ކުޅުދުއްފުށި ސިޓީގައި ސިޔާސީ ވަޒީފާތަކުގައި 40 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށާއި ނަމަވެސް އެ ރަށުން އެއްވެސް މަޝްރޫއެއް ނުފެންނަ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ކުޅުދުއްފުށި ސިޓީގައި އެކަނި ޕޮލިޓިކަލް ޑިރެކްޓަރުންނާއި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 40 އަށް ވުރެ ގިނަ މީހުން ތިބި ކަމަށް އެ ރަށުން މައުލޫމާތު ލިބޭ ކަމަށެވެ.
އެއިން ކޮންމެ ބޭފުޅަކަށް 25،000ރ. އާއި 35،000ރ. ދެމެދުގެ މުސާރައެއް ލިބޭނެ ކަމަށާއި ނަމަވެސް އޭގެ ސަބަބުން ރަށަށް ފައިދާއެއް ނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
"މިވަރުގެ އަދަދުގެ ބޮޑެތި ސިޔާސީ މަގާމްތަކުގައި ތިބޭ ކަމަށް ވަންޏާ ހާދަވަރަކަށް ކުޅުދުއްފުށި ހިނގަން ވާނެ. ވަރުގަދަ އަށް ހިންގާލެވެން ވާނެ." ޔާމީން ވިދާޅުވި އެވެ.
ސަރުކާރުން ބޮޑެތި މަޝްރޫއުތަކުގެ ވާހަކަ ދެއްކުމަށް ފަހު ހާއްސަކޮށް ރަށްރަށުގައި އެއްވެސް މަޝްރޫއެއް ނުހިންގާ ކަމަށް ބުނެ ޔާމީން ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.
މި ވެރިކަމުގެ ބާކީ އޮތް ދުވަސްތައް ވެސް ދާނީ އެއްވެސް މަސައްކަތެއް ނުހިނގާ އަދި ރައްޔިތަކަށް ފައިދާ ނުވެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.