ރިޝްވަތާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ އަބްދުﷲ ޔާމީން ގޭބަންދަށް ބަދަލުކުރުމަށް ފަހު އަނެއްކާ ވެސް ބަންދަށް އިތުރު ލުޔެއް ދީފި އެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން 11 އަހަރަށް ޖަލަށް ލާފައި ހުންނެވި ރައީސް ޔާމީން ގެއަށް ބަދަލުކޮށްފައި ވަނީ މިމަހުގެ އެކެއްގައެވެ.
ޖަލުގައި ހުރުމަށް ފަހު ޔާމީން ގެޔަށް ބަދަލުކުރީ ރިޔާސީ އިންތިހާބަށް ފަހު މި މަހުގެ އެއް ވަނަ ދުވަހު އެވެ. އެއީ ސިއްހީ ސަބަބުތަކަށްޓަކައި ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފަ އެވެ.
އެ މަނިކުފާނުގެ ބަންދަށް ލުއި ދިނުމާ ގުޅޭ ގޮތުން ކަރެކްޝަނަލް ސާވިސްއިން ބައެއް އޮންލައިން ނޫސްތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ހިދުމަތަށް އެންގެވުމަށްފަހު، ސިއްހީ ފަރުވާއާ ގުޅުންހުރި ކަންކަމަށް އެމަނިކުފާނަށް ގެކޮޅުން ބޭރަށް ވަޑައިގަތުމަށް މިހާރު ލުއިދީފައިވާ ކަމަށެވެ.
ޔާމީން ގެއަށް ބަދަލުކުރި ދުވަހު ކަރެކްޝަންސްއިން ބުނި ގޮތުގައި، އެ މަނިކުފާނު ގެކޮޅަށް ބަދަލު ކުރީ ވަގުތީ ގޮތުންނެވެ. އަދި، އެމަނިކުފާނު ދެން ވެސް ހުންނަވާނީ ޖަލު ހުކުމެއްގައި ކަމުން އެ މަނިކުފާނާ މެދު އަމަލު ކުރާނީ ގައިދީއަކާ މެދު އަމަލު ކުރާ އުސޫލުގެ ދަށުން ކަމަށް އޭރު އެ ހިދުމަތުން ބުނެފައިވެއެވެ.
ފަތުރުވެރިކަމަށް އާރަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި އެ ފައިސާ ލޯންޑާ ކުރުމުގެ ދެ ދައުވާ ވެސް ސާބިތުވެ، މިދިޔަ ޑިސެމްބަރު 25ގައި ކްރިމިނަލް ކޯޓުން ވަނީ އެ މަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ.
ރައީސް ޔާމީން ގެއަށް ބަދަލުކުރީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ހާމަވުމާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މަނިކުފާނު ގެއަށް ބަދަލުކުރުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަތް ފަހުންނެވެ.
ރައީސް ޔާމީންގެ އިސްތިއުނާފް މަރުހަލާގައި މިހާރު ކުރިއަށް ދަނީ އެ މަނިކުފާނުގެ މައްޗަށް އިއްވާފައިވާ ދެ ހުކުމުގެ ތެރެއިން މަނީ ލޯންޑަރިންގެ މައްސަލައެވެ. އެ މައްސަލައިގައި ފަނޑިޔާރުންނާއި ވަކީލުން ސުވާލުކުރުމުގެ މަރުހަލާ ކުރިއަށް ދާއިރު، އަދި މި މައްސަލައިގެ އަޑުއެހުންތައް ނިމޭނެ އިރެއް ނޭނގެއެވެ.