ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިވެހި ސަރުކާރުން ޚިދުމަތް ދޭން ފެށި އެއާ އެމްބިއުލާންސްގެ ފުރަތަމަ ދަތުރު ކުޅުދުއްފުށީ ސިޓީއަށް ކޮށްފިއެވެ.
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި އޮތް ބަލި މީހަކު ބަލައި އެއާ އެމްބިއުލާންސް ކުޅުދުއްފުއްޓަށް ދިޔައީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. މި ހިދުމަތް ފޯރުކޮށްދޭނީ އެއާ އެންބިއުލާސްއަށް ހާއްސަކޮށްފައިވާ DHC-8-200ގެ ބޯޓެއްގައެވެ.
ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ހިދުމަތް ކުއްލި ހާލަތްތަކުގައި 24 ގަޑިއިރު ފޯރުކޮށްދޭނެއެވެ.
ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އެއާ އެމްބިއުލާންސްގައި، ކުއްލި ހާލަތްތަކުގައި ރާއްޖޭގައި ހުރިހާ ކަންކޮޅުތަކުން ފަރުވާ ލިބެންހުރި އެންމެ ކައިރި ޓާޝަރީ ހޮސްޕިލަކަށް ބަލިމީހުން އުފުލާނެއެވެ. އަދި، އެއާ އެމްބިއުލާންސްގައި ތަމުރީނުވެފައިވާ 15 ސިއްހީ ހިދުމަތްތެރިންނާއި ވަސީލަތްތައް ގާއިމުކޮށްފައި ހުންނާނެއެވެ.
އޭގެ ތެރޭގައި، ޑޮކްޓަރުންނާއި ނަރުހުން އަދި އެމަޖެންސީ މެޑިކަލް ޓެކްނީޝަނުން ހަރަކާތްތެރިވާނެއެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް އިއްޔެ ފެށިއިރު އަދި ބޯޓެއްގައި އުފުލާނީ ދެ ބަލި މީހުންނެވެ. އެކަމަކު، ހިދުމަތް ފުޅާކުރަމުންދާއިރު އެ އަދަދު އިތުރުކުރާނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ސަރުކާރުގެ އަމާޒަކީ އެއާ އެމްބިއުލާންސްގައި ބަލި މީހުން ރާއްޖެއިން ބޭރަށް ވެސް ގެންދިއުމެވެ. އެގޮތުން، އެ ކަމުގެ މަޝްވަރާތައް އަވަށްޓެރި ސްރީލަންކާއާ އެކު ކޮށްފައިވާއިރު، އެ ގައުމުގެ ސަރުކާރުން ވަނީ އިމަޖެންސީ ހާލަތްތަކުގައި ދެ ގަޑިއިރު ތެރޭގައި ފްލައިޓު ދަތުރުކުރަން ހުއްދަ ދޭން ނިންމައިފައެވެ.
އެއާ އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދޭން ފަށާފައިވާއިރު، މީގެ ކުރިން ބަލި މީހުން އުފުލަމުން އައީ އިންޑިއާއިން ހަދިޔާކޮށްފައިވާ މިލިޓަރީ ހެލްކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ބޭނުންކޮށްގެންނެވެ.
އެ އުޅަނދުތައް އޮޕަރޭޓުކުރަން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވައިލުމަކީ ވެސް މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. ވައުދާ އެއްގޮތަށް އިންޑިއާ ސިފައިން ފޮނުވައިލަން ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް ރައީސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް ދޭނީ ހެލްތް މިނިސްޓްރީ އައިލެންޑް އޭވިއޭޝަން އަދި އެންސްޕާއާ ގުޅިގެންނެވެ.