ކޯޓަށް ރައީސް ޔާމީން ހުށަހެޅުއްވި މައްސަލަ ނިންމަން އެކޯޓަށް ހަތް ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355